ޚަބަރު

މިނިސްޓަރު ދެއްވީ 15 ވަރަކަށް އަހަރު ނުނިމި އޮތް ކިނބިދޫ ދަނޑުގެ އުންމީދު!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކިނބިދޫ ފުޓްސަލް ދަނޑު

އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅޭ ތ. ކިނބިދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަށް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިީލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ގެ ސުވާލަކަށް ޖަވާބުދެއްވަން މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިނިސްޓަރު ރާފިއު ހާޒިރުވެ ވަޑައިގެންނެވި އެވެ.

މިނިސްޓަރާ ސުވާލުކުރުމުގެ ފުރުސަތުގައި ކިނބިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަލީ އަޝްރަގު ވަނީ ދާއިރާގައި ހިމެނޭ ކިނބިދޫ އަދި ވަންދޫގެ ފުޓްސަލް ދަނޑުގެ މަސައްކަތް ފެށުމާއި ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

"މި ވަގުތު ތ ކިނބިދޫގައި ފުޓްބޯޅަ ކުޅޭނެ ދަނޑެއް އަދި ފުޓްސެލް ކުޅޭނެ ދަނޑެއް ނެތް. ފުޓްސަލް ދަނޑު ހަދާތާ މިވަނީ 15 އަހަރު" އަޝްރަގު ސުވާލުކުރެއްވި އެވެ.

އަޝްރަގުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ކިނބިދޫ ދަނޑުގެ މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރު އެ މަސައްކަތް ހުއްޓާލާފައިވާކަން މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

"ސަބަބަކީ ސައިޓަށް އަޅަން ޖެހޭ ވެލި އިތުރަށް އަޅާންޖެހޭތީއާ އަދިވެސް އެހެން ނޫން ވެސް ކަންކަން އުދަނގޫކޮށް ހުރުމުން ކަމަށް އެނގިފައި އޮތީ" ރާފިއު ވިދާޅުވި އެވެ.

"....އަޅުގަނޑުމެން ވަނީ އެމްޓީސީސީއާ ވާހަކަ ދައްކާފައި އެކަމަށް ބޭނުންވާ ކޯޓޭޝަންވެސް ގެނެސް އެކަން އަޅުގަނޑުމެން ވާނީ އެޕްރޫވްކޮށްފައި. އެމްޓީސީސީ މެދުވެރިކޮށް ކުރާ ވާހަކަ" މިނިސްޓަރު ވިދާޅުވީ ދަނޑަށް ބޭނުންވާ ޓާފްވެސް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. ސަބްބެސް ނިމެންވާއިރަށް ޓާފް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!