ރިޕޯޓް

ސީއެސްސީއާ ކައުންސިލުތައް ކޯޅުމެއްގައި؛ އެސްޖީން އައްޔަންކުރަން އެހެން ގޮތެއް ނެތް؟

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ސީއެސްސީން ކައުންސިލަކާ އެކު ބޭއްވި ބައްދަލުވުމެއް: އައްޔަންކުރާ އެސްޖީންނާ މެދު ބައެއް ކައުންސިލްތަކުން ނުރުހޭ / ފޮޓޯ:ސީއެސްސީ

"މިއީ އަޅުގަނޑުމެންނަށް ދިމާވާ ޗެލެންޖެއް ބައެއް ފަހަރު (ސެކެރެޓަރީ ޖެނެރަލް) އައްޔަންކުރުމުގައި. ބައެއް ކައުންސިލްތަކުން އަޅުގަނޑުމެން އެގޮތަށް އައްޔަންކުރާ ފަރާތްތައް ކައުންސިލްގެ އިދާރާއަށް ނުވައްދާ ވެސް އެބަހުރި. އެގޮތަށް ދެ ކައުންސިލެއްގެ މައްސަލަ މީގެކުރިން ދިމާވެފައި އެބަހުރި،" ލޯކަލް ކައުންސިލް އިދާރާތަކުގެ އެސްޖީ އިން އައްޔަންކުރުމުގައި މިހާރު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފާހަގަކުރި މައިގަނޑު ކަމަކީ މި އެވެ.

Ads by Hajj Corporation

އެސްޖީގެ މަގާމަކީ ކައުންސިލުގެ އިދާރީ ހިންގުމުގެ އެންމެ އިސް މަގާމެވެ. އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ޒިންމާތައް ގިނަ އެވެ. ލާމަރުކަޒީ ގާނޫނުން މަތިކޮށްފައިވާ ކަންތައްތަކާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހެ އެވެ. އަދި އެ މަގާމަށް އައްޔަންކުރާ ފަރާތަކީ އިދާރާގެ މާލީ ޒިންމާދާރުވެރިޔާއަށްވެ، އެ މަސްއޫލިއްޔަތު ވެސް އޭނާ އާ ހަވާލުކުރެވެ އެވެ. ދާއިމީ މަގާމެއްގެ ގޮތުގައި ގިންތިކުރި ނަމަވެސް މަގާމަށް އައްޔަންކުރަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މަގާމަށް މީހުން ހޯދަން އިއުލާނު ކުރަނީ ސީއެސްސީންނެވެ.

އުސޫލު އޮތީ ފަސޭހަ ގޮތަކަށް ނޫން، ބަދަލެއް ބޭނުން
ކައުންސިލުތަކަށް އެސްޖީން އައްޔަންކުރަނީ ސީއެސްސީންނެވެ. އެ މަގާމަށް މީހަކު އައްޔަންކުރަނީ އިންޓަވިއުގައި 60 އިންސައްތައަށް ވުރެ މަތިން މާކްސް ލިބޭ މީހުންގެ ތެރެއިން މެރިޓް އުސޫލުން މަގާމަށް އެންމެ ގާބިލު މީހެއް ކަނޑައެޅުމަށްފަހު އެވެ. އެ ނަގާ މީހަކާ ގުޅޭގޮތުން ކައުންސިލްގެ ލަފަޔަކަށް ސީއެސްސީން އަހަ އެވެ. އައްޔަންކުރުމުގެ މަރުހަލާ ހިނގައި ގަންނަނީ އެއަށް ފަހު އެވެ.

އެހެން އޮތަސް އެ ކޮމިޝަނުން އެކަމުގައި ދޭ ލަފާ ކައުންސިލުތަކުން ބަލައިނުގަންނަ ފަހަރު އަންނަ ކަމަށް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އެކަން އެހެން ދިމާވާން މެދުވެރިވާ ސަބަބަކީ ކައުންސިލުތަކުގައި ސިޔާސީ ގޮތުން އެކި ފިކުރުތަކަށް ނިސްބަތްވާ މީހުން ތިބުމެވެ. ދޭ ލަފާ ކައުންސިލުތަކުން ގަބޫލުނުކުރިޔަސް ގާނޫނު އޮންނަ ގޮތުން އެފަދަ ލަފާތަކާ އެއްގޮތަށް އެ ކޮމިޝަނަށް އަމަލު ކުރެވެން ނޯންނަކަން ނާސިހު ފާހަގަކުރެއްވި އެވެ.

ސީއެސްސީން އެހެން ބުންޏަސް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) "ދެން އޮންލައިން" އަށް ވިދާޅުވީ އެ ގާނޫނަށް ބަދަލު ގެނައުމުގެ މަރުހަލާގައި އެކުލަވާލެވުނީ ކައުންސިލުގެ ރުހުމާ އެކު ކަމަށެވެ. ސަރުކާރުން ނިންމާ ނިންމުންތަކާ އެހެނިހެން އިދާރާތަކުގެ ނިންމުންތައް ކަނޑައެޅުމަށް ކަމަށް ބައްޓޭ ވިދާޅުވި އެވެ.

"ގާނޫނު އިސްލާހުވެގެން އައިއިރު ރުހުން ހޯދަން ޖެހޭ ހުރިހާ ކަމެއް ހުރީ މަޝްވަރާ ކުރަން ޖެހޭ ކަމަށް ބަދަލުކޮށްފައި. އެސްޖީ ނެގުން ވެސް، ބިމާ ކަނޑުފަޅު ވިއްކުން ވެސް ހަމަ އެހެން،" ބައްޓޭ ވިދާޅުވި އެވެ.

ކައުންސިލުތަކާއި އެސްޖީން ކޯޅުމަކަށް، ނިޒާމު ހުއްޓުމަކަށް؟

އެސްޖީން އައްޔަންކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އުސޫލުގެ ތެރެއިން މަގާމަށް އެންމެ ގާބިލު ކަމަށް ސީއެސްސީން ކަނޑައަޅާ މީހާ އައްޔަންކުރުމަށް ކައުންސިލުގެ ލަފަޔަށް ފޮނުވުމުން އެކަން ގަބޫލު ނުކޮށް "ބޮލާލާޖެހުމެވެ." ކޮމިޝަނުން ބުނާ އެންމެ ބޮޑު "ޗެލެންޖް" އަކީ އެކަމެވެ. ސީއެސްސީގެ ރައީސް ވިދާޅުވެފައި ވަނީ އެ ކޮމިޝަނުން އައްޔަންކުރާ އެސްޖީން ބައެއް ކައުންސިލު އިދާރާތަކަށް ނުވައްދާ މައްސަލަ އަންނަ ކަމަށެވެ. އެގޮތަށް ދެ ކައުންސިލެއްގެ މައްސަލަ ދިމާވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެފަރާތުން (އެސްޖީ) ޝަކުވާ ކުރީމާ އަޅުގަނޑުމެން ކައުންސިލަށް އަންގާނީ ވައްދަން. އެހެން ނަމަވެސް، ކައުންސިލުން އެ މުވައްޒަފަކު އޮފީހަކަށް ނުވެއްދީމާ ދެން އަޅުގަނޑުމެންނަކަށް އިތުރަށް ކުރެވޭނެ ކަމެއް ނޯވޭ. އަޅުގަނޑުމެންގެ ޒިންމާއަކީ އެއީ،" ކޮމިޓީގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ކުރު ތަފުސީލެއް ދެއްވަމުން ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ އޭގެ ތެރެއިން މައްސަލައެއް ކޯޓާ ހިސާބަށް ގޮސް އެސްޖީއަށް ވަޒީފާ ދޭން އެންގި ކަމަށެވެ. މައްސަލައިގެ ތެރެއިން އެ މުވައްޒަފު ވަޒީފާއިން ވަކިވުމުން ނުކުރާ މަސައްކަތަކަށް ދިގު މުއްދަތަކަށް ފައިސާ ދޭން ޖެހުނެވެ. ކައުންސިލުތަކުން އެގޮތަށް އަމަލު ކުރުމުން ކޯޓު މަރުހަލާގައި ޖަވާބުދާރީވާން ޖެހެނީ ސީއެސްސީއަށެވެ. ދިފާއުގައި އެ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޯންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އެމްއެލްސީއޭއިން ބޭއްވި ބައްދަލުވުމެއް: ކައުންސިލްތަކުން ދެކެނީ ސީއެސްސީން ބާރުތައް ދޫކޮށްލަން ޖެހޭ ކަމަށް / ފޮޓޯ:އެމްއެލްސީއޭ

ސީއެސްސީގެ ވާހަކަތައް އެ ބީދައިން ހުރި ނަމަވެސް ބައްޓޭގެ ނަޒަރުގައި އަސްލު މައްސަލައަކީ އެ ކޮމިޝަން މަރުކަޒީކޮށް ހިންގާ ހިންގުމެވެ. އޭނާ ވިދާޅުވީ ސީއެސްސީއަށް ގާނޫނުން ފެނިގެން އުޅެނީ އެސްޖީ އައްޔަންކުރުމާ ބެހޭ މާއްދާ އެކަނިހެން ހީވާ ކަމަށެވެ. އިދާރީ ދާއިރާއަށް ބާރުތަކެއް ދޫކޮށްނުލާ އަތޮޅު ނުވަތަ ސިޓީ ކައުންސިލާ އެއްބަސްވުމެއް ނެތި، ސީއެސްސީ މަސައްކަތްތައް ނުހިންގޭނެ ކަމަށް ބައްޓޭ ވިދާޅުވި އެވެ.

"އެސްޖީންގެ ވާހަކައަކީ ސިވިލް ސާވިސް ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ބާރުތައް ދޫކޮށްލުމުގެ ވާހަކަ ނުދައްކަން ދައްކަމުންދާ ބޭކާރު ވާހަކައެއް. ކޮމިޝަންގެ ހިންގުން ލާމަރުކަޒުވީމަ، ގިނަ މައްސަލަތަކަށް އެޑްރެސް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލުތަކުގައި އެސްޖީން ހަރުނުލަނީ ކީއްވެ؟

ލޯކަލް ކައުންސިލްތަކަށް 200 ސެކްރެޓަރީ ޖެނެރަލުން ހޯދަން ހުޅުވާލި ފުރަތަމަ ފުރުސަތުގައި 511 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 272 މީހެއް ޝޯޓްލިސްޓުކޮށް އިންޓަވިއު މަރުހަލާގެ ކުރިން އިމްތިހާނެއް ދިނެވެ. އެސްޖީންނަށް އައްޔަނުކޮށްފައި ވަނީ އެ މަރުހަލާތަކަށް ފަހުގަ އެވެ. އެހެން ނަމަވެސް އެފަހުން ދެން ޖެހުނީ ކައުންސިލުތަކަށް އެސްޖީން ބޭނުންވެގެން އިއުލާނު ކުރަންށެވެ. ކުރެވުނު އިއުލާނުތަކުގެ އަދަދު ވީ ގިނަ އެވެ. ބައެއް ކައުންސިލުތަކަށް ހަމަޖައްސާ މީހުން ވަޒީފާއިން ވަކިވުމުންނެވެ. ނޫންނަމަ އެ މަގާމަށް މީހުން ނުލިބިގެންނެވެ. އިހަކަށް ދުވަހު ވެސް ސީއެސްސީން ދެ އަތޮޅަކާއި 31 ރަށެއްގެ ކައުންސިލް އިދާރާތަކަށް އެސްޖީން ހޯދަން އިއުލާނު ކުރި އެވެ.

ރަށު ކައުންސިލްތަކުގެ އެސްޖީންނަށް މަހު މުސާރައަށް 9،300ރ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8،870ރ ލިބެ އެވެ. އަތޮޅު ކައުންސިލެއްގައި ނަމަ މުސާރައިގެ ގޮތުގައި މަހަކު 12،130ރ އަދި އެގްޒެކެޓިވް އެލަވަންސަށް 8،870ރ ދެ އެވެ. ސިޓީ ކައުންސިލްގެ އެސްޖީގެ މުސާރައަކީ މަހަކު 20،500ރ އެވެ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ ލިބޭނެ އެވެ. މީގެ އިތުރުން އެސްޖީންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ދެ އެވެ.

ސެކްރެޓަރީ ޖެނެރަލެއް "ހަރުނުލި" ކައުންސިލުތަކުގެ ތެރެއިން އެއް ކައުންސިލަކީ ނ. އަތޮޅު ކައުންސިލް އިދާރާ އެވެ. ބައްޓޭ ވިދާޅުވި ގޮތުގައި އެ އިދާރާގައި އެސްޖީއެއް ވަކި ނެތިގެން އެއްވެސް މައްސަލައެއް ދިމާނުވެ އެވެ. ކައުންސިލު ހިނގަމުންދަނީ ކުރީއްސުރެ ތިބި މުވައްޒަފުންނާ އެކު ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވެފައި ވަނީ ޑިޕާޓްމަންޓްތައް ހިންގާ ފަރާތްތަކަކީ ޕްރޮފެޝަނަލް، ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ.

އެސްޖީއޭ ކިޔައިގެން ދެކެވޭ ވާހަކަތަކަކީ ނިޒާމާ ގުޅޭ މާބޮޑު މައްސަލައެއް ނޫން ކަމަށް ބައްޓޭ ވިދާޅުވި އެވެ. އެއީ މުހިންމު ވާހަކަތަކާއި މައްސަލަތަކުގެ ވާހަކަ ނުދައްކަންވެގެން ދައްކާ ބަހަނާތަކެއް ކަމަށް ސިފަކުރެއްވި އެވެ.

މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ) ގެ ޗެއާޕާސަނަކަށް އިންތިހާބުވި ބައްޓޭ ވިދާޅުވީ ކައުންސިލު ރައީސް ސީދާ އެންމެ އެދޭ މީހަކު އެސްޖީއަށް ގެނައުމަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށެވެ. އިދާރާގައި ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ ތެރެއިން މުވައްޒަފެއް އެ މަގާމަށް ގެނައީމާ ރަނގަޅުވާނެ ކަމަށެވެ.

"އަލަށް ގަވަނަންސް ދާއިރާއަށް ވަންނަ މީހަކު އެސްޖީއަކަށް ގެނައުމަކީ އިދާރާތައް ހިނގައިގަންނަން އުދަނގޫވާނެ ކަމެއް. ޒަމާނުއްސުރެ އުޅެ، ތަޖުރިބާ ލިބިފައިވާ ފަރާތްތައް އިންސްޓިޓިއުޝަނަލް މެމޮރީ އާއި އުކުޅުތައް މާ ވަރުގަދަވެފައި، މާ ބޭނުންތެރިވާނެ،" ބައްޓޭގެ ބަހަކީ މިއީ އެވެ.

ކައުންސިލުތަކުން ދެކެނީ އެމީހުންނަށް ބާރު ދޫކޮށްލަން ޖެހޭ ކަމަށް

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ދެކިވަޑައިގަންނަވާ ގޮތުގައި އެސްޖީން އައްޔަންކުރުމުގައި ކައުންސިލުގެ އިސްވެރިޔާގެ ބަހެއް އޮތުމަކީ ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް މުވައްޒަފުން ނެގުމާއި އެކަންކަމާ ގުޅުންހުރި ކަންކަން ކައުންސިލުތަކަށް ދޫކޮށްލުން މާ މުހިންމު ކަމަށް އާޒިމް ގަބޫލުކުރައްވަ އެވެ. "ދެން އޮންލައިން" އަށް އޭނާ ވިދާޅުވީ ކައުންސިލުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސީއެސްސީ މުވައްޒަފުންނަށްވުމަށް ވުރެ އެ ކައުންސިލެއްގެ މުވައްޒަފުންނަށް ވުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

ކައުންސިލު މުވައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބަޔަކަށްވާއިރު، ސީއެސްސީ މުވައްޒަފުންނަށް ވުމުން އެ މީހުންނަށް ދޭން ޖެހޭ އަދި ދޭން ބޭނުންވާ ބައެއް އެލަވަންސްތައް ދިނުމުގައި ގޮންޖެހުންތައް ހުރިކަން މޭޔަރު ފާހަގަކުރެއްވި އެވެ.

"ސިވިލް ސާވިސް އޮނިގަނޑުން ހުރިހާ މުވައްޒަފުން ނެގި، ވަކި ހާއްސަ އޮނިގަނޑެއްގެ ތެރެއަށް. ސީދާ ކައުންސިލްގެ މުވައްޒަފުންނަށް ވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑަށް ފެންނަނީ. އެހެން ނޫނީ ތަން ހިންގަން ވަރަށް އުދަނގޫކޮށް މި އޮންނަނީ،" އާޒިމް ވިދާޅުވި އެވެ.

މޭޔަރު އާޒިމް ވިދާޅުވީ ކައުންސިލްގެ ހިދުމަތް ރަނގަޅުކުރަން މިހާރު އޮތް ގޮތް ބަދަލުކުރަން ޖެހޭ ކަމަށް / ފޮޓޯ:މާލޭ ސިޓީ ކައުންސިލް

އެމްއެލްސީއޭގެ ޗެއާޕާސަންގެ ނައިބު ވިދާޅުވެފައި ވަނީ މިހާރު އޮންނަ ގޮތުން ކައުންސިލްގެ މުވައްޒަފެއް މަސައްކަތް ނުކޮށް، ފަރުވާ ކުޑަކުރި ނަމަވެސް ވަޒީފާއިން ވަކިކުރުން ވަނީ އުދަނގޫ ކަމަކަށް ކަމަށެވެ. ސީއެސްސީން ގޮތެއް ނުނިންމާހާ ހިނދަކު، ތިން ހަތަރު މަސް ވާއިރު ވެސް އެފަދައިން އަމަލު ކުރާ މުވައްޒަފުންނަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ނެތް ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ނުދޭ މުވައްޒަފަކަށް އެއްވެސް ތަނެއްގައި ހުރެވިގެން ނުވާނެ ކަމަށެވެ. އަދި އެ މީހުންނާ ދޭތެރޭ އަވަސް ފިޔަވަޅުތައް އެޅެން ޖެހޭނެ ކަމަށެވެ.

"އެންމެ މީހެއް ވެސް ގޯސް ހަދަން ފަށައިފިއްޔާ، އެ ސެކްޝަންތަކުގެ މަސައްކަތް ހުއްޓި ހުރިހާ ބަދުނާމެއް ނަގަން ޖެހެނީ ސިޓީގެ މޭޔަރު ނޫނީ ކައުންސިލްގެ ރައީސް. އެހެންވީމާ އެގޮތަށް އޮންނަންޏާ އެއްވެސް ޒިންމާއެއް ނަގާކަށް ނުޖެހޭ ސިވިލް ސާވިސްއިން،" އާޒިމްގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

މާލޭގެ މޭޔަރު ވިދާޅުވި ގޮތުގައި ކައުންސިލަކުން ހިދުމަތް ނުދެވުނަސް އަދި އެ އިދާރާއަކުން ދެމުން އަންނަ ހިދުމަތްތައް ކަމުނުދިޔަ ނަމަވެސް ހުރިހާ ޒިންމާއެއް ނަގަން ތިބެނީ އެތަނަކާ ހަވާލުވެ ހުންނަ މީހަކު ކަމުގަ އެވެ. އެއީ ރައްޔިތުންނަށް ހިދުމަތް ދެވޭނެ ގޮތެއް ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެއްވެ އެވެ.

މިނިސްޓްރީގެ ވިސްނުން ހުރީ ހިޔާލާއި މަޝްވަރާއިން ހެޔޮ ބަދަލަކަށް

އެސްޖީން އައްޔަންކުރުމުގެ ބާރު ކައުންސިލްތަކަށް ދޫކޮށްލަން ޖެހޭ ކަމަށް އެފަރާތްތަކުން ދެކޭއިރު ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ވިސްނުން ހުރީ ވެސް ބަދަލަކާ ދިމާލަށެވެ. މިނިސްޓަރު އާދަމް ޝަރީފް އުމަރު "ދެން އޮންލައިން" އަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ގެންނަންވީ ހެޔޮ ބަދަލުތަކަކީ ކޮބައިކަން ދެނެގަތުމަށް މަޝްވަރާތަކާ އެކު ދިރާސާތައް ކުރަމުންދާ ކަމަށެވެ.

"ތި މައްސަލާގައި ކައުންސިލަރުންނަށް ގޮންޖެހުންތަކެއް އެބަހުރި، ސިވިލް ސާވިސް ކޮމިޝަނުން އެސްޖީން އައްޔަންކުރީމާ. ހަމަ އެއާ އެކީގައި ހަމައެކަނި ކައުންސިލުތަކަށް ދޫކޮށްލައިފިއްޔާ ކުދިކުދި ރަށްރަށުގައި އެސްޖީންނަށް ކުރިމަތިވާނެ ޗެލެންޖްތަކެއް ހުރި ކަމަށް އެސްޖީން ފާހަގަކުރައްވާ. އެހެންވީމާ މި ދެބައި ވެސް އެބައުޅޭ ތިކަމުގައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓްރީން މިކަމަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވެ އެވެ. އެ މިނިސްޓްރީން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ކައުންސިލްތަކާއި ސިވިލް ސާވިސް މީހުންނާ މަޝްވަރާ ކުރާށެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދާށެވެ. އެ ފަރާތްތަކަށް ފެންނަ ގޮތެއްގެ އިތުރުން ގައުމުތަކުގައި އަމަލު ކުރަމުން އަންނަ އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ބަލައި، ރާއްޖޭގެ މާހައުލާ އެންމެ ގުޅޭނީ ކޮން ގޮތެއްތޯ ދެނެގަތުމަށެވެ.

"މިހާރު މި ދަނީ އެކަމަށް ތައްޔާރުވަމުން. މި ހަފުތާގައި މި ބަލަނީ ގައުމީ ޔުނިވާސިޓީގެ ރިސާޗް ފައިނަލް ކުރައްވާނެ ކަމަށް. އެއާ އެކީގައި އަޅުގަނޑުމެން ޕަބްލިކް ކޮންސަލްޓޭޝަނެއް ވަރަށް އަވަހަށް ފައްޓާނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

"ޕަބްލިކް ކޮންސަލްޓޭޝަން" ގައި މިހާރު ހުރި މައްސަލަތަކާއި ކަންބޮޑުވުންތަކުގެ ވާހަކަ މިނިސްޓްރީން ފާހަގަކުރާނެ އެވެ. ކައުންސިލުތަކުގެ ނަޒަރުގައި އެސްޖީން އައްޔަންކުރުމުގައި އަމަލުކުރަންވީ ގޮތަކީ ކޮބައިތޯ ބަލާނެ އެވެ. ކައުންސިލްތަކުގައި ތިބި ސިވިލް ސާވިސްގެ މަސައްކަތް ކުރާ މީހުންނަށް ފާހަގަކުރެވޭ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެ އެވެ. ހަމައެއާ އެކު، ސިވިލް ސާވިސް ކޮމިޝަނުގެ މަޝްވަރާ ވެސް ހޯދާނެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އެމްއެލްސީއޭގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއް / ފޮޓޯ:ލޯކަލް ގަވަމެންޓް މިނިސްޓްރީ

"މި ކަމުގައި އަސްލު ދިމާވާ ދައްޗަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތް ކުރާނަން. ހައްލު ކުރާނަން އިރާދަކުރެއްވިއްޔާ ތި މައްސަލަ،" ލޯކަލް ގަވަމެންޓް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ނިޒާމަށް ގަދައަށް ވަކާލާތުކުރާ ބައްޓޭ ފާހަގަކުރައްވާ ނުކުތާތަކާ ގުޅޭ ހިސާބަކީ މި އެވެ. އޭނާ ވިދާޅުވާ ގޮތުން ނަމަ މުހިންމީ ތަރައްގީގެ ވަކި ޕްލޭނަކާ ލަނޑުދަނޑިތަކެއް ސާފުކޮށް ކަނޑައެޅިފައި އޮތުމެވެ. އެއީ:

  • ކައުންސިލުގެ އަމިއްލަ ވިސްނުމާއި ހިޔާލާ އެއްގޮތަށް ކަނޑައެޅި ބަޔާންކުރެވި މުވައްޒަފުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތުތަކަށްވުން
  • ރައްޔިތުންނަށް ތަފުސީލުކޮށް އާންމުކުރެވެމުންދާ އަޕްޑޭޓްތަކަށްވުން
  • ކައުންސިލު ނިންމުންތަކާ ބައްދަލުވުންތައް އެ މިސްރާބަށް ސީދަލަށް ގެންދިއުމާއި އޭގައި ނެތް ކަމަކާ ނޫޅުން

ބައްޓޭ ފާހަގަކުރެއްވި ގޮތުގައި ކައުންސިލްތައް ހިންގަން ބޭނުންވާ ގޮތަށް ނުހިންގިގެން އުޅެނީ އެ ޕްލޭންތައް ނުހުންނާތީ ކަމުގަ އެވެ.

މައްސަލައިގެ ހައްލަކަށްދާއިރު

ސީއެސްސީން ދެކޭ ގޮތުގައި ލޯކަލް ކައުންސިލު އިދާރާތަކަށް އެސްޖީން އައްޔަންކުރުމުގެ މައްސަލައިގެ ހައްލަކަށްދާ ނަމަ އޮތީ އެންމެ ގޮތެކެވެ. މައްސަލަ ހައްލު ކުރުމަށް އެ ކޮމިޝަނުން ހުށަހަޅާފައި ވަނީ ވެސް އެގޮތެވެ.

ސީއެސްސީގެ ރައީސް ވިދާޅުވި ގޮތުން "އެއީ އެ ބާރު މުތުލަގުކޮށް ކޮންމެވެސް އެއް އިދާރާއަކަށް ދޫކޮށްލުމެވެ." ކައުންސިލްތަކުން ބުނާ ގޮތުން ނަމަ، "އިދާރީ ދާއިރާތަކަށް ބާރުތަކެއް ދޫކޮށް ނުލައި ސީއެސްސީގެ މަސައްކަތްތައް ހިންގޭކަށް،" ނެތެވެ. އެކަން ނުވާ ނަމަ ނައިބު ރައީސް ފާހަގަ ކުރެއްވިހެން "މި މައްސަލައަށް ދުވަހަކުވެސް ހައްލެއް ނާންނާނެ،" އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!