ޚަބަރު ރައްޔިތުންގެ މަޖިލިސް

ބިމު ކުލިން ލިބުނު އާމްދަނީ ދަށްވުމުން ކޮމިޓީއަށް މީރާ ހާޒިރުކުރަނީ 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ބިމު ކުލީގެ ގޮތުގައި ލިބެމުން އަންނަ އާމްދަނީ ދަށްވަމުން ދިއުމާ ގުޅިގެން އެކަމާ ގުޅޭގޮތުން މައުލޫމާތު އިތުރަށް ސާފުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ އިގުތިސޯދީ ކޮމިޓީއަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހާޒިރުކުރަން ނިންމައިފި އެވެ.

Ads by MWSC

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައި ވަނީ މީރާގެ 2022 އަދި 2013 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ 2022 ވަނަ އަހަރުގެ ޕާފޯމެންސް ރިޕޯޓު ދިރާސާކޮށް ގޮތެއް ނިންމުމެވެ.

ރިޕޯޓުން ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ރިޕޯޓުގައިވާ އަދަދުތަަކަށް ބަލާއިރު، 2022 ވަނަ އަހަރު ބިމު ކުލީގެ ގޮތުގައި ލިބެން ހުރި އަދަދުތައް ލިބިފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އެކަން އެގޮތަށް ދިމާވެފައި ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެންކަން ސާފުވާ ކަމަށެވެ. ދުނިޔެ ވެސް ބަންދުވެ، ރާއްޖޭގެ އިގުތިސޯދަށް އައި ހީނަރުކަމާ އެކީގައި ފަތުރުވެރިކަމުގެ ސިނާއަތް އެކީ ހުއްޓުނު ކަމަށެވެ.

ރިޕޯޓުގައި އެގްރިމެންޓާ ހިލާފުވެގެން ކުރެވޭ ޖޫރިމަނާތަކަށް އިޝާރަތް ކުރައްވާ ވިދާޅުވީ ކުރީ އަހަރުތަކާ އަޅާބަލާއިރު، 2023 ވަނަ އަހަރު އާމްދަނީން ދެ ބިލިއަން ރުފިޔާ ދަށްވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށެވެ.

"ކޮން ކޮން އެގްރިމެންޓެއްތޯ. ރިސޯޓުތަކުގެ އެގްރިމެންޓާ ހިލާފުވެ، ކޮންސްޓްރަކްޝަނަށް ދޫކޮށްފައިވާ މުއްދަތު ފަހަނައަޅައި ގޮސްގެންތޯ، ކޮން ކަހަލަ ޑޮކިއުމެންޓްތަކަކާ ހިލާފު ވެގެންތޯ. ތިން ބިލިއަން ރުފިޔާ ނުލިބި އެބައިން 2023 ގައި. 2022 ގައި އެބައިން ފަސް ބިލިއަން ރުފިޔާ. 2021 ގައި އެބައިން 5.5 ބިލިއަން ރުފިޔާ،" ނާޒިލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރީ އަހަރުތަކުގެ ރިޕޯޓާ ހުށަހެޅިފައިވާ ރިޕޯޓުތަކާ މާބޮޑު ތަފާތެއް ނެތް ކަމަށެވެ، އެހެންނަމަވެސް، ބައެއް ހުށަހެޅުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޓެކްސް އެޕީލް ގާނޫނަށް ގެނެވުނު އިސްލާހާ އެކީގައި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. މިހާރު ވެސް ހުރި ޓެކްސް ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގައި ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ނަަމަ ވީ އެންމެ އަވަހަކަށް އެކަން ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަންކަމާ މެދު މީރާއިން މައުލޫމާތު ސާފުކުރަން ފެންނަ ކަަމަށް ނާޒިލް ފާހަގަކުރެއްވި އެވެ.

ނާޒިލުގެ އެ ވާހަކަ އާ ގުޅިގެން ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވަނީ ރިޕޯޓުތަކާ ގުޅިގެން މެމްބަރުންނަށް ފާހަގަ ކުރެވުނު ކަންކަމާ މެދު އިތުރަށް މައުލޫމާތު ހޯދައި އޮޅުންފިލުވުމަށް މީރާގެ ކަމާބެހޭ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅާފަ އެވެ.

މައުރޫފުގެ އެ ހުށަހެޅުއްވުމަށް ހޯރަފުށީ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަލީ މޫސާ ތާއީދު ކުރެއްވި އެވެ. ރިޕޯޓާ މެދު ގޮތެއް ނިންމުމުގެ ކުރިން މީރާގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރުމަށް ޖަލްސާގައި ބައިވެރިވި ހަ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!