ޚަބަރު

ޔާމީނުގެ ތަރައްގީއަށްވުރެ މި ފަހަރު ދެ ގުނަވާނެ: އަބްދުއްރަހީމް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އަބްދުالله/ ފޮޓޯ: ދެން

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އަށް ގެނެސްދެއްވި ތަރައްގީ ރައީސް ޑރ މުހައްމަދު މުއިއްޒު ދެގުނަކޮށްދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން, އަބްދުއްރަހީމް އަބްދުالله (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޔާމީންއާ އެކު ސިޔާސީ މަސައްކަތަށް ނިކުމު ވަޑައިގެންނެވި އަބްދުއްރަހީމް އެހެން ވިދާޅުވީ ހ.ވެޔޮވިލާ ގައި ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ހިނގަމުންދާ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފުރަތަމަ ދައުރަ ނިންމާލާނީ ރާއްޖެއަށް ބޮޑެތި ތަރައްގީ ގެނެސްދީފައި ކަމަށެވެ. އެއަށް ފަހު އަބްދުއްރަހީމް ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް މުއިއްޒު ކުރިމަތިލައްވާނީ އެކަންތައް ފުރިހަމަ ކުރައްވާފައި ކަމަށެވެ.

"ރައްޔިތުން ކެތްތެރިކަމާއެކު ހިނދު ކޮޅަކު މަޑުކޮށްލަންވަންވީ އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒުގެ ޒައާމަތުގެ ފުރަތަމަ ފަސް އަހަރުން ނިމިގެން ދެވަނަ ދައުރަކަށް އަޅުގަނޑުމެން ފަށާނީ ރައީސް ޔާމީން މި ގައުމަށް ގެނައި ތަރައްގީގެ ޑަބަލްކޮށްލަދީފައި އިރާދަކުރެއްވިއްޔާ" - އަބްދުއްރަހީމް

ޔާމީންގެ އެންމެ އަރިހުގައި އުޅުއްވި އަބްދުއްރަހީމް ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ވެސް މަސައްކަތް ކުރެއްވީ ޓީމަކުން ކަމަށާއި ލީޑަރަކު ލީޑަރަކަށް ވާނީ ފަހަތުގައި ބަޔަކު ތިބެގެން ކަމަށެވެ. އަދި އެ ލީޑަރަށް އިހުލާސްތެރި, އެ ލީޑަރުގެ އަގު ހިފަހައްޓައިދޭނެ ބަޔަކު ތިބެގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޔާމީން ޖަލަށްލުމުން އެމަނިކުފާނު މިނިވަންކޮށްދެއްވީ މި ސަރުކާރުން ކަމަށެވެ. އަދި މިހާރު ޔާމީންގެ އަރިހުގައި މަސައްކަތްކުރައްވަމުންދާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދު އަދި ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އޭރު ކޮބައިތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.

އޭރު ޔާމީން މިނިވަން ކުރަން ގޮވާލާ ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މުޒާހަރާތަކަށްވެސް ނުގޮސް އެކަމަށް އެ ބޭފުޅުން ފާޑުކިޔާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވާދަވެރިންނަށް ބަހުގެ ހޫނު ހަމަލާތައް ފޮނުއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުންގެ ހިތަށް ކިތަންމެ ތަދުވިޔަސް އަދި ކިތަންމެ އަސަރެއް ކުރިޔަސް ވެރިކަމުގައި ހުންނެވީ ޑރ މުއިއްޒު ކަމެވެ. އަދި ދެއިރު ދެ ދަޅައަށް ޖަލްސާ ބޭއްވި ކަމުގައި ވިޔަސް އެ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!