ޚަބަރު ރައްޔިތުންގެ މަޖިލިސް

ކޮންޓްރެކްޓަރު ބަދަލުކޮށްގެންވެސް މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ ބަލަނީ

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހީމް ތޯރިގް މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ (ފޮޓޯ/ މަޖިލީސް)

ފެނަކަ ކޯޕަރޭޝަނުން މިދިޔަ ފަސް އަހަރު ތެރޭގައި ކޮންޓްރެކްޓުކުރި މަޝްރޫއުތަކުގެ ތެރެއިން ހުއްޓިފައިހުރި މަޝްރޫއުތައް ކޮންޓްރެކްޓަރު ބަދަލުކޮށްގެން ނަމަވެސް ފައްޓަވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހީމް ތޯރިގް މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން މިނިސްޓަރު ތޯރިގް ވަނީ، މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. އެގޮތުން، މިވަގުތު ފެނަކައިން ކޮންޓްރެކްޓުކޮށްފައި ހުރި މަޝްރޫއުތަކުގެ ތެރެއިން މަސައްކަތް ހުއްޓިފަ ހުރި މަޝްރޫއުތައް އަވަސް ކުރެވޭނެ ގޮތަކީ ކޮބާތޯ މެމްބަރަކު އެއްސެވި ސުވާލަަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވި ވަރަށް ގިނަ ރަށްރަށުގެ މަސައްކަތްތައް އޮތީ ހުއްޓިފަ ކަމަށެވެ. ހާއްސަކޮށް ރަށްރަށުގެ އިންޖީނުގޭގެ މަސައްކަތްތައް ހުއްޓިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެގޮތުން އައްޑޫ ސިޓީގަ އޮތީ މަސައްކަތް ހުއްޓިފަ. ފުވައްމުލަކު ސިޓީގެ މަސައްކަތްތައް ހުއްޓިފަ. ތިނަދޫގެ މަސައްކަތް ހުއްޓިފަ. ކުޅުދުއްފުށީގެ މަސައްކަތް ހުއްޓިފަ. އަޅުގަނޑު ދިޔަ ތަންތަން ވީމަ މި ދަންނަވަނީ އިނގޭތޯ؟ އެހެންވީމާ މި ހުރިހާ ތަނެއްގައި ވެސް މަސައްކަތްތައް ހުއްޓިފަ ހުރީ، މެދެއްހާ ހިސާބަށް ގޮއްސަ ހުއްޓިފަ ހުރީ." މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ އެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްނުދަަނީ އެއްވެސް ޕްލޭނެއް ނެތި މަސައްކަތްތައް ހަވާލުކޮށްފައިވާތީ އެވެ. އެހެންވެ، މިހާރު އޭނާ ގެންދަވަނީ ރަށްރަށަށް ކަރަންޓު ފޯރުކޮށްދެވޭނެ ގޮތްތައް ވަރަށް އިސްކަމެއް ދީގެން ބަލަމުން ނެވެ. ކޮންޓްރެކްޓަރު ބަދަލުކޮށްގެން ވިޔަސް މަސައްކަތްތައް ފަށަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.

"މިހާރު ފެނަކަ އިން ކުރަމުންދާ މަސައްކަތްތަކަކީ ކޮބައިތޯ ޕްރަޔޯރަޓައިޒްކޮށްގެން މިވަގުތު އެންމެ ބޮޑަށް ރަށްރަށަށް ބޭނުންވެފަ ހުރި ދާއިރާތަކަށް ޕަވާ ފޯރުކޮށްދެވޭނެ ގޮތަކީ ކޮބާތޯ؟ އެއީ ކޮންޓްރެކްޓަރު ބަދަލުކޮށްގެންވެސް ނޫނިއްޔާ ކޮންޓްރެކްޓަރާ އެއްކޮށް ނަމަވެސް އެ މަސައްކަތް ކުރެވިގެންދާނެ." ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ ބޭރުގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތަކުގެ ތެރެއިން މަސައްކަތްތައް ލަސްވާ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުން ބަދަލުކުރުމަށް ދަތި ކަމަށެވެ. އަދި އެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތެއް ބަލަމުންދާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!