ކަރަންޓު މީޓަރުތަކާ، ޕަވަ ސިސްޓަމްތަކާ ކުޅެގެން މަކަރެއް ނެހެދޭނެ: ސްޓެލްކޯ
ގޭބިސީތަށް ފޮނުވާ ކަރަންޓް ބިލަށް މަކަރު ނުހަދާނެ ކަމަށާއި، ކަރަންޓު މީޓަރުތަކާއި ޕަވަ ސިސްޓަމާ ކުޅެގެން މަކަރެއް ނަހަދާނެ ކަމުގެ ޔަގީންކަން ސްޓެލްކޯއިން އަނެއްކާވެސް ދީފި އެވެ.
ސްޓެލްކޯއިން އެ ޔަގީންކަން ދިނީ މިއަދު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ހިމެނިވަޑައިގަންނަވާ ގޮތަށް ބޭއްވި ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗީފް ޓެކްނިކަލް އޮފިސަރު އަހުމަދު އިގްބާލް ވިދާޅުވީ ކަރަންޓު ބިލުތައް ބޮޑުވުމުގެ ޝަކުވާ އަބަދުހެން ލިބޭ ކަމަށެވެ. އެހެން ނަމަވެސް މި އަހަރު އެ ޝަކުވާ އިތުރުވެ ދިގު ދެމިގެންދާ ކަމަަށް އިގްބާލު ވިދާޅުވި އެވެ.
އެހެންވެ ކަރަންޓު ބިލު ބޮޑުވާ ގޭބިސީތަކުގެ އެނާޖީ އޮޑިޓެއް ހަދަން ސްޓެލްކޯއިން ނިންމާފައިވާކަން އެ ޕްރެސްގައި ހާމަކުރި އެވެ. އިގްބާލް ވިދާޅުވީ އެ އޮޑިޓުން ކަސްޓަމަރުންގެ ކަންބޮޑުވުންތައް ބަލައި އެކަން ހައްލުކުރެވޭނެ ގޮތްތައް ކިޔައިދޭނެ ކަމަށެވެ.
ސްޓެލްކޯގެ އެކި ޑިޕާޓްމެންޓުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެ ޕްރެސް ބްރީފިން ގައި އެ ކުންފުނީގެ ސާވީސް ސެންޓަރުގެ ޖެނެރަލް މެނޭޖަރު އަހުމަދު ސައިފް ވަނީ ބިލް ހެދުމުގައި ސްޓެލްކޯއިން އޮޅުވާނުލާނެ ކަމުގެ ފުރިހަމަ ޔަގީންކަން ކަސްޓަމުންނަށް ދީފަ އެވެ.
"އަޅުގަނޑުމެން ކަސްޓަމަރުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ ސްޓެލްކޯއަކު ނެތޭ އޮޅުވާނެ އެއްވެސް އެއްޗެއް" - އަހުމަދު ސައިފް, ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު
ސައިފްގެ އެ ވާހަކަ އަށް ބާރު ދެއްވަމުން ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޓް ޑިޕާޓްމެންޓުގެ ޖެނަރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ބިލް ހަދަނީ މީޓަރުން ފެންނަން ހުންނަ ނަންބަރަަށް ކަމަށެވެ. ވިދާޅުވީ ބިލު ތައްޔާރުކުރަނީ މީޓަރުގެ ރީޑިންއަށް ކަމަށެވެ.
ސްޓެލްކޯ އިން ޕަވާ ސިސްޓަމާ ކުޅެގެން ކަރަންޓް ބިލު ބޮޑުކުރާ ވާހަަކަވެސް ދޭތެރެ ދެތޭރެއިން ދެކެވެ އެވެ. ސްޓެލްކޯގެ މާލޭ ޕަވާ ހައުސްގެ ޖެނެރަލް މެނޭޖަރު އަބްދުލް ގަފޫރު ވިދާޅުވީ މިހާރަކަށް އައިސް އެ ވާހަކަ ފެތުރޭލެއް ގިނަވިޔަސް އެއީ އެކަން ހިނގާ ގޮތް ނޫން ކަމަށެވެ. އޭނާ ވެސް ވިދާޅުވީ ސްޓެލްކޯއިން ސިސްޓަމްތަކާއި ނުކުޅޭނެ ކަމަށެވެ.
"އެއްވެސް ކަހަލަ އޮޅުވާލުމެއް ޕަވާ ޕްލާންޓް ތެރެއިން ނުހިނގާނެ, ތިބޭފުޅުން މީޓަރަށް އަރާ އެއްޗެއް އެއީ ހަމަ" ގަފޫރު ވިދާޅުވި އެވެ.
އެކަމަކު މިހާރަކަށް އައިސް އަނދާ ތެލާއި އުފައްދާ ޔުނިޓު މަހުން މަހަށް އިތުރުވަމުންދާ ކަން ފާހަގަކުރައްވާ ގަފޫރު ވިދާޅުވީ ބޭނުންކުރާ ކަރަންޓުގެ މިންވަރު އިތުރުވާކަން އެކަމުން އެނގޭ ކަމަށެވެ. އަދި އެއްވެސް އޮޅުވާލުމެއް ޕަވާ ޕްލާންޓް ތެރެއަކުން ނުހިނގާނެ ކަމުގެ ޔަގީންކަން ގަފޫރު ދެއްވި އެވެ.
ކޮންމެ އަހަރަކުވެސް ކަރަންޓް ބިލްތައް ބޮޑުވުމުގެ ޝަކުވާއަކީ މާލެއާއި އަތޮޅުތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންވެސް ކުރަމުން އަންނަ ޝަކުވާއަކަށްވާއިރު އާންމުކޮށް މި ޝަކުވާތައް ކުރިމަތިވަނީ ހޫނު މޫސުމުގެ ދުވަސްވަރެވެ. އެހެންނަމަވެސް މި އަހަރު އާދަޔާ ހިލާފަށް ކަރަންޓް ބިލުތައް ބޮޑުވެ, އަދިވެސް އެ ޝަކުވާތައް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯ އަދި ފެނަކައަށް ދަނީ ހުށަހަޅަމުންނެވެ.