ޕީއެސްއައިޕީ މަޝްރޫއުތަކަކީ ނަމަކަށް ޖަހާ އެއްޗަކަށް ވެގެންނުވާނެ: ޝުޖާއު
ޕީއެސްއައިޕީ މަޝްރޫއުތަކަކީ ބަޖެޓުގައި ނަމަކަށް ޖަހާ މަޝްރޫއުތަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު ޝުޖާއު ވިދާޅުވީ ބަޖެޓުގައި ނުޖަހާ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންނުވާކަން ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ކޮމިޓީގައި ދެއްވި މައުލޫމާތުން އެނގޭ ކަމަށެވެ.
ކޮމިޓީ އަށް ފިނޭންސުން ހިއްސާކޮށްފައިވާ ޕްރެޒެންޓޭޝަނަށް އިޝާރާތްކުރައްވާ ޝުޖާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބަޖެޓް ޕްރެޒެންޓް ކުރާއިރު ޕީއެސްއައިޕީ މަޝްރޫއުތަކަކީ ކުރިއާ ހިލާފަށް 'ރިއަލިސްޓް' އަދަދުތަކެއްގެ މައްޗަށް އެކުލަވާލެވޭ ބަޖެޓަކަށްވާން ޖެހޭ ކަމަށެވެ.
"ނަމަކަށް (ޕީއެސްއައިޕީ މަޝްރޫއު) ޖަހާ އެއްޗެއްގެ ބަދަލުގައި އޭގެ ނަތީޖާ ނެރެވޭ ގޮތަށް'' އެއީ ފިނޭންސް މިނިސްޓްރީން އަޅާ އިސްލާހި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ 50 އިންސައްތަ ބޯހިޔާވަހިކަމަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވެފައިވާ ގޮތުންނަމަ އިންޑިއާގެ ލައިން އޮފް ކްރެޑިޓު ފެސިލިޓީގެ ދަށުން މިއަހަރު 4000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަކީ އަމާޒެކެވެ.
މިއަހަރު ނިމުމުގެ ރާއްޖޭގައި 85000 ހައުސިން ޔުނިޓް ގާއިމުކުރައްވާނެ ކަމަށްވެސް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.