ޚަބަރު ރައްޔިތުންގެ މަޖިލިސް

ކްލިނިކްތަކުން ބޭރު ހޮސްޕިޓަލްތަކާ ގުޅިގެން ހިންގާ ސްކޭމެއް ނާޒިމް ތިލަކޮށްދެއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް

ރާއްޖޭގެ ކްލިނިތަކުން ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ސްކޭމެއް ހިންގާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މާލިއްޔަތު ކޮމިޓީގައި ތިލަކޮށްދެއްވައިފި އެވެ.

Ads by MWSC

އެ ކޮމިޓީގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީން ފޮނުވާފައިވާ ކުއާޓާލީ ޑެބްޓް ބުލެޓިން، ފިސްކަލް ސްޓްރެޓެޖީ ބަޔާނާ އަދި މެދު ރާސްތާގެ ދަރަނީގެ ސްޓެރެޓެޖީ ބަޔާނާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މާލިއްޔަތު ކޮމިޓީން މިހާރު ވެސް އާސަންދައިގެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށެވެ. މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އާސަންދައިން ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު އެބަހުރި ކަަމަށެވެ. އެކަމުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ވިދާޅުވެފައި ވަނީ އާދައިގެ ކްލިނިކްތަކަށް ދައްކަން ޖެހިފައި މިލިއަނުން ޑޮލަރު ދައްކަން ޖެހިފައި އެބަހުރި ކަމަށެވެ.

"ލޮލުގެ ފަރުވާދޭ ހޮސްޕިޓަލަކަށް އެބައިން ދެ މިލިއަން ޑޮލަރަށް ވުރެ ގިނައިން ދައްކަން ޖެހިފައި. ޖެހިގެން ހުރި ފާމަސީއަށް އެބައޮތް އެއް މިލިއަން ޑޮލަރަށް ވުރެ ގިނައިން ދައްކަން ޖެހިފައި،" ނާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ބޭރުގެ ބައެއް ހޮސްޕިޓަލުތަކުން ސްޕެޝަލިސްޓުން ރާއްޖެ ފޮނުވާފައި، އެ ސްޕެޝަލިސްޓުން ރެފާ ކުރާ ޕޭޝަންޓުން އެ ސްޕެޝަލިސްޓް އަންނަ ހޮސްޕިޓަލަށް ދައްކަން ދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ރާއްޖޭގެ ކްލިނިކްތަކާއި ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓުން ގުޅިގެން މީ ހަމަ ހިންގާ، އަނެއްހެން ދަންނަވަންޏާ ސްކޭމެކޭ ދެންނެވޭ ވަރަށް މި ކަންތައް ފެންނަން އެބަހުރި އަޅުގަނޑުމެންނަށް ފެންނަންހުރި ލިޔެކިޔުމުން،" ނާޒިމް ވިދާޅުވި އެވެ.

އެއް ކްލިނިކުން އެކަނި ވެސް 60 ޕޭޝަންޓުން ފޮނުވާފައިހުރިކަން ފެންނަން އެބައޮތް ކަމުގަ އެވެ. އެފަދަ ކަންކަމާ ގުޅިގެން "މިއަދުން މިއަދަށް ވެސް އާސަންދައިގެ ފޭދެމުންދާ ބާގަނޑު އެބަ ޖެހޭ ތިބޭފުޅުން ބައްދަން،" އޭނާ ފާހަގަ ކުރެއްވި އެވެ. ފެންނަން ހުރި ލިޔެކިޔުންތަކަށް ބަލާއިރު އާސަންދައަކީ މިގޮތަށް ސަރުކާރުން ފައިސާ ފޭދެމުންދާ އެންމެ ބޮޑު އެއް ތަނަށްވާއިރު، އިސްލާހީ ފިޔަވަޅުތައް އެޅޭނީ ކިހާ އަވަހަކަށްތޯ ސުވާލު ކުރެއްވި އެވެ.

އެ ސުވާލުގެ ޖަވާބުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ ކޮންމެހެން ކުރަން ނުޖެހޭ އޮފަރޭޝަންތައް ކުރެވިފައި އެބަހުރި ކަމަށެވެ. އެކަންކަމާ މެދު މުޖުތަމައު ވެސް ހޭލުންތެރިވާން ޖެހޭ ކަމަށެވެ. އާސަންދަ އާ ގުޅިގެން ހުރި ރިކޮމެންޑޭޝަންތަކަށް އޮކްޓޫބަރުގައި އަމަލުކުރަން ފެށޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!