ޚަބަރު

ރާއްޖެ-އިންޑިއާ ގުޅުމަށް މަލާމާތްކުރަނީ ސިޔާސީ ޕޮއިންޓް ހޯދަން: ނަޝީދު

އަލީ ސަމާޙް ، ދެން އޮންލައިން
ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާ އެއް ގައި ރައީސް ނަޝީދު/ ފޮޓޯ: ދެން

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންޑިއާ އެކު ގުުޅުން ބަދަހިކުރަން ކުރަމުންދާ މަސައްކަތަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މަލާމަތްކުރަނީ ސިޔާސީ ޕޮއިންޓް ހޯދަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޫނު ރައްދެއް ދެއްވައިފި އެވެ.

Ads by Sosun Fihaara

ރަސްމީ އެކައުންޓުން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ މި ސަރުކާރުގެ ވެރިން އިދިކޮޅުގައި ތިބި އިރު އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެގެން ތިބުމާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ހަރަކާތް މިހާރު "ވެލްކަމް އިންޑިއާ" އަށް ބަދަލުކޮށްފައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދާދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަ އަށް ފާޑުވިދާޅުވެފަ އެވެ.

"އޭރު ވިދާޅުވަމުން ގެންދެވީ އިންޑިއާ އައުޓޭ، 9 މަސް ވީއިރު މިހާރު އޮންނަނީ ވެލްކަމް އިންޑިއާ.... އަޅުގަނޑުމެން އުއްމީދުކުރަނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން ހޫނު މަރުހަބާ އެއް ކިޔައި ރާއްޖެ-އިންޑިއާ ގުޅުން ކުރިން އޮތް ގޮތަށް ކުރިއަށްގެންދަވާނެ ކަމަށް" އެމްޑީޕީގެ އެކްސް އެކައުންޓުން ހިއްސާކޮށްފައިވާ ވީޑިއޯގައި ޝާހިދު ވިދާޅުވެފައިވެ އެވެ.

އެ ވީޑިއޯ ރީޕޯސްޓު ކުރައްވާ އެމްޑީޕީގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކަށް މަރުހަބާ ކިޔުމުގެ ބަދަލުގައި، ކުރިން ކަންވެފައި އޮތް ގޮތަށް މަލާމާތް ކުރުމުން އެނގެނީ ދެ ގައުމު ގުޅެން ނޭދޭކަން ކަމަށެވެ.

"ބޭނުންވަނީ ސިޔާސީ ޕޮއިންޓް ހޯދަން، އުސޫލުގައި ނުހިފެހެއްޓޭނެކަން" ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ރައީސް މުއިއްޒުއާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ދެގައުމުގެ ދެމެދުގައި އޮތް ގާތް އަދި ތާރީހީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައިވެ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި އަށާވީސް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ހަވާލުކުރުމުގެ ގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އިންޑިއާއާއެކު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން ވަރުގަދަކޮށް ދެމެއްހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ދަނޑިވަޅުތަކުގައި އަގުނުކުރެވޭނެހާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި ރާއްޖޭގެ އެންމެ ގާތް އެކުވެރިއާ ކަމަށެވެ.

އިންޑިއާއާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައިއޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއްކަން ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިއޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!