ޚަބަރު

ތޯހާގެ ސަފީރުކަމުގެ ފަތްކޮޅު ޕާކިސްތާނު ރައީސަށް އަރުވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ތޯހާ، ސަފީރުކަމުގެ ފަތްކޮޅު ޕާކިސްތާނު ރައީސަށް އަރުވަނީ/ ފޮޓޯ:ސައްޔިދު ގަޒަންފަރް އަލީ

ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތޯހާ މުހައްމަދު އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރްދާރީ އަށް ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފި އެވެ.

Ads by STELCO

ތޯހާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާނުގެ ރައީސް އޮފީހުގަ އެވެ. ތޯހާ ހިމެނިވަޑައިގަންނަވާހެން މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވި ބޭފުޅުންނަށް ގާޑް އޮފް އޮނާ އެއް އަރުވާފައިވެ އެވެ.

ޕާކިސްތާނުގެ ރައީސް އޮފީހާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ އެ ރަސްމިއްޔާތުގައި ތޯހާ އަށް މަރުހަބާ ވިދާޅުވެ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި ދައުރު އަދާކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޕާކިސްތާނުގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ޕާކިސްތާނުން ބޭނުންވަނީ އެކުވެރި ގައުމުތަކާ އެކު ވިޔަފާރީގެ ދާއިރާއާއި އިގްތިސާދީ އަދި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރަން ކަމަށް ރައީސް ޒަރްދާރީ ވިދާޅުވި ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.

ޕާކިސްތާނުގެ ސަފީރުގެ މަގާމަށް ތޯހާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.

މީގެކުރިން ސައުދީ އަރަބިއްޔާގެ ސަފީރަކަށް ތޯހާ އައްޔަން ކުރައްވަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައި، ރުހުން ހޯއްދެވުމަށް 19 ވަނަ މަޖިލިހަށް ފޮނުއްވައިފަ އެވެ.

އެކަމަކު އޭގެ ފަހުން ރައީސް ވަނީ ތޯހާ ޕާކިސްތާންގެ ސަފީރަކަށް ބަދަލު ކުރައްވަން ނިންމަވައިފަ އެވެ. އެ ނިންމުން ބަދަލުކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!