ޚަބަރު ރައްޔިތުންގެ މަޖިލިސް

ހަބީބުގެ އިންޓަވިއު: އެޗްއާރުސީއެމްގެ ސްޓޭޓަސް މަތިކުރަން ދީން ބަދަލުކުރާކަށް ނުޖެހޭނެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަންގައި ހަބީބު ވާހަކަ ދައްކަވަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް, އެޗްއާރުސީއެމް, މިހާރު އޮތް "ބީ' ސްޓޭޓަސް އިން "އޭ" ސްޓޭޓަސް އަށް ބަދަލު ކުރުމަށް ކޮމިޝަން މެންބަރުންގެ ދީން ބަދަލު ކުރަން ނުޖެހޭނޭކަމަށް ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ އިންޓަވިއުގައި އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އެޗްއާރުސީއެމް ގެ މެންބަރުކަމަށް ކުރިމަތިލެއްވި، އީސީގެ ކުރީގެ ނާއިބު ރައީސް އަލްއުސްތާޛު އިސްމާޢީލް ޙަބީބު އާ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން، މިއަދު ކުރެއްވި އިންޓަރވިއުގައި، އެ ކޮމިޓީގެ މުޤައްރިރު ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އާއި، ހުރާދާއިރާގެ މެންބަރު ޑރ، އަނާރާ ނަޢީމު، އެޗްއާރުސީއެމް ގެ ތަސައްވުރު ރަނގަޅު ކުރުމަށް އިސްމާޢީލް ޙަބީބަށް ކުރެއްވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަނީ ސުވާލު ކުރައްވައިފަ އެވެ.

މި އިންޓަވިއުގައި ހަބީބު ވިދާޅުވީ އެޗްއާރުސީއެމް ގެ މެންބަރުކަން ލިބިއްޖެނަމަ، އޭނާ މަސައްކަތް ކުރައްވާނީ ޤާނޫނުއަސާސީ އާއި، ޤާނޫނުތަކުގެ ތަރަހައިގައި ކަމަށެވެ. އަދި އދ ގެ އިންސާނީ ޙައްޤު ކުރިއެރުވުމަށް ޖެނީވާ ގައި ޤާއިމު ކުރެވިފައިވާ މެކޭނިޒަމްގެ ތެރޭގައިވާ ގްލޯބަލް އެލަޔަންސް އޮފް ނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަން (GANHRI) ގައި އެޗްއާރުސީއެމް ހިމެނި ލިބިފައިވާ B ސްޓޭޓަސް، A ސްޓޭޓަސް އަށް ބަދަލު ކުރުމަށް ކޮމިޝަން މެންބަރުންގެ ދީން ބަދަލު ކުރަން ނުޖެހޭނޭ ކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ މުޢާހަދާތަކާ ގުޅިގެން ދިވެހިރާއްޖޭގައި ޢަމަލު ކުރަންޖެހޭނީ އިސްލާމް ދީނާއި ރާއްޖޭގޭ ޤާނޫނުއަސާސީ ގައި ޢަމަލު ކުރަމުންދާ އުސޫލްތަކުގެ އަލީގައި ކަމަށާއި، އޭޝިޔާ ޕެސިފިކް ފޯރަމުގައި މިކަމާ ގުޅޭގޮތުން ކަންއޮތްގޮތް އިތުރަށް އޮޅުންފިލުވައިދީގެން ސްޓޭޓަސް ހޯދަން ފެނިވަޑައިގަންނަވާ ކަމަށް މިއަދުގެ އިންޓަރވިއު ގައި ހަބީބު ވިދާޅުވި އެވެ.

ޙަބީބު ފާހަގަ ކުރެއްވި ގޮތުގައި، އެޗްއާރުސީއެމް އާ މެދު މީހުން ދެކޭގޮތް ބަދަލު ކުރަންޖެހެ އެވެ. މިގޮތުން، އެންމެ ފުރަތަމަ ކަމަކަށް އޭނާ ފާހަގަ ކުރެއްވީ، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ ސަޤާފަތެއް ރާއްޖޭގައި އަށަގެންނެވުމުގެ މުހިންމު ކަމެވެ.

އެގޮތުން، އެޗްއާރުސީއެމް އާ މެދު ދެކޭގޮތް ރަނގަޅުކޮށް ހޭލުންތެރި މުޖްތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރުމާއި، އެޗްއާރުސީއެމް އާ މެދު އެކި މުއައްސަސާތަކުން ދެކޭގޮތް ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި, މީޑިޔާތަކާ ގުޅިގެން ދިގު މުއްދަތަކަށް ކެމްޕެއިނެއް ފެށުމާއި، މަދަނީ ޖަމްޢިއްޔާ ތަކާއެކު މީހުން ހޭލުންތެރި ކުރުވުމާއި މީހުން ތަމްރީން ކުރުމާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި މީޑިޔާ ތަކާއެކީ ގާތްގުޅުމެއް އަށަގެންނެވުން އަދި އެޗްއާރުސީއެމް ޙަޤީޤީ ދައުރަށް ޢާންމުން ހޭލުންތެރިކުރުވުން މުހިންމު ކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ބައްދަލުވުން

ޙަބީބު އިންޓަރވިއުގައި ފާހަގަ ކުރެއްވި ގޮތުގައި، ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އިންސާނީ ޙައްޤުތަކަށް ރާއްޖޭގައި ޤާއިމް ކުރުމަށް މަސައްކަތްކުރުމުގެ ގޮތުން، ދިވެހިންނަށް ނުލިބިދާ ޙައްޤުތަކާމެދު ވަކާލާތުކޮށް އެ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރުމުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ. މިސާލެއްގެ ގޮތުން، ރަށްވެހިވުމުގެ ޙައްޤާއި، ގޯތި ގެދޮރުގެ ޙައްޤުގެ ވާހަކަ ޚާއްސަ ގޮތެއްގައި ފާހަގަ ކުރެއްވި އެވެ. މާލޭން އެންމެފަހުން ގޯތި ދިންގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރެއްވި އެވެ.

މީގެ އިތުރުން އެޗް. އާރު. ސީ. އެމުން ޢާންމުންނަށް ދޭ ޚިދުމަތްތައް އޮޓެމޭޓް ކުރުމާއި، މުއައްސަސާތަކާއެކީގައި ގުޅުން ބަދަހިކުރުމާއި، އެޗްއާރުސީއެމް ގެ މުވައްޒަފުންނަށް ޙައްޤު މިންވަރު ހޯދައިދިނުމުގެ މައްޗަށް ވާހަކަ ދައްކަވައި، އެޗްއާރުސީއެމް ގެ މުވައްޒަފުންގެ މުސާރަ އެހެން މިނިވަން މުއައްސަސާތަކާ އަޅާ ބަލާއިރު ކުޑަކަމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ހޯދުމުގެ މައްޗަށް އޭނާ ވާހަކަ ދެއްކެވި އެވެ. އަދި ހަމައެހެންމެ، ރާއްޖެއަށް އަންނަ ބިދޭސީންނާ މެދު ޢަމަލު ކުރެވޭގޮތް މިހާރަށްވުރެ ރަނގަޅު ނިޒާމަކުން ބަލަހައްޓަން ޖެހޭކަން ފާހަގަ ކުރެއްވި އެވެ.

ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ ގެ 10 ވަނަ ބައްދަލުވުމުގައި އެޗްއާރުސީއެމްގެ މެންބަރުކަމުގެ އަސާސީ ޝަރުޠުތައް އިސްމާޢީލް ޙަބީބު ގެ ހަމަވާކަން ކޮމިޓީން ފާސްކުރެއްވި އެވެ. މިއަދުގެ ކޮމިޓީގެ ނިންމުން ދެންދާނީ މަޖިލީހުގެ ތަޅުމަށެވެ. އެޗްއާރުސީއެމް އަށް ޙަބީބު ޢައްޔަނުކަން ފެނޭތޯ ނުވަތަ ނޫންތޯ ނިންމަވާނީ މަޖިލީހުގެ ތަޅުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގައި 21 އަހަރު ދުވަސް ވަންދެން ހަބީބު މަސައްކަތް ކުރެއްވި އެވެ. އިދާރީ މުވައްޒަފެއްގެ ގޮތުގައި އެކޮމިޝަނާއި ގުޅިވަޑައިގެންނެވި ހަބީބު އެންމެ ފަހުން ހުންނެވީ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!