ޚަބަރު އިޖުތިމާޢީ

144 މަގު ބައްތިތައް ރައްކާތެރި މިންގަނޑަށް ނުފެތޭ، ރަނގަޅުކުރަން 21 ދުވަސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ރަށްރަށުގައި ހުރި މަގު ބައްތިތައް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެއްތުމަށް ރަށު ކައުންސިލުތަކަށް ފެނަކަ ކޯޕަރޭޝަން (ފެނަކަ) އިން އިތުރު މުއްދަތެއް ދީފި އެވެ.

Ads by Sosun Fihaara

ރ. އުނގޫފާރުގައި މަގު ބައްތިއަކުން މަގުމަތީގައި ހެދިފައި އޮތް ފެންގަނޑަކަށް ކަރަންޓު ލީކުވި ހާދިސާގައި ޒުވާނަކު ވަނީ ނިޔާވެފަ އެވެ. މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އޭނާ ނިޔާވެފައި ވަނީ ފެންގަނޑުގައި ކުޅެން އުޅުނު ދެ ކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.

މި ހާދިސާ އާއެކު ފެނަަކައިން ވަނީ ރަށްރަށުގެ މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފަ އެވެ. އިންސްޕެކްޝަނަށް ފަހު ގިނަ ރަށްތަކުގެ މަގު ބައްތިތައް ހުރީ ޔޫއާރުއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ނޫންކަން ފާހަގަކޮށް ފެނަކައިން ވަނީ އެކުންފުނިން ހިދުމަތް ދޭނީ މިންގަނޑުތަކަށް ފެތޭގޮތަށް ހުރި ބައްތިތަކަށް އެކަނި ކަމަށް ރަށްރަށުގެ ކައުންސިލުތަކަށް އަންގާފަ އެވެ.

ފެނަކައިން ޖޫން މަހުގެ ނުވަ ވަނަ ދުވަހު ކައުންސިލުތަކަށް އެންގީ އެ މަހުގެ 27 ވަނަ ދުވަހުގެ ކުރިން މަގު ބައްތިތައް ރައްކާތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް ބަދަލު ކުރުމަށެވެ.

ފެނަކައިން ދެމުންގެންދާ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ މަގު ބައްތިތައް ޔޫއާރުއޭއިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެއްތުމަށް ކައުންސިލުތަކަށް އެއް މަސް ދުވަހުގެ މުއްދަތެއް ދިން ކަމަށެވެ. އެ މުއްދަތު މިއަދަށް ހަމަވިއިރު، ކައުންސިލުތަކަށް އިތުރު ވަގުތު ބޭނުންވާކަން ފާހަގަކޮށްފައިވާތީ މި މަހުގެ 21 ވަނަ ދުވަހަށް އެ މުއްދަތު އިތުރުކޮށްދީފައިވާކަން މުއާޒު ފާހަގަކުރެއްވި އެވެ.

މުއާޒު ވިދާޅުވި ގޮތުގައި މުއްދަތަށް ހަމަވުމަށްފަހު އިތުރު ނުކުރާނެ ކަމަށާއި ޔޫއާރުއޭގެ މިންގަނޑަށް ނުފެތޭ ބައްތިތަކަށް ހިދުމަތް ނުދޭނެ ކަމުގަ އެވެ. ފެނަކައިން ވަނީ 144 ރަށެއްގައި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ނުފެތޭ ގޮތަށް ބައްތި ހުރިކަން ފާހަގަކޮށްފަ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ކައުންސިލުތަކުން އެދޭ ތަކެތި ފެނަކައިން ފޯރުކޮށްދޭނެ އެވެ. އެފަހުން އެކަން ކުރަން ޖެހޭނީ ކައުންސިލުތަކުން އަމިއްލަ އަށެވެ. ފެނަކައިން ބުނެފައި ވަނީ ކައުންސިލުތަކަށް ދަތިކަން ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންނަމަވެސް އެ ގޮތަށް އަމަލުކުރަން ނިންމާފައި ވަނީ އާންމު އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!