ދިރާސާ ކުރުމަކީ ކުރިއެރުމަށް ބާރުގަދަ ވަސީލަތެއް: ރައީސް

ދިރާސާ ކުރުމަކީ ހަމައެކަނި އިލްމު ޖަމާކުރުން ނޫންކަމަށާއި، އެއީ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް ބާރުގަދަ ވަސީލަތެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހެނދުނު ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބޭއްވި ތެވެލި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ހަރުދަނާ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާކުރުން މުހިއްމު ކަމަށެވެ.
އަދި ރައިސް ވިދާޅުވީ މާލީ އިންވެސްޓްމަންޓްތައް، ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުމަށާއި ގައުމީ އަދި ބައިނަލްއަގްވާމީ ގޮންޖެހުންތަކަށް އެވިޑެންސް ބޭސްޑް ހައްލެއް ހޯދުމުގައިވެސް ދިރާސާކުރުން މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ.
ވިދާޅުވީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ރިސާޗް ނިޒާމެއް ގާއިމްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރިސާޗަރުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާ މެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ޝައުގުވެރިކަމުގެ ތެރެއިން އުފެދުނު އިލްމު ހޯދުމުގައި ކެނޑިނޭޅި ކުރާ މަސައްކަތްތަކުގެ ސަބަބުން، އާ ކަންތައްތަކެއް އެނގެން މަގުފަހިކޮށްދޭ ކަމަށެވެ.