އިގްތިސާދީ ކޮމިޓީން ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރަނީ
ސަރުކާރުން ޓެކްސީ ހިދުމަތް ފެށުމާ ގުޅޭ ގޮތުން ޓެކްސީ ޑްރައިވަރުންގެ ހުރި ޝަކުވާތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ޑްރައިވިން އެސޯސިއޭޝަން އާ ބައްދަލުކުރަން ނިންމައިފި އެވެ.
ފުރިހަމަ ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުމަށް ޒަމާނީ ކޮންޓްރޯލް ޓެކްސީ ލައިނެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން އިއުލާންކުރި "މާލެ ފަހި" ޕްރޮގްރާމްގަ އެވެ. އާމްދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަންނަން އުޅޭ ކަމަށް ބުނެ ޓެކްސީ ޑްރައިވަރުން މި ދޭތެރެއިން އިހުތިޖާޖު ކުރި އެވެ. އެކަމުގެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާ ވެސް ހިއްސާކުރި އެވެ.
މިއަދު ކުރިއަށް ދިޔަ އިގްތިސާދީ ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގައި މުގައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު (އަލިބެ) ވިދާޅުވީ ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފު ކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރަން ބައްދަލުވުމެއް ބާއްވައިދިނުމަށް އެދި ޑްރައިވާސް އެސޯސިއޭޝަނުން ކޮމިޓީއަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހުށަހެޅުއްވީ އެ ސިޓީގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ޓްރާންސްޕޯޓް މިނިސްޓްރީއާ ޑްރައިވާސް އެސޯސިއޭޝަން އެއް ވަގުތެއްގައި ހާޒިރުކުރުމަށެވެ.
މަސްލަހަތަށްޓަކައި އެންމެ ރަނގަޅީ ދެ ފަރާތްވެސް ވަކި ވަކިން ކޮމިޓީއަށް ހާޒިރުކުރުން ކަމަށް ކޮމިޓީގެ ނައިބު މުގައްރިރު، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އިތުރުކޮށްލީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ލިޔުމުން މިނިސްޓްރީގެ ބަހެއް ހޯދުމެވެ. އެއަށް ފަހު ޓެކްސީ ޑްރައިވަރުންނާ ކޮމިޓީން ބައްދަލުކުރުމެވެ. އެ ނިންމުން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ތިޔަގޮތަށް ރާއްޖެތެރޭގައި މާލެ ދަތުރުކުރާ ލޯންޗް ފަހަރުގެ ވެރިންނާއި ބައްދަލުކޮށް ސަރުކާރުން އަގު ކޮންޓްރޯލް ކޮށްދީ ބަލަ ހާދަ ބޮޑު އަގެކޭ އެނަގަނީ