އައްބާސް މިހާރު ވިދާޅުވަނީ އިޒުރޭލު ޕާސްޕޯޓް މަނާކުރުމާ ދެކޮޅު ނޫން ކަމަށް!
އިޒުރޭލު ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމާ ދެކޮޅު ނޫން ކަމަށް ވިދާޅުވެ ކުރިން ދެއްކެވި ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް މިއަދު ދިފާއުކުރައްވައިފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އިންޝުއަރެންސް ބިލުގެ ބަހުސްގައި އައްބާސް ވިދާޅުވީ އިޒުރޭލު ޕާސްޕޯޓޭ ކިޔައިގެން އިދިކޮޅު މެންބަރުން މަޖިލީހުގައި ވާހަކަދައްކަވަނީ ފަތުރުވެރިކަން ބޮއިކޮޓުކުރަން ކަމަށެވެ. އިޒުރޭލުގައި އުޅެނީ ހަމައެކަނި ޔަހޫދީން ނޫންކަން އެ ވާހަކަ ދައްކާ މީހުންނަށް ހަމަ ރަނގަޅަށްވެސް އެނގޭނެ ކަމަށް އައްބާސް ވިދާޅުވެފައިވެ އެވެ.
އެ ވާހަކަތަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ފޮރިން އިންވެސްޓްމެންޓް ބިލުގެ ބަހުސްގައި އައްބާސް ވިދާޅުވީ ނޫސްތަކުން އެ ވާހަކަތައް އޮޅުވާލައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއާ ގުޅުން އޮންނަ ނޫސްތަކުން ކަމަށް ތުހުމަތު ކުރެއްވި އެވެ.
"އެމްޑީޕީގެ ބޭފުޅުން އެކަން ސިޔާސީ ކުރަން އެ ބޭފުޅުންނާ ގުޅުންހުރި ނޫސްތަކަށް ދޮގު ހަބަރު ފަތުރާފައި ވަނީ.... އަޅުގަނޑު އިޒްރޭލު ޕާސްޕޯޓް މަނާކުރުމާ ދެކޮޅެއް ނޫން" އައްބަސް ވިދާޅުވި އެވެ.
އޭނާ ސިފަކުރެއްވީ އިޒްރޭލު މީހުންނަކީ ފަލަސްތީނު މުސްލިމުންނަށް ޖެއްސުންކޮށް އަނިޔާވެރިވަމުންދާ އަދި އިސްލާމީ ނަސްލު ނައްތާލުމަށް މަސައްކަތް ކުރަމުންދާ ބައެއްގެ ގޮތުގަ އެވެ. އެފަދަ ބަޔަކަށް ރާއްޖެ އާދެވިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
"..އިޒުރޭލު ސަރުކާރާއި ސަރުކާރާ ގުޅުންހުރި އެންމެންނާ އަދި އިޒުރޭލުގެ މިލިޓަރީގައި މަސައްކަތް ކުރާ އެންމެންނާ އަދި މިލިޓަރީގައި މަސައްކަތް ކޮށްފައި ތިބި މީހުން. ހުރިހާ އެންމެންގެ ޕާސްޕޯޓް މަނާކުރަން ޖެހޭނެކަމަށް"
އިޒުރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ، ސަލާމަތީ ހިދުމަތްތަކަށް މަޖިލީހުގައި އޮންނަ 241 ކޮމިޓީއަށް ފޮނުވިތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ބިލް އެޖެންޑާ ކޮށްފައެއް ނުވެ އެވެ.
މީކާއީލް ހުށަހެޅުއްވި ބިލުގައި ވަނީ އިޒުރޭލު ޕާސްޕޯޓު އޮތް މީހުންގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓު އޮތަސް އިޒުރޭލު ޕާސްޕޯޓު އޮންނަ މީހުނަށް ރާއްޖެ އެތެރެވުން މަނާ ކަމަށް ބަޔާންކޮށް ގާނޫނަށް މާއްދާއެއް އިތުރު ކުރުމަށެވެ.
އެ ބިލު ހުށަހަޅުއްވާފައިވަނިކޮށް ސަރުކާރުގެ ކެބިނެޓުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފާސްކޮށްފަ އެވެ. އޭގެ ބިލެއް މަޖިލީހަށް ހުށަހެޅުމުން ސަރުކާރުންނާ ޕީއެންސީން ނިންމީ މީކާއީލް ހުށަހެޅުއްވި ބިލާ އެކު ކުރިއަށް ދިއުމަށެވެ.
ނަމަވެސް އިޒްރޭލް ޕާސްޕޯޓް އޮތް އެންމެނަށް ޖުމުލަ މާނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ވެސް ކުރަން ޖެހޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވެ އެވެ.