އެންއައިސީއަށް ޖަވާބުދާރީވާން ދެކޮޅު ހަދާނަމަ ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ
ބަލަމުންދާ މައްސަލަތަކުގައި އެ ކޮމިޝަނަށް ހާޒިރުނުވާ ފަރާތްތަކާއި, މައުލޫމާތު ހިއްސާކުރަން ދެކޮޅު ހަދާ ފަރާތްތައް ޖޫރިމާނާ ކުރެވޭ ގޮތަށް ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.
އެކަން ހާމަކޮށްފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
އެންއައިސީގެ ސެކެޓްރީ ނަފްހާ ހަސަން ވިދާޅުވީ ކޮމިޝަންގައި މައްސަލަތައް ފުނިޖެހިފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މައްސަލަތަކުގައި މީހުންގެ ފަރާތުން ލިބޭ އެއްބާރުލުން ކުޑަވުން ކަމަށެވެ. ނަފްހާ ވިދާޅުވީ އެކަމަށް ހައްލު ގެނެވޭނީ ކޮމިޝަނަށް މައުލޫމާތު ހިއްސާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިގެނެވެ.
"އެހެންމަ ކުރިއަށް އޮތްތަނުގައި، އަވަސް މުސްތަގްބަލެއްގަ އަޅުގަނޑުމެން ޖޫރިމަނާކުރާނަން..., ޖަވާބު ދާރީ ނުވާ ފަރާތްތަށް ޖޫރިމާނާ ކުރުމަށް ގަވާއިދެއް ހަދައިގެން އެއަށް އަމަލު ކުރަން ފަށާނަން." ނަފްހާ ވަނީ ބުނެފައެވެ.
ތަހުގީގު މައްސަލަތަކާއި ގުޅިގެން މުއައްސަސާތަކުން އެދޭ މައުލޫމާތު ހޯދުމުގައި ލަސްތަކެއް ހުރިކަން އެންއައިސީން ފާހަގަކުރި އެވެ.
މީގެ އިތުރުން މުވައްޒަފުން މަދު ކަމަށާއި، އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
އެންއައިސީ އަކީ ތަފާތު ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ ގާބިލު ބޭފުޅުން ހިމެނޭ ގޮތަށް، 2015 ސެޕްޓެމްބަރު 6 ވަނަ ދުވަހު އައްޔަންކޮށްފައިވާ ކޮމިޝަނެކެވެ.
އެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަހުސިއްޔަތެވެ.
އެންއައިސީގެ މަގްސަދަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމާއި، އެފަދަ އަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަހުގީގުކުރުމެވެ.