ދަނޑުވެރިންގެ ދުވަހުގެ ތާރީހު ބަދަލުކޮށްފި

ދިވެހިރާއްޖޭގެ ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ފާހަގަކުރަމުން އަންނަ 'ދަނޑުވެރިންގެ ދުވަސް' މި އަހަރު އެހެން ތާރީހެއްގައި ބާއްވަން ހަމަޖައްސައިފި އެވެ.
2009 ވަނަ އަހަރުން ފެށިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުން އައީ ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު އެވެ. އެކަމަކު އެ ދުވަހުގެ ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހުރަސްތަކެއް އެޅުމުގެ ސަބަބުން 2020 ވަނަ އަހަރު ވަޒީރުންގެ މަޖިލީހުން ފާސްކޮށް، ދަނޑުވެރިންގެ ދުވަސް އޮކްޓޫބަރު 15 ވަނަ ދުވަހަށް ބަދަލުކުރި އެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ސަރުކާރުގެ ގެޒެޓްގައި އިއްޔެ އާއްމުކުރި އިއުލާނެއްގައި ބުނީ، މި އަހަރުގެ ކަލަންޑަރުގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފެންނަން އޮތީ 2009 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމަޔަށް ދިވެހިރާއްޖޭގައި ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔަ ތާރީހް ކަމަށްވާ 10 އޮގަސްޓު ކަމަށެވެ.
އެހެންވެ މި އަަހަރުގެ ދަނޑުވެރިންގެ ދުވަހަކީ އަންނަ ހޮނިހިރު ދުވަހަަށް ބަދަލުކޮށްފައިވާ ކަމަށެވެ.