މެމްބަރެއްގެ ގޮތުގައި ކަންގަނާގެ ފުރަތަމަ ވާހަކަ ފަންނާއި ސަގާފަތަށް
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި، ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުއަތު ފުރަތަމަ ފަހަރަށް މަޖިލީހުގައި ވާހަކަ ދައްކަވައިފި އެވެ.
އިއްޔެ އޮތް ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ކަންގަނާގެ ފުރަތަމަ ވާހަކަފުޅުގައި އަލިއަޅުއްވައިލީ ހިމާޗަލްގެ ފަންނާއި ސަގާފަތަށެވެ.
ދެއްވި ފުރުސަތަށް މަޖިލީހުގެ ރިޔާސަތަށް ޝުކުރު އަދާކުރައްވައި ކަންގަނާ ވާހަކަ ފެއްޓެވި އެވެ. އެއަށްފަހު މަންޑީގެ މުއްސަނދި ފަންނުވެރިކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވި އެވެ. އަދި އޭގެ ތެރެއިން ބައެއް ފަންނުތައް ނެތިގެން ދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މީގެ އިތުރުން ކަތު-ކުނި ކިޔާ ކޮންސްޓްރަކްޝަން ބާވަތަކާއި ގުޅޭގޮތުން ވާހަކަ ދެއްކި އެވެ. އަދި ހިމާޗަލްގައި އުފައްދާ އެކި ބާވަތުގެ އަންނައުނުތަކާއި ގުޅޭ ވާހަކަތަކެއްވެސް ދެއްކެވި އެވެ. ކަންގަނާ ދެއްކެވި ވާހަކަފުޅުގައި އިންޑިއާގެ އަމިއްލަ އުފެއްދުންތައް އިތުރު ކުރުމަށާއި އެފަދަ ފަންނުވެރިކަން ނެތިގެން ދިޔަނުދީ ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވި އެވެ.
ހިމާޗަލް ޕްރަދޭޝްގެ މިޔުޒިކީ އެކި ބާވަތްތަކަށް އަލިއަޅުއްވާލައްވައި ކަންގަނާ ވިދާޅުވީ މިފަންނު ނެތިގެން ދިޔަ ނުދީ ދެމެހެއްޓުމަކީވެސް ސަރުކާރުން ކުރަން ޖެހިފައިވާ ކަމެއްކަމަށެވެ. އަދި ސަރުކާރުން އަޅަން ގަސްތުކުރާ ފިޔަވަޅުތަކާއި ގުޅޭގޮތުން ކަންގަނާ ސުވާލު އުފެއްދެވި އެވެެ.
ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަ ކަންގަނާ ވަނީ އޭނާގެ އިންސްޓަގްރާމުގައި އާންމު ކުރައްވައިފަ އެވެ. އެއާއެކު ކަންގަނާގެ ސަޕޯޓަރުން ވަނީ ފަންނިއްޔާތަށް އޭނާ އިސްކަން ދޭތީ އެކަން ފާހަގަކޮށްފަ އެވެ. އަދި ބިރެއް ނެތި ކަންގަނާ އަދިވެސް ވާހަކަ ދައްކަވާތީ ސަޕޯޓަރުން ވަނީ ތައުރީފުކޮށްފަ އެވެ.
މިހާރު ފިލްމީ މަސައްކަތްތަކާއި ދުރުގައި ހުންނެވި ކަންގަނާ ކުރިން ޝޫޓުކޮށްފައިވާ ފިލްމެއް މިއަހަރު ރިލީޒް ވާނެ އެވެ. އަނުޕަމް ހޭރް އާއި ޝްރެޔާސް ތަލްޕަޑޭ، މަހީމާ ޗޯދުރީގެ އިތުރުން މިލިންދު ސޯމަން އާއިއެކު ކަންގަނާ ދެން އެންމެ އަވަހަށް ފެންނާނީ "އެމަޖެންސީ" އިންނެވެ.