ޚަބަރު އިޖުތިމާޢީ

މިހާރު އޮތް ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމައެއް ނޫން: އިހުސާން

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި އިހުސާން ވާހަކަ ދައްކަވަނީ / ފޮޓޯ:ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

މިހާރު އަމަލު ކުރަމުންދާ ކުޑަކުދިންގެ އަދުލުގެ ނިޒާމަކީ އެންމެ ފުރިހަަމަ ނިޒާމެއް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އަށް ވަނަ ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި އިހުސާން ވިދާޅުވީ މިހާރު އޮތީ އެންމެ ފުރިހަމަ ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ނޫން ކަމަށެވެ. ކަންކަން އިސްލާހު ކުރުމަށް ތަފާތު ނިޒާމުތައް ބަލައިގަނެ އަމަލު ކުރަން ފެށި ނަމަވެސް ކަމުގައި ރަނގަޅު ކުރަން ހުންނަ ކުދިކުދި ކަންކަން ހޯދައި އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުން އުޅޭ ކަމަށެވެ.

"އޭގެ ތެރޭގައި ކުޑަކުދިން އެކްސްޕްލޮއިޓް ކުރާ މަންޒަރު ފެނިގެން އެބަދޭ. ތަފާތު އެކި ކްރައިމްތަކަށް ކުދިން އިންޓްރޮޑިއުސް ކުރާ މަންޒަރު ފެނިގެން އެބަދޭ. ބޮޑެތި މީހުން ކުށް ކޮށްފައި ކުޑަކުދިން ލައްވާ އޭގެ ޒިންމާ ނަގުވާ ތަން އެބަ ފެނިގެންދޭ،" އިހުސާން ވިދާޅުވި އެވެ.

ވިދާޅުވެފައި ވަނީ "ކުޑަކުދިން ވަލްނަރަބްލްކޮށް ސޮސައިޓީގައި ތިއްބާ އެކުދިންނަށް އާ ވިސްނުމެއް ކަމަށް، އާ މޮޅު ދިރިއުޅުމުގެ ގޮތްތަކެއް ކަމަށް ވިސްނަދީގެން ކުށުގެ މާހައުލަށް،" ވައްދަމުންދާ ކަމަށެވެ. އެގޮތަށް ކުށުގެ ތެރެއަށް ވައްދާ ކުދިންނަށް ޖުވެނައިލް ޖަސްޓިސް ނިޒާމުގެ ތެރެއިން އެ ކުދިންނަކީ ރައްކާތެރިވެގެންވާ ބައެއްކަން ކަށަވަރު ކޮށްދޭ ކަމަށެވެ.

އެހެންނަމަވެސް، މުޅި ނިޒާމުގެ މަގުސަދަކީ ކުށުގެ ތެރެއަށް ވަދެގެންދާ ކުއްޖަކު އެ ކުށުން ރައްކާތެރި ކުރުމާއި އެކަމަށް ހުށަހެޅޭ ކުއްޖާ އެކަމުން ސަލާމަތް ކުރުމާ އަދި ނިޒާމުގެ ތެރެއަށް ވަދެގެން އަންނަ ކުއްޖާއަށް ރަނގަޅަށް އަޅާލުން ކަމަށެވެ. އެ ކުއްޖާ ވީ އެންމެ އަވަހަކަށް ރިހިބިލޭޓްކޮށް، އޭނާ ހުންނަން ޖެހޭ މުޖުތަމައަށް ނެރުން ކަމަށެވެ. ވިދާޅުވި ގޮތުގައި މުޅި ނިޒާމު އެކުލެވިގެން ވަނީ މި މަގުސަދުތައް ހާސިލު ކުރަން ކަމުގަ އެވެ.

ނިޒާމު ފުރިހަމަކޮށް ދާއިމީ ހައްލެއް ހޯދޭނީ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!