ޚަބަރު ދީން

ބައިތުލްމާލުން ނަގާ ދަރަނީގައި ރައްޔިތުންގެ ހައްގު ހިމެނޭ، ދަރަނި ލަސްކުރުމުން ލިބޭ ފާފަ ބޮޑުވެދާނެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދަރަނިން މިންޖުނުވެގެން އުޅެން ޖެހިދާނެތީ އެކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުއާ ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައި / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ބައިތުލްމާލުން ނަގާ ދަރަނީގައި ރައްޔިތުންގެ ހައްގު ހިމެނޭ ކަމަށާއި އެފަދަ ބޮޑެތި ދަރަނިތައް ނުދައްކާ ލަސްކުރުމުން ލިބޭ ފާފަ ބޮޑުވެދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by Sosun Fihaara

ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ދަރަނި ދިނުމާއި ދަރަނި ނެގުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ކަމަށެވެ. ދަރަނި ނަގަން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށާއި ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ނޫން ކަމަށެވެ. ދަރަނި އަދާކުރަން އަވަސްވެގަތުމަކީ ދަރަނި ނެގި ފަރާތަށާއި ދަރަނި ދޫކުރި ފަރާތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.

ބޮޑެތި ދަރަނިތައް ނަގަން ވާނީ އެފަދަ ދަރަނި އަދާކުރާނެ ގޮތުގެ ހިކުމަތްތެރި ރޭވުމެއް އޮވެގެން ކަމަށާއި ދަރަނި ނުދެއްކި، ޝަރީއަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެކަމުގެ ސަބަބުން ދުނިޔެ އާއި އާހިރަތް ނަގައިލެވޭ ކަމަކަށް އެކަން ވެގެންނެއް ނުވާނެ ކަމަށެވެ. އެފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީ އާ އެއްވަރަށް ހަރަދުތައް ކުޑަކޮށް، އިގުތިސޯދު ކުރުން ކަމަށެވެ.

ހުކުރު ހުތުބާގައި ބުނި ގޮތުގައި ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް، ދަރަނި ދެއްކޭނެ ގޮތް، މާތް މިންވަރު ކޮށްދެއްވާނެ ކަމުގަ އެވެ. ދަރަނި ނުދައްކައި ލަސްކުރުމަކީ ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަަމުގަ އެވެ.

"ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެކެވެ. އަދި ދަރަނި ނަގަނީ ބައިތުލްމާލުން ކަމުގައި ވަނީ ނަމަ، އެއީ އެންމެހާ ރައްޔިތުންގެ ހައްގުތައް އޭގައި ހިމެނޭ ދަރަންޏެކެވެ. އެހެންވެ އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑު ވެދާނެ ކަމެކެވެ،"

ދަރަނީގެ މުއާމަލާތަކީ ޝަރުއީ ހުކުމްތަކެއް ހުރި ކަމަކަށްވާއިރު، ދަރަނީގެ މުއާމަލާތެއް ކުރާއިރު، އެ ކަމާ ބެހޭ ލިޔެކިޔުމާއި ހެކި ހުންނަން ޖެހެ އެވެ. ފުރަތަމަ ކަމަކީ އެކަމާ ބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުމެވެ. އަދި މުއާމަލާތް ހިންގިއިރު، އެކަން ހިނގިކަން ކަށަވަރުކޮށްދޭ ހެކިން ބޭތިއްބުމެވެ. ކީރިތި ގުރްއާނުގައި ވަނީ އެކަންކަމަށް އަމުރުކުރައްވާފަ އެވެ. އޭގެ އިތުރުން ދަރަނީގެ އެއްބަސްވުން ލިޔާނެ މީހަކު ނެތް ހާލަތުގައި އިތުބާރެއްގެ ގޮތުން ރަހުނެއް ބޭއްވުމަށް ވެސް ވަނީ އަމުރު ކުރައްވާފަ އެވެ. ދަރަނީގެ މުއާމަލާތުތައް މިހާ ފުރިހަމައަށް ހިންގުމަށް އަންގަވާފައި ވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.

މިއަދުގެ ހުތުބާގައި ބުނެފައި ވަނީ ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރި ކަމެއް ކަަމަށެވެ. އެއީ ފާފަފުއްސެވުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. ވުމާ އެކު މީހަކު ދުނިޔެ ދޫކުރުމަށްފަހު، އޭނާގެ މައްޗަށް ކިތަންމެ ކުޑަ ދަރަންޏެއް އޮތަސް، އޭނާގެ ވާރުތަވެރީން އެ ދަރަނި އަދާކޮށްދޭން ޖެހޭނެ އެވެ. ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން ސަމާލުވާން ޖެހޭ ކަމެކެވެ.

ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެން ކަމަށާއި އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ހިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެ ކަމަށް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާކަން ފާހަގަކޮށް ހުކުރު ހުތުބާގައި ވަނީ ދަރަނިވެރިވެ، އެ ދަރަނިން މިންޖުނުވެގެން އުޅެން ޖެހިދާނެތީ އެކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުއާ ކުރުމަށް ގޮވާލާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!