ކުރީ ސަރުކާރުން ބަދަލުގެ ގޮތުގައި ދިން 2.4 ބިލިއަންގެ ތަފްސީލު ހޯދަނީ
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދައުލަތުން ދިން 2.4 ބިލިއަން ރުފިޔާގެ ތަފްސީލު ހޯދަން ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިއަދު ކުރިއަށް ދިޔަ އެ ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫގެ ވަނީ ކުރީގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލު ހޯދަން ކޮމިޓީއަށް ހުށަހަޅާފަ އެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ.
މަމްދޫހު ވިދާޅުވީ ރައްޔިތުންގެ ފައިސާއިން އެހާ ބޮޑު އަދަދެއް ބަދަލުގައި ދީފައިވާއިރު، އޭގެ ތަފްސީލު އެނގުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ.
"ނަމަވެސް މިހާ ބޮޑު އަދަދެއް، ރައްޔިތުންގެ ފައިސާ އިން ބަދަލުގެ ގޮތުގައި ދެވިފަ އޮތް އިރު އަޅުގަނޑުމެން އެބަޖެހޭ ކަންނޭނގެ ބަލާލަން މި ބަދަލުގެ ގޮތުގަ ދެވިފަ އޮތީ ކޮން ގޮތަކަށްތޯ، ކިހިނެއްތޯ، މިކަން އެބަޖެހޭ ކަންނޭނގެ ދިރާސާކުރަން." މަމްދޫހު ވިދާޅުވި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދި ސެޓްލްމަންޓް ކޮމެޓީ އުވާލައި، އެ ކޮމިޓީން ބަދަލުދޭން ނިންމާފައިވާ 10 ސެޓްލްމަންޓަކަށް އަމަލުކުރުން ހުއްޓުވާފަ އެވެ.
ރައީސް އޮފީހުން މީގެކުރިން ބުނެފައިވަނީ މިދިޔަ ނޮވެމްބަރު 17 އާ ހަމަޔަށް ބަދަލުގެ ގޮތުގައި 225 މިލިއަަނަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދިނުމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައަޅާފައިވާ ތަންތަން އަގު މަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާ އަރާ ކަމަށެވެ.
ކުރީ ސަރުކާރާ ގުޅޭ މައްސަލައެއް ހުށަހެޅުއްވުމުން ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ވަނީ، ހަމައެކަނި ކުރީ ސަރުކާރާ ގުޅޭ މައްސަލަ ބައްލަވާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ގަބޫލުކުރައްވާ ގޮތުގަ ހުރިހާ ސަރުކާރެއްގެ މައްސަލަތައް ވެސް ބަލަން ޖެހޭނެ އެވެ.
ޣަފޫރު، މަމްދޫހުގެ ހުށަހެޅުއްވުމާ އެއްކޮޅަށް ވޯޓު ދެއްވި ނަމަވެސް ޝަމްހީދު ވޯޓު ދެއްވީ، އެ ހުށަހެޅުއްވުމާ ދެކޮޅަށެވެ.
ދަވްލަތުންބަދަލު ދޭންޖެހޭނީ އިހުމާލެއް ނުވަތަ ހިޔާނާތެއް ސާބިތުވެގެން މިފަދަ ކަމެއްހިގާފައިވާނަމަ އެކަންކުރިމީހެއްގެ އަތުން ބަދަލު ނަގާ ދަވްލަތަށް އެބަދަލު ލިބެންޖެހޭނެ.