Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުލުހުންގެ އިހުމާލުން ސްކޭމެއްގެ މައްސަލައެއްގައި ބަޔަކު ދޫވެއްޖެ

ފުލުހުންގެ އިހުމާލުން ސްކޭމެއްގެ މައްސަލައެއްގައި ބަޔަކު ދޫވެއްޖެ
ހއ. ތުރާކުނު ހެލްތް ސެންޓަރުގައި މަސައްކަތްކުރަމުން ދިޔަ ނޭޕާލް ޑޮކްޓަރެއް އަތުން ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ދައުވާކުރި ދެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތިގެން ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލައިފި އެވެ. ފައިސާ ފޭރިފައިވަނީ ތުރާކުނު ސެންޓަރުގައި މަސައްކަތްކުރި ޑރ.އަމިތު ކުމާރު މަންޑަލްގެ އެކައުންޓުންނެވެ. ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވާ ގޮތުން އެކަމެއް ހިނގާފައިވަނީ ޑިސެންބަރު 3, 2018 ވަނަ ދުވަހުގެ ހަވީރު 5:30 ހާއިރެވެ. އެ ދުވަހު އަމިތުގެ ފޯނަށް ބޭންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައި އޮޅުވާލައިގެން ޖުމްލަ 45،000ރ ނަގާފައިވާ ކަމަށެވެ. އޮޅުވާލައިގެން ފައިސާ ހޯދިކަމުގެ ތުހުމަތު ކުރެވެނީ މުހައްމަދު ފާރިޝް އުމަރު, ފަރުމާ ވިލާ, ހުޅުމާލެ، އާއި ހ. ރަންރިޔާލަގެ މުހައްމަދު އަނޫސްއަށެވެ. މީގެ ތެރެއިން 20،000ރ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެ އެވެ. އެ މައްސަލަ ޑިސެންބަރު 4, 2018 ވަނަ ދުވަހު ފުލުހަށް ރިޕޯޓްކޮށް ބަޔާންދިން ނަމަވެސް ތުހުމަތުކުރެވޭ ފާރިޝްއާ ފުލުހުން ސުވާލުކޮށްފައިވަނީ އޭގެ 9 މަސް ފަހުން ސެޕްޓެމްބަރު 18, 2019 ގަ އެވެ. އަދި އަނޫސްއާ ފުލުހުން ސުވާލުކޮށްފައިވަނީ ގާތްގަނޑަކަށް 1 އަހަރާއި 6 މަސް ފަހުން, ޖޫން 17, 2020 ވަނަ ދުވަހު އެވެ. ގިނަ ދުވަސްތަކެއް ފަހުން މި މައްސަލައިގެ ތަހުގީގަށް ސުވާލުކޮށްފައިވާތީ ޝަރީއަތުން ކަންބޮޑުވުން ފާޅުކުރިކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ގައި ބުންޏެވެ. އަދި ފޯން ކޯލް ރެކޯޑިން ހޯދަން ފުލުހުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާކަންވެސް ޝަރީއަތުން ފާހަގަކުރި އެވެ. ޑރ. އަމިތުއާ، ފައިސާ ނެގިކަމުގެ ތުހުމަތު ކުރެވޭ މީހުންނާ މެދު ދެކެވިފައިވާ ފޯނު ކޯލުގެ މައުލޫމާތު ހޯދުމަށް ފުލުހުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ ގައި ދެ ފަހަރެެއްގެ އެދުނެވެ. އެއީ 2018 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. ޓެލެކޮމިއުނިކޭޝަން ގައި އެދިގެން ފުރަތަމަ ފަހަރު މައުލޫމާތު ލިބިފައިވާކަމެއް ނުވަތަ ނޫން ކަމެއް ހުކުމުން އެނގޭކަށް ނެތެވެ. ދެވަނަ ފަހަރު އެދުމުން އެ މައުލޫމާތު ކޮމިއުނިކޭޝަން އޮތޯރިޓީން އެންގި ނަމަވެސް ފުލުހުން އަތުގައި އެ އޮތް ކަމެއް އެނގޭކަަށް ނެތެވެ.
"ތުހުމަތުކުރެވޭ ފަރާތްތަކާ ފުލުހުން ސުވާލުކޮށް ހަގީގަތަކަށް ވާސިލުވުމަށްޓަކައި ތަހުގީގުގައި ބޭކާރު ގިނަ ލަސްވުންތަކެއް ފާހަގަކުރެވެއެވެ." - ކޯޓު އަމުރު
އެ މައްސަލާގައި ފާރިޝް އާއި އަނޫސްގެ މައްޗަށް ދައުވާކޮށްފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާއަށް އެ މީހުން އިންކާރުކުރެ އެވެ. އިބްތިދާއީ އަޑުއެހުމާއި ޝަރީއަތުގެ މަރުހަލާގައި ފާރިޝް ބުނީ ނުދަންނަ މީހަކު ގުޅާފައި އޭނާއަށް އޮޅިގެން އެކައުންޓަށް ފައިސާ ޖަމާކުރުވުނު ކަމަށް ބުނެ އެ ފައިސާ ނަގައިދިނުމަށް އެދުމުން ފައިސާ އަނބުރާ ހަވާލުކުރި ކަމަށެވެ. އަނޫސް ކޯޓުގައި ބުނީ ނާފިޒް ނަމަކަށް ކިޔާ އޭނާގެ ރައްޓެއްސެއް ގުޅައި ފައިސާ ޖަމާކުރުމުން ފައިސާ ނަގައިދިނުމަށް އެދުމުން އޭނާގެ އެކައުންޓުން ނުނެގޭތީ ދައްތައާއި ބޭބެގެ އެކައުންޓަށް އެ ފައިސާ  ނެގި ކަމަށެވެ. އަދި އެ ފައިސާ ހަވާލުކުރީ އެމްޕީއެލްއިން ނިކުތް "މުސްކުޅި މީހަކާ" ކަމަށް އަނޫސް ވަނީ ބުނެފަ އެވެ. އަމިތު ރާއްޖެ ދޫކޮށްފައި ގޮސްފައިވާތީ އޭނާގެ ހެކި ބަހެއް ނެގިފައެއް ނުވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް