ޚަބަރު ދީން

ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 15.5 މިލިއަން، ދެ ގުނަ އިތުރު އަދަދެއް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޒަކާތް ދައްކަނީ: މީރާއިން ބުނީ މުދަލު ޒަކާތުގެ ގޮތުގައި ޖުލައި މަހު 15.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި 15.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

Ads by STELCO

ޒަކާތް ނެރުން ވާޖިބު ވަނީ މުދަލުގައި ނިސާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތް ތަފާތުވުމުގެ ސަބަބުން ޒަކާތުގެ ނިސާބު ތަފާތުވެ އެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖުލައި މަހު ލިބިފައި ވަނީ 7.3 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ އެ މަހު 15.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ދެ ގުނަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު މުދަލު ޒަކާތުން ދައުލަތަށް 58.6 މިލިއަން ރުފިޔާ ލިބުނެވެ. މި އަހަރުގެ ޖުލައި މަސް ނިމުނުއިރު 66.3 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 13.1 އިންސައްތައިގެ އިތުރު ވުމެކެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު 140 މީހަކަށް އެހީ ދޫކޮށްފައިވެ އެވެ. އެހީގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރިއިރު، މައިގަނޑު ގޮތެއްގައި އެހީ ދީފައި ވަނީ ކެންސަރު، ހިތުގެ އޮޕަރޭޝަން، ޓްރާންސްޕްލާންޓް، ކިޑްނީ ބަލިތަކުގެ އިތުރުން ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ.

މުދަލު ޒަކާތުގެ ނިސާބަށް އެންމެފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ މެއި މަހު އެވެ. މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ކަނޑައަޅައި ޒަކާތު ހައުސްއިން ބުނީ ޒަކާތް ވާޖިބުވާ ނިސާބަކީ 9،353.40 ރުފިޔާ ކަމަށެވެ. މި އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތް ވާޖިބުވާ މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި 7،140 ރުފިޔާ އެވެ.

މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާ ނަމަ، ފައިސާ އަގު ކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރަންރިހީގެ ނިސާބުންނެވެ. އަހަރުގެ އެކި ދުވަސްވަރު ނިސާބުގެ މިންވަރު ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ އެކު ތަފާތުވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!