ޖައިޝަންކަރު ރާއްޖެއިން ފުރާވަޑައިގެންފި
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެއިން ފުރާވަޑައިގެންފި އެވެ.
ތިން ދުވަހަށް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު ޖައިޝަންކަރު މިއަދު ފުރާވަޑައިގެންނެވީ އައްޑޫ އެއާޕޯޓުން، އިންޑިއާގެ ޖެޓެއްގަ އެވެ.
އައްޑޫ އިން ފުރާވަޑައިގަތުމުގެ ކުރިން ޖައިޝަންކަރު ވަނީ އިންޑިއާގެ އެހީގެ ދަށުން އެ ސިޓީގައި ހިންގި މަޝްރޫއުތައް ކަމަށްވާ ހަންކެޑެ ބްރިޖާއި، ގޮނޑުދޮށް ހިމާޔަތްކުރުން އަދި ބިން ހިއްކުމުގެ މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވާފަ އެވެ.
އިއްޔެ، ޖައިޝަންކަރު ވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގި 28 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ހަވާލުކުރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންފަ އެވެ.
އޭގެ ކުރިން ޖައިޝަންކަރު، ރައީސް ޑރ މުހައްމަދު މުއިއްޒުއާވެސް ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ. ފޮރިިން މިނިސްޓަރު މޫސާ ޒަމީރު، ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާވެސް ޖައިޝަންކަރު ބައްދަލުކުރެއްވި އެވެ.
އިދިކޮޅު މައި ޕާޓީގެ ލީޑަރު އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާވެސް ޖައިޝަންކަރު ބައްދަލުވުކުރައްވާފައިވެ އެވެ.
ޖައިޝަންކަރުގެ ކުރެއްވި ދަތުރުގައި އިންޑިއާގެ އެހީގައި ކުރިއަށްގެންދާ ތިލަމާލެ ބްރިޖު ސައިޓުގެ މަސައަކްތަ ކުރިއަށްދާ ގޮތް ބަައްލަވައިލެއްވި އެވެ. އަދި ސަރުކާރުން ހިންގާ 5 މިލިއަން ގަސް ޕްރޮގުރާމުގެ ދަށުން ރާއްޖޭގައި ގަހެއްވެސް އިންދެވި އެވެ.