ހާރިޖީ ސިޔާސަތަށް ބަދަލެއް ނާދޭ، މާއަފަށް އެދޭން ޖެހޭ ސަބަބެއް ނެތް: ރައީސް
މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ބަދަލެއް ނުގެންނަ ކަމަށާއި، އިދިކޮޅުގައި ތިއްބެވިި އިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލުވަން ގޮވާލާ ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅިގެން މާއަފަށް އެދެން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ކައުންސިލުގެ އިދާރާއިން ނިކުމެ ވަޑައިގެން އެމަނިކުފާނު ވަނީ މީޑީއާތަކާއި ވާހަކަ ދައްކަވާފަ އެވެ. ސަރުކާރުން މާފަށް އެދެން ޖެހޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ މި ސަރުކާރުން މިއަދުވެސް ތަންފީޒު ކުރަމުންދަނީ ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތު ކަމަށެވެ. އެއީ ރާއްޖޭގެ ސިޔާދަތާއި މަސްލަހަތަށް ބުރޫނާރާހެން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ހުރިހާ ގައުމަކާއި އެކު ސަރުކާރުން ގުޅުން ބޭއްވުމުގެ ސިޔާސަތު ކަމަށް ވިދާޅުވި އެވެ.
""އެ ސިޔާސަތުން ކަސިޔާރުވެގެން އެއްކައިރިއަށް ދިޔަ އެއްވެސް ވަގުތެއް ނާންނާނެ. އެހެންވީމަ އަޅުގަނޑުމެން މައާފަށް އެދެން ސަބަބެއް ނެތް" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް އިދިކޮޅުގައި އޮތް އިރު އިންޑިއާ ދެކޮޅަށް ހިންގި ހަރަކާތް މިހާރު ހަނދާން ނެތި އިންޑިއާ އެކު ގުޅުން ބަދަހިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ރޭ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ ޖައިޝަންކަރު އެމްޑީޕީގެ ލީޑާޝިޕުން ބޭއްވި ބައްދަލުކުރުވުމަށް ފަހު ނެރުނު ބަޔާނެއްގައި އެ ޕާޓީން ވަނީ "އިންޑިއާ އައުޓް" ކެމްޕެއިނުގައި ދެއްކި ވާހަކަތަކަށް ޕީއެންސީއާއި ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ރަސްމީ ދަތުރަށް ފަހު މިއަދު ފުރާވަޑައިގެންނެވި ޖައިޝަންކަރުއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖެ-އިންޑިއާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. ކުރިއަށް އޮތް ތަނުގައި އިންޑިއާއަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ޖައިޝަންކަރަށް ދެއްވާފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.