ޚަބަރު އިޖުތިމާޢީ

މޯލްޑިވިއަނުން ޑާާކާ އަށް ކުރާ ދަތުރުތައް މެދުކަނޑަލާއިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާ ގުޅިގެން ގައުމީ އެއާލައިން މޯލްޑިވިއަނުން އެ ގައުމުގެ ވެރިރަށް ޑާކާ އަށް ޝެޑިއުލް ކޮށްފައިވާ ދަތުރުތައް މެދުކަނޑާލައިިފި އެވެ.

Ads by STELCO

ބަންގްލަދޭޝްގެ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި އަމަލު ކުރަމުންދާ ކޯޓާ ނިޒާމާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާގައި ހިނގާދިޔަ ކުރިމަތިލުންތަކާ ގުޅިގެން ގައުމުގެ ހާލަތު އިތުރަށް ގޯސްވެ، މުޒާހަރާގެ ބައިވެރިން އިއްޔެ ވަނީ ވެރިކަން ކުރަމުންދިޔަ ބޮޑުވަޒީރު ހަސީނާގެ ގެކޮޅަށް ވަދެފަ އެވެ. އޭގެ ކުރިން ހަސީނާ ވަނީ ބަންގްލަދޭޝް ދޫކޮށް ފިއްލަވަން އިންޑިއާއަށް ވަޑައިގެންފަ އެވެ. އަދި ހުންނެވި މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ބަންގްލަދޭޝްގެ ހާލަތު ގޯސްވުމާ ގުޅިގެން އެ އެއާލައިނުން އެ ގައުމުގެ ވެރި ރަށް، ޑާކާއަށް މިއަދު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކާއި ކުރިއަށް ކުރަން ޝެޑިއުލްކޮށްފައިވާ ދަތުރުތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

އެ ގައުމުގެ ހާލަތު ގާތުން ބަލަމުން އަންނައިރު، ދިމާވި މި ހާލަތާ ގުޅިގެން ދަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން މޯލްޑިވިއަނުން ފޯރުކޮށްދޭނެ އެވެ. ދަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އެއާލައިނުން އެންމެ އިސްކަންދޭނެ ކަންތައް ކަމުގައި މޯލްޑިވިއަނުން ބުނެ އެވެ.

އިތުރު މައުލޫމާތާއި އެހީތެރިކަން ހޯދުމަށް ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް ނުވަތަ [email protected] މެއިލް ކުރުމަށް މޯލްޑިވިއަނުން އެދެ އެވެ. ޑާކާގައި މިވަގުތު ތިބި ދަތުރުވެރިން ގުޅުމަށް ހާއްސަ ނަންބަރެއް ވެސް މޯލްޑިވިއަނުން ދީފަ އެވެ. އެއީ 8801621211316+ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!