އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ރާއްޖޭގައި ގަހެއް އިންދައިފި
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖޭގައި ކާމަރަނގަ ގަހެއް އިންދައިފި އެވެ.
އެ ގަސް އިންދައިފާ ވަނީ ތިން ދުވަހުގެ މުއްދަތަކަށް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ލޮނުޒިޔާރަތް ޕާކުގަ އެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ އެ ގަހަކީ ރާއްޖެއިން ފަށާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމާއި އިންޑިއާގެ ޕްލާންޓްފޯމަދާ އިނީޝިއޭޓިވްގެ ދަށުން ކަމަށެވެ. އަދި އެއީ އިންޑިއާއާ ދެމެދު އޮތް ދެމިގެންވާ ރަޙުމަތްތެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް މިނިސްޓްރީއިން ބުނެ އެވެ.
ޖައިޝަންކަރު ވިދާޅުވީ އެ ގަސް އިންދުމަކީ ދެމެހެއްޓެނިވި މުސްތަގުބަލަކަށްކުރާ މަސައްކަތާއި އިންޑިއާއި ރާއްޖެއާ ދެމެދު އޮތް ދެމިގެންވާ ގުޅުމުގެ ރަމްޒެއް ކަމަށެވެ.
ޖައިޝަންކަރުގެ އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާޙިމާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު ވަޑައިގެންނެވި އެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ މި އަހަރުގެ ތިމާވެށި ދުވަހާ ގުޅިގެން 5 އަހަރުގެ މުއްދަތަށް ފަށާފައިވާ ޕްރޮގްރާމެކެވެ.