ރިޕޯޓް

މަންމަގެ މަސައްކަތް ފަސޭހަކުރުމަށް ދަރިފުޅު ހެދީ ތަފާތު މެޝިނެއް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޒަމީން ހެދި ތަފާތު މެޝިނަށް ގިނަ ބައެއްގެ ސަމާލުކަމެއް ވަނީ ލިބިފައި

"މެޝިނެކޭ" ބުނުމުން ގިނަ ބަޔަކަށް ގަބޫލު ކުރެވޭނީ އެއީ ރާއްޖެއިން ބޭރުން ގެނެސްގެން ބޭނުންކުރަމުންދާ އެއްޗެއް ކަމަށެވެ. އެފަދަ ތަކެތި އީޖާދު ކުރާ ދިވެހީން މަދުވީމަ އެވެ. ދިވެއްސަކު މެޝިނެއް ހެދީއޭ ބުނުމުން އަހަރުމެން އަދިވެސް އަޖައިބުވާނެ ކަން ޔަގީނެވެ.

Ads by Sosun Fihaara

ޕޭސްބުކްގައި މި ދުވަސްވަރު ދައުރުވާ "އޮށްކެޔޮ" ނުވަތަ މިދިލި އޮށް ފަޅާ މެޝިނެއްގެ ވީޑިއޯއިން ފެންނަނީ ބޭރުން އެތެރެކޮށްގެން އުޅޭ މެޝިނެއް ނޫނެވެ. އެއީ ށ. ކަނޑިތީމަށް އުފަން އުމުރުން 37 އަހަރުގެ އަހުމަދު ޒަމީންގެ މަސައްކަތެކެވެ.

ސްކޫލް ދައުރުގައި އިލެކްޓްރިކް އަދި އިލެކްޓްރޯނިކް އެއްޗެއްސަށް އުފެދުުނު ޝައުގާއެކު ރޭޑިއޯ ފަދަ ތަކެތި ރޫޅާ ހެދުމަކީ ވެސް އޭނާ ކޮށް އުޅުނު މަސައްކަތްތަކެވެ. ސްކޫލް ހަޔާތް 2004 ވަނަ އަހަރު ނިންމާލި ފަހުން ވެސް އޭނާގެ މަސައްކަތުގެ ހަޔާތް ގުޅިގެން ދިޔައީ ޅައިރުގައި ވެސް ގެންގުޅުނު ޝައުގުވެރި ކަމަށެވެ.

ޒަމީން މަސައްކަތުގައި/ ފޮޓޯ: ޒަމީން

ތައުލީމީ ހަޔާތަށް ފަހު އުމުރުން 18 އަހަރުގަ ރިސޯޓް ސިނާއަތަށް ނިކުމެ ޒަމީން ފުރަތަމަ މަސައްކަތްކުރީ ސޮނެވާ އިން އޭރު ހިންގަމުންދިލަ ގިލި ރިސޯޓް އެންޑް ސްޕާގަ އެވެ. އެތަނުގައި ދެ އަހަރެއްހާ ދުވަހު މަސައްކަތްކުރުމަށްފަހު ހަދަމުން ދިޔަ ގިނަ ރިސޯޓުތަކެއްގައި އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ.

މިހާރު ރ. އަތޮޅު އިފުރު އައިލެންޑް މޯލްޑިވްސްގެ ޗީފް އިންޖިނިއަރެއްގެ މަގާމުގައި ހުރި ޒަމީންއަކީ ރިސޯޓުގައާއި ޗުއްޓީގައި ރަށުގައި ހުންނައިރު އެފަދަ އެތައް މަސައްކަތެއް ކޮށްއުޅޭ މީހެކެވެ.

"ބޮޑަށް ރިސޯޓު ދާއިރާއަށް ނިކުމެވުނު ހިސާބުން ފެށިގެން ޓެކްނިކް ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެވުނު. އަމިއްލައަށް ބައެއް އެއްޗެހި ހަދަން ޖެހުނީމަ އަމިއްލަ އައިޑިއާސް ބޭނުންކުރަން ޖެހޭ."

އޮށްކެޔޮ މެޝިނެއް ހިޔާލަށް އައީ މަންމަގެ ސަބަބުން!

އޮށްކެޔޮ ފެޅުމުގެ މަސައްކަތް މަންމަ ނުކުރާ ހަނދާނެއް ޒަމީން ނުހުރެ އެވެ. އަދި މެޝިނެއް ހެދުމުގެ ހިޔާލު އޭނާއަށް އައީ ވެސް މަންމަ އެ މަސައްކަތް ކުރާތަން ފެނިގެންނެވެ.

"ސްކޫލް ދައުރުން ފެށިގެންވެސް މަންމަ އޮށް ކެޔޮ ފަޅާތަން ފެނޭ. ދެން ރިސޯޓުގައި އުޅޭތީވެ ރަށަށް ދާ ދުވަސްވަރެއްގައި މަންމަ ކުރާ ކަމެއްގެ ގޮތުގައި ފެންނަ ކަންތައްތައް އެއީ"

އިޖާދީ މަސައްކަތަކީ ބުރަ ކަމެކެވެ. ފުރަތަމަ ބުރަކުން ކާމިޔާބު ކުރަން ދަތި ކަމެކެވެ. މި މެޝިން އުފެއްދުން ވެސް ވީ އެފަދަ ކަމެކެވެ. އެފަދަ މެޝިނެއް ހެދުމުގެ ހިޔާލު އައި ނަމަވެސް އޮށްކެޔޮލަކީ ތަފާތު އެކި ސައިޒުތަކަކަށް ހުންނަ އެއްޗަކަށްވުމުން ތިލަ ހެދުން ވީ އުނދަގޫ ކަމަކަށެވެ.

ޒަމީން ބުނީ އެ ހިޔާލުގައި އުޅެމުން ދަނިކޮށް ތިލަ ހެދޭނެ ގޮތްތަކެއް ސިކުނޑިއަށް ނަގައިގަންނަން ފެށުނީ މިދިޔަ ޖެނުއަރީ މަހު އެވެ. އަހަރީ ޗުއްޓީއަށް ރަށަށް ގޮސް ހުރި އިރު މަންމަ އޮށްކެޔޮ ފަޅަން އިންދައި ފެނިގެނެވެ.

ތިލަ ވަކި ގޮތަކަށް ހަދައިގެން ކުރިއަށްދެވިދާނެކަން ގަބޫލުކުރެވިގެން ގޭކައިރި ހަދާފައި ހުންނަ ވޯކްޝޮޕަށް ވަދެ ހަތަރު ވަރަކަށް ތިލަ ހެދި ކަމަށް ޒަމީން ބުންޏެވެ.

ޒަމީން މަސައްކަތުގައި/ ފޮޓޯ: ޒަމީން

"މަންމަ އޮށްކެޔޮ ފަޅާތީ އެހެން އިންދާ ފެނިއްޖެ، ކޮފީއެއް ބޯން އަހަރެން އިނީ، ދެން އައި ހިޔާލެއް އެއީ މިވެނި ގޮތަކަށް ތިލަ ހަދާލައިފިއްޔާ ވޯކު ކޮށްލަފާނެ އޭ. އެހެންވެގެން ކޮފީ ނިންމާލާފައި ވޯކްޝޮޕަށް ހަމަ ހަދާލި ތިލައެއް ސާމްޕަލްއަކަށް ދެން އޭތި ވޯކް ކުރާ ގޮތްވީމާ ހަތަރު ވަރަކަށް ތިލަ އަޅުގަނޑު ހެދިން"

ގުދަނަކާއެކު އެ ފަދަ މަސައްކަތްތައް ކުރުމަށް ޒަމީން ހަދާފައިވާ ވޯކްޝޮޕްގެ ތެރޭގައި ހުރި ބައެއް ތަކެތި ބޭނުންކޮށްގެން އޮށްކެޔޮ މެޝިން ހަދާފައިވަނީ މައިގަނޑު ދަގަނޑު ބޭނުންކޮށްގެންނެވެ.

ކޮންމެ ދުވަހެއްގެ ގާތްގަނޑަކަށް 4 ވަރަކަށް ގަޑިއިރުގެ މަސައްކަތާއެކު 3 ދުވަސް ތެރޭގައި އެ މެޝިނުގެ މަސައްކަތް ޒަމީން ނިންމާލި އެވެ.

ޒަމީން ހެދި އޮށްކެޔޮ މެޝިން މިހާރުވެސް ބޭނުންކުރެ އެވެ. އެ މެޝިން ބޭނުންކުރަމުންދަނީ މަންމައާއި އަންހެނުންގެ އިތުރުން އޭނާގެ ދަރިންނެވެ.

ޒަމީން އޭނާގެ ދެ ދަރިންނާއެކު/ ފޮޓޯ: ޒަމީން

މީގެ 8 ވަރަކަށް މަސް ކުރިން ޒަމީން ހެދި އޮށްކެޔޮ މެޝިން ގިނަ ބަޔަކަށް ކަމު ގޮސްގެން އޭނާއަށް އަދިވެސް މެސެޖު ކުރަމުން އެބަދެ އެވެ. ގަންނަން ބޭނުން ވެގެންނެވެ. އެހެންވެ ވިޔަފާރިއަށް ބޭނުންކުރުމަށް އޮށްކެޔޮ މެޝިންގެ ޑިޒައިންގެ މަސައްކަތް މިހާރު ވަނީ ނިންމާލާފަ އެވެ.

ޒަމީން ބުނީ އޮށްކެޔޮ ފަޅާ މެޝިނަކީ އާންމުކޮށް ކުޑަކުދިން އުޅޭ ހިސާބުތަކުގައި ބޭނުންކުރެވޭ މެޝިނަކަށްވާތީ "ސޭޕްޓީ ފީޗާސްތަކެއް" އޭގައި ހިމަނަން ބޭނުންވާ ކަމަށެވެ. އަދި ރަށުން އެހެން ދިމަދިމާލަށް ޑެލިވަރީ ކުރާއިރު އެސެންބްލް ކުރެވޭނެ ޕެކޭޖަކަށް ހެދުމާއި އެ ޑިޒައިނަކީ ބޮކްސެއްގައި ޑެލިވަރީ ކުރެވޭނެ ގޮތަކަށް ހަދާފައިވާ ޑިޒައިނެއް ކަމަށެވެ.

ޒަމީންގެ އިތުރު މަސައްކަތްތައް

އޮށްކެޔޮ މެޝިންގެ އިތުރުން މިކަހަލަ އެއްޗެހި ޒަމީން ހެދި އެވެ. އޭގެ ތެރެއިން އެކައްޗަކީ އޭނާއާ ރައްޓެހިންގެ ގްރޫޕަކީ 2018 ވަނަ އަހަރު ހެދި އެލްމެނިއަމް ވިރުވާ މެޝިނެވެ. ކަޅުތެޔޮ ބޭނުން ކޮށްގެން ކޮންޕްރެސަރެއް މޮޑިފައި ކޮށްގެން ހެދި އެ މެޝިން ބޭނުންކޮށް އުޅެނީ "ޕްރީސިއަސް ގާބޭޖް" ގެ ނަމުގައި ޒަމީން ހަދާފައިވާ ތިމާވެއްޓަށް މަސައްކަތް ކުރާ ގްރޫޕްގަ އެވެ.

ޒަމީންގެ މަސައްކަތެއް

އެގޮތުން ރަށް ސާފުކުރާ ދުވަސް ދުވަހު ހޮވާ އެލްމެނިއަމް ދަޅު ފަދަ ތަކެތި ވިރުވަނީ އެ މެޝިނުންނެވެ. އެ މެޝިނަކީ ހަފްތާއެއްގެ މަސައްކަތުން ހެދި މެޝިނެއްކަން ޒަމީން ފާހަގަކުރި އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އިތުރު މެޝިންތައް ހެދުމުގެ އަޒުމު ޒަމީނުގެ އެބަ އޮތެވެ. ޒަމީނުގެ މި އުފެއްދުންތެރިކަން ގައިމު ގިނަ ބަޔަކު ބަލައިގެންފި އެވެ. ޒަމީންގެ އުފެއްދުންތަކަށް ރަނގަޅު ޑިމާންޑެއް ކުރިއަށް އޮތް ތަނުގައި ވެސް ލިބޭނެ ކަމުގެ އުންމީދު ހަމަ ބޮޑެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!