ކޮންމެ ބިލަކަށް ފާޑު ކިޔާކަށް ނުޖެހޭ: އައިބީ
އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅާތީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ދީދީ (އައިބީ) މިއަދި ނުރުހުން ފާޅުކޮށްފި އެވެ.
އައިބީ ނުރުހުން ފާޅުކޮށްފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ އާބަން ޑިވަލޮޕްމަންޓްގެ ބިލުގެ ބަހުސްގަ އެވެ.
މިއަދުގެ ޖަލްސާގައި ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން މަޝްވަރާކުރަމުންދާތީ އެކަމާ ދެކޮޅަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.
"ކޮންމެ ދުވަހަކު ހެނދުނު މިތަނަށް ކުއްލި މައްސަލައެއް މިއަދު ކަންނެލި މަސް ނުކާށޭ ކިޔާފައި ކުއްލި މައްސަލައެއް"
އައިބީ ވިދާޅުވީ ދިވެހިން ބޮޑުވީ ކަންނެލި މަހާއި ކަޅުބިލަ މަސް ކައިގެން ކަމަށެވެ. އަދި ކުޑަ ކަންނެލި ބާނައިގެން ކާއިރު ބޮޑެތި ކަންނެލި ނުބޭނެންވީ ކީއްވެތޯ އައިބީ ސުވާލުކުރެއްވި އެވެ.
"ހުރިހާ ކުދި އެއްޗެހި ކައިފަ ބޮޑު އެއްޗެހި ނުކާންވީ. ބޮޑު ކަންނެލި ނުކާށޯ"
ކޮންމެ ދުވަހަކު މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅާ ކަމަށާއި އެމްޑީޕީން ފުރަތަމަ ދަންފަޅި "ހަރާބުކޮށްލާ" ކަމަށް އައިބީ ވިދާޅުވި އެވެ.
"މި ހީވަނީ އަލިފު ލައިލާ ވާހަކަ ކިޔަނީހެން އެއް ގަޑިއިރު ވަންދެން ކޮންމެ ދުވަހަކު މަޖިލީހުގައި ހަރާބުކޮށްލައިގެން ކުއްލި މައްސަލައެއް ވައްދައިގެން"
އައިބީ ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅުން ނޫން އެހެން ކަމެއް އެމްޑީޕީން ނުކުރާ ކަމަށާއި ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް މަޖިލީހުގައި އެބަހުރި ކަމަށެވެ. އަދި ކޮންމެ ދުވަހަކު ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް އައިބީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ބިލަކަށް ފާޑު ކިޔަން ނުޖެހޭ ކަމަށާއި ކޮމިޓީ މަރުހަލާގައި އިދިކޮޅު މެންބަރުންނަށްވެސް އިސްލާހު ހުށަހަޅާ ވާހަކަދެއްކޭނެ ކަމަށެވެ.
"މިތަނުގައި ޑްރާމާ ކުޅެލާ ބަހައްޓާފައި ދެން ގޮސް ކޮންމެ ބޭފުޅަކުވެސް ކުޑަދޮށުގައި ތިބެގެން އެކި ވައްތަރު ވައްތަރަށް ނައްޓަވަނީ. މިހެން ނަހައްދަވާށޭ. ނަހައްދަވާ އިހުލާސްތެރިވާށޭ ތިބޭފުޅުން"
މަޓޭ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް 47 މެންބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވަނީ އެންމެ މެންބަރަކެވެ.
ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމުމުން އެކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ޕެޓިޝަނެއް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.
އިނގިރޭސިވިލާތުގެ ބްލޫ މެރިން ފައުންޑޭޝަނާއި ގުޅިގެން ރާއްޖޭގެ މަދަނީ ޖަމިއްޔާތަކެއް ހިމެނޭ މޯލްޑިވްސް އޯޝަން އެލަޔަންސް އަދި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ލޯންޗުކޮށްފައިވާ ޕެޓިޝަނުގައި މިހާތަނަށް 12,000 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.