ޚަބަރު ރައްޔިތުންގެ މަޖިލިސް

އިސްލާމީ ސަގާފަތުގައި ނުހިމެނުނަސް ތަރިކައަށް ވާތީ ރައްކާތެރިކުރަން ޖެހޭ އެއްޗެހި ހުރޭ: ވަޒީރު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

އިސްލާމީ ސަގާފަތުގެ ތެރޭގައި ނުހިމެނުނަސް ސަބަބުތަކާ ހުރެ ތަރިކައިގެ ތެރޭގައި ހިމެނޭތީ ރައްކާތެރިކުރަން ޖެހޭ ތަކެތި ހުންނަ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހޯމްލޭންޑް މިނިސްޓްރީ އާއި ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީ އަދި އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ބޭފުޅުންނާ އެކު ރައްޔިތުންގެ މަޖިލިހުގެ އިގުތިސޯދީ ކޮމީޓީން މިއަދު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކޮޕީރައިޓް ގާނޫނަކީ 2010 ވަނަ އަހަރުގެ ވުޖޫދުކުރި ގާނޫނަކަށްވާއިރު، އިސްލާމްދީނާ ހިލާފު އުފެއްދުންތަކުގެ ވާހަކައަށް ސީދާކޮށް ގާނޫނުގައި ރިއާޔަތް ކޮށްފައިވާ ނުވާ ކަމަށެވެ.

"ޓެކްނޮލޮޖީގެ ޒަމާނުގައި އެއްވެސް ކަހަލަ ލިމިޓޭޝަނެއް ނެތި އުފައްދަމުން ފަތުރަމުންދާ ތަން އަޅުގަނޑުމެންނަށް މި ފެންނަނީ. އެހެންވީމާ އެކަހަލަ އުފެއްދުންތަކަށް އެއްވެސް ހިމާޔަތެއް ނުލިބޭނެ ކަމަށް ސާފުކޮށް ބުނާ ނައްސެއް މީގައި އޮތް ކަމަކަށް އަޅުގަނޑަށް ފާހަގައެއް ނުކުރެވޭ،" އާދަމް ވިދާޅުވި އެވެ.

ކޮޕީރައިޓް ގާނޫނާއި މިހާރު ހުށަހަޅާފައިވާ އިސްލާހުގައި އެކަމަށް ބަލާފައި ނެތްކަން ފާހަގަކުރައްވާ އާދަމް ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ވާހަކަ އިސްލާހުގައި ގެނެސްފައި އެބަހުރި ކަމަށެވެ. އެފަދަ މުއާހަދާތަކުގައި އިސްލާމްދީނާ ހިލާފު އެއްވެސް ކަމެއްވާ ނަމަ، އެކަމެއް މަޖިލިހުން ފާސް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އޮތް ގޮތުން އެއްވެސް ކަހަލަ ލިމިޓޭޝަނެއް ނެތި، އޭގައި ހުރި ކަންކަން ހިމާޔަތް ކުރެވޭނެ ކަމަށް ދޭހަވާ ގޮތަށް އިބާރާތްތައް ހުރީ،" އާދަމް ވިދާޅުވި އެވެ.

ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި އިސްލާހުތަކާ މެދު ގޮތެއް ނިންމާއިރު އެފަދަ ކަންކަމަށް ސަމާލުވާން ޖެހޭ ކަމަށާއި އެހެންހުރި ކަންކަމާ ގުޅުންހުރި ކަންބޮޑުވުންތައް އެ މިނިސްޓްރީން ކުރާ ކޮމެންޓުގައި ހިމަނަން ބޭނުންވާ ކަމުގަ އެވެ.

އާދަމްގެ މި ވާހަކަތަކާ ގުޅިގެން ކޮމިޓީ ބައްދަލުވުމުގައި ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައި ވަނީ އޭނާ ފާހަގަކުރެއްވި ނުކުތާގެ މަގުސަދު ވިސްނިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ހެރިޓޭޖް މިނިސްޓްރީން ބަލަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ތަރިކަ އާ ގުޅުންހުރި ކަންކަން ހިމެނޭއިރު، ތަރިކައިގެ ތެރޭގައި ބައެއް ސަބަބުތަކާ ހުރެ ރައްކާތެރިކުރަން ޖެހޭ ތަކެތި ހުންނަ ކަމަށް ނަސީރު ވިދާޅުވި އެވެ.

"ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ސަބަބުތަކަށް ޓަކައި އަޅުގަނޑުމެން ރައްކާތެރިކުރަން ޖެހޭ އެއްޗެހި. އިސްލާމްދީނުގެ ސަގާފަތުގެ ތެރޭގައި ނުހިމެނޭ އެކަމަކު ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް އެއްޗެހި ހިމެނޭ،" އާދަމް ނަސީރު ފާހަގަކުރެއްވި އެވެ.

ހެރިޓޭޖް މިނިސްޓަރު ވިދާޅުވީ ކޮޕީރައިޓް ގާނޫނަށް އިސްލާހުތައް ގެންނައިރު، އަލަށް ގެންނަ އިސްލާހުތަކުގައި އެ ނަޒަރުން ވިސްނަވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!