ޚަބަރު

ޔޫކޭގައި މުސްލިމުންނާ މެދު ނަފްރަތު އުފެއްދުން އިތުރުވެފައިވާތީ ދިވެހިން ސަމާލުވާން އަންގައިފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ޔޫކޭގައި މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން/ ފޮޓޯ: ދަ ގާޑިއަން

އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ސިލްސިލާާ މުޒާހަރާތަކާ ގުޅިގެން ސަމާލުވުމަށް އެ ގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިންނަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގައި ސިލްސިލާކޮށް މުސްލިމުންނާ ދެކޮޅަށް މުޒަހަރާކުރަމުންދަނީ އެ ގައުމުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި މިދިޔަ ހޯމަ ދުވަހު ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދީ، ތިން ކުދިން މަރުވި ހާދިސާއާ ގުޅިގެން ނެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުން އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރުވާންޑައަށް ނިސްބަތްވާ 17 އަހަރުގެ ކުއްޖެކެވެ. ހައްޔަރުކުރި ކުއްޖާގެ ނަން ހާމަކޮށްފައި ނުވިޔަސް އެއީ މުސްލިމެއް ކަމަށް ބުނެ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެ މުޒާހަރާތަކާއި މުޒާހަރާތަކާއި ހަރަކާތްތައް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މި ހާލަތުގައި އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، ވަކިން ހާއްސަކޮށް ސައުތުޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އިތުރަށް ސަމާލުވުމަށް މިނިސްޓްރީން ވަަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، އެންމެ ފަހުގެ މައުލޫމާތު ހޯދައި އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމަށާއި އަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް  ތަބާވުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މިނިސްޓްރީން ވަނީ ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލާ އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، ހައިކޮމިޝަނާ ގުޅުއްވުމަށް އެދިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!