ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި ފައިސާ ހިފެހެއްޓޭނެ ބާރު ފުލުހުންނަށް ދެނީ
ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި ފައިސާ ހިފެހެއްޓޭނެ ބާރު ފުލުހުންނަށް ދޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ކުޑޫ ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ސްކޭމްގެ މައްސަލަތަކުގައި ބޭންކް އެކައުންޓުގައި ދައުރުވާ ފައިސާ ކޯޓު އަމުރަކާ ނުލާ ހުއްޓުވޭނެ ގާނޫނީ ހައްލެއް ބޭނުންވާ ކަމަށް ފުލުުހުންގެ ފަރާތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މިދިޔަ މަހުގެ 31 ވަނަ ދުވަހު ބުނެފައިވާ ކަމަށެވެ.
މެންބަރު ކުޑޫ ވިދާޅުވީ ސްކޭމްގެ މައްސަލަތައް ރިޕޯޓްކުރާ ހިސާބުން އެ ފައިސާ ދައުރުވާ ސަބްސިކުއެންޓް އެކައުންޓްތަކުގައި ފައިސާ ހޯލްޑްކުރެވޭނެ ނުވަތަ ހިފެހެއްޓޭނެ މެކޭނިޒަމެއް ގާނޫނުގައި ނެތުމުން އެކަމަށް ބޭނުންވާ ގާނޫނީ ހައްލު ފޯރުކޮށްދިނުމަށް ފުލުހުން އެދިފައިވާ ކަމަށެވެ.
އެ ގާނޫނުގެ 73 ވަނަ މާއްދާގެ ހ އަށާއި އެ މާއްދާގެ 1 އަދި 2 ވަނަ ނަންބަރަށް އިސްލާހު ގެންނަން ހުށަހަޅާފައިވެ އެވެ.
ހ އަށް ގެންނަަ އިސްލާހުގައި ބުނެފައިވަނީ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ މައްސަލައަކުން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ކޯޓު އަމުރު ނެރެވޭނީ ޖިނާއީ ބޮޑު ކުށެއް ނުވަތަ މަކަރާއި ހީލަތުން ނުވަތަ ސްކޭމަކުން އެކައުންޓްގެ ވެރިފަރާތަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ ކަމަށް ބާރުދޭ ސަބަބުތަކެއް ހުރި ނަމަ ކަމަށެވެ. އެ އަމުރުން އެ އެކައުންޓުގައިވާ ފައިސާ އާއި ކުށްކުރުމަށް ފައިސާ ޓްރާންސްފާ ކުރެވުނު އެކައުންޓްގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވޭނެ އެވެ.
އެ މާއްދާގެ 1 ގައި ބުނީ ހ ގެ ދަށުން ކޯޓު އަމުރަކަށް އެދޭ ހާލަތުގައި ކޯޓު އަމުރަށް އެދި ހުށަހަޅާ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ކޯޓުން ހޭދަވާ މުއްދަތުގައި އެކައުންޓުގެ ވެރިފަރާޓް ނުވަތަ ތިންވަނަ ފަރާތެއް ހައްގު ރައްކާތެރިކުރުމުގެ ގޮތުން އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުބުމުގެ އަމުރެއް ފުލުހުންގެ ހިދުމަތަށް ނެރެވިދާނެ ކަމަށެވެ.
އޭގެ އިތުރުން 2 ވަނަ ނަންބަރުގައި ބުނީ އެ މާއްދާގެ ހ ގެ 1 ވަނަ ނަންބަރުގެ ދަށުން އެކައުންޓެއް ހުއްޓުމުގެ އަމުރެއް ނެރެންވާނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރަކަށް ކަމަށެވެ. އަދި އެ މާއްދާގެ ދަށުން އެކައުންޓު ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް އެކައުންޓު ހުޅުވާފައިވާ ބޭންކު ނުވަތަ އިދާރާއަށާއި އެމްއެމްއޭއަށް އަންގަންވާނެ ކަމަށް ބުނެފައިވެ އެވެ.