އިންޑިއާއިން އިތުރު 1000 ސިވިލް ސާވެންޓުން ތަމްރީނުކުރަނީ
ދިވެހި ސިވިލް ސާވެންޓުންގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް ސިވިލް ސާވީސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އިތުރު 1000 ސިވިލް ސާވެންޓުން އިންޑިއާ އަށް ތަމްރީނަށް ފޮނުވާ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) އިން ހިންގާ މި ތަމްރީނު ޕްރޮގްރާމަށް ދިވެހި ސިވިލް ސާވެންޓުން ފޮނުވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޗާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަޔަޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.
އިއްޔެ ފޮރިން މިނިސްޓްރީގައި ކުރިއަށް ދިިޔަ ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމަކީ ސަރުކަރުގެ މުއައްސަސާތަކުގެ ހަރުދަނާކަމާއި ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ ކުރިންވެސް އެކި ބެޗުތަކަށް ބަހާލައިގެން ތަމްރީން ހޯދުމަށް ސިވިލް ސާވެންޓުން އިންޑިއާއަށް ގޮސްފައިވާއިރު އޭގެ ތެރޭގައި ވުޒާރާތަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި ރަށު އަދި އަތޮޅު ކައުންސިލު ފަދަ ރާއްޖޭގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން ހިމެނެ އެވެ.
މީގެ ކުރިން ސިވިސް ސާވިސްގެ މުވައްޒަފުން އިންޑިއާއަށް ތަމްރީން ހޯދުމަށް ގޮސްފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ޖޫން 2019 ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުންނެވެ. އެ އެމްއޯޔޫގެ އަމާޒަކީ 5 އަހަރުގެ ތެރޭގައި 1000 ދިވެހި ސިވިލް ސާވެންޓުން ތަމްރީނު ކުރުމެވެ.