ޚަބަރު

ބްރިޖާއި ހައިވޭއިން ޓޯލް ފީ ނަގަން ފަށާނީ އަންނަ އަހަރު ފަހުކޮޅު: މިނިސްޓަރު

އަލީ ސަމާޙް ، ދެން އޮންލައިން
ރޭ ބޭއްވި މާލެފަހި ޕްރޮގްރާމްގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ

މާލެ ސަރަހައްދުގެ ބްރިޖާއި ހައިވޭތައް ބޭނުންކުރާ އުޅަނދުތަކުން ޓޯލް ފީއެއް ތައާރަފް ކުރެވޭނީ އަންނަ އަހަރުގެ ފަހު ކޮޅުގައި ކަަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ސިނަމާލެ ބްރިޖުގައި ޓޯލް ނިޒާމު ގާއިމްކޮށް ފީއެއް ތައާރަފްކުރަން ނިންމިކަން އިއުލާންކުރީ ރޭ، މާލޭ ސަރަހައްދުގެ މަގުތައް އަމާންކުރުމާއި ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވާލި "މާލެ ފަހި" ޕްރޮގްރާމުގަ އެވެ.

އެ ޕްރޮގްރާމުގެ ފޮތުގައި ލިޔެފައިވާ ގޮތުން ޓޯލް ފީ ނަގަން ނިންމި ސަބަބަކީ ބްރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެފަދަ ފީއެއް ނެގުމުގެ ނިޒާމެއް ގާއިމުކޮށް ތަންފީޒު ކުރުމަށެވެ. ނަމަވެސް މިކަން ކުރަން ފަށަން ނިންމާފައިވާ ތާރީހެއް ނުވަތަ ނަގާނީ ކިހާވަރެއްކަން އެ ފޮތުގައި ބަޔާންކޮށްފައެއް ނެތެވެ.

އަންނަ މަހު ޓޯލް ނެގުމާއި ގުޅޭ ގޮތުން ދިރާސާއެއް ކުރަން ނިންމާފައިވާއިރު، ޓޯލް ނަގަން ފަށާނެ ތާރިހަކާއި ގުޅޭ ގޮތުން "ދެން" އިން ސުވާލުކުރުމުން މިނިސްޓަރު އަމީން ވިދާޅުވީ އަމާޒު ހިފާފައިވަނީ އަންނަ އަހަރު ފަހުކޮޅަށް ފީއެއް ތައާރަފްކުރުމަށް ކަމަށެވެ.

"ޓޯލް ނެގެން ފެށޭނީ އަންނަ އަހަރު (2025) ފަހުކޮޅު ނުވަތަ އޭގެ އަނެއް އަހަރު ކުރީ ކޮޅުގައި" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ, ބްރިޖުން ޓޯލް ނެގުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. ޗައިނާގެ ހިލޭ އެހީއާ ސަރުކާރުން ހަރަދުކޮށް އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ވެސް ޓޯލް ނަގަން ޕްލޭން ކޮށްފައިވާކަން މިނިސްޓަރު ވިދާޅުވި އެވެ.

"ބްރިޖް ހުޅުވުމުގެ ކުރިން ވެސް އޮތީ ހުރިހާ ސާވޭއެއް ހަދާފައި, ތައްޔާރީތަކެއް ވެފައި, ޓޯލް އިންޓްރޮޑިއުސް ކުރަން. ނަމަވެސް އޭރު އިލެކްޝަން ކައިރިވެފައި އޮތުމާއި, ވެރިކަން ބަދަލުވުމާއެކު އެކަން ނުކުރެވި އޮތީ" އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަޝްވަރާކޮށްފައި އޮތް ކަމެއްކަން ހާމަކުރައްވަމުން ވިދާޅުވި އެވެ.

ޗައިނާގެ ހިލޭ އެހީއާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދިޔަ ސިނަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ނިންމާ ބޭނުންކުރަން ހުޅުވާލީ 2018 ވަނަ އަހަރުގެ އޮގަސްޓުމަހުއެވެ. މި ބްރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވި ގިނަ އަދަދެއްގެ ބަޔަކު ބްރިޖު ބޭނުންކުރަމުންދާއިރު ކިތަންމެ ކުޑަ އަގެއް ކަނޑައެޅިޔަސް ބްރިޖް މެއިންޓެއިން ކުރަންދާ ހަރަދު ޓޯލް އިން ލިބޭނެ ކަމަށް ވިދާޅުވި އެވެ. ދެއްވި ޔަގީންކަމަކީ ރައްޔިތުންނަށް ނުދެއްކޭނެވަރު ބޮޑު އަދަދެއް ނުނަގާނެ ކަމެވެ.

"އަޅުގަނޑަށް ޔަގީންކަން ދޭ ކަމަކީ ރައްޔިތުންނަށް ތަކުލީފަކަށްވާވަރުގެ އަދަދެއް ނުނަގާނަން. ފަންނީ މީހުންނާއި ޕަބްލިކް ކޮލްސަންޓޭޝަން މިކަމުގައި ހޯދާނަން. ބްރިޖް ވަރަށް ގިނަ މީހުން އެބަ ބޭނުން ކުރޭ, އެހެންވީމަ ހީނުކުރާ ވަރުގެ ކުޑަ އަދަދަކުން ވެސް އެކަން ކުރެވޭނެ" އަމީން ވިދާޅުވިއެވެ.

  1. ޑިމޮކްރަސީ

    ރައްޔިތުން އަތުން އެއްޗެއް ދަމައި ގަނެވޭނެ ގޮތްތައް ހޯދުންނޫންކަމެއްނުކުރޭ