އީޕީއޭ އޮތީ ވަރަށް ހާލުގައި
އެކަށީގެންވާ ބަޖެޓަކާއި، ވަސީލަތްތައް ނެތް ކަމަށް ބުނެ އެންވަަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް އީޕީއޭގެ އިސްވެރިން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.
އެ ކޮމިޓީގައި މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް އީޕިއޭއާ އަމާޒުކޮށްފަ އެވެ.
ފަރަށް ބޯޓު އަރައިގެން ތިމާވެއްޓާ ލިބޭ ގެއްލުމުގެ ޖޫރިމަނާގެ މައްސަލަތައް ކުރިއަށް ނުގެންގޮސް ލަސްވަނީ ކީއްވެގެންތޯ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތޮފާ (މުސްތޮ) ސުވާލު ކުރުމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަޖްވަދު މުސްތޮފާ ވިދާޅުވީ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އީޕީއޭގެ ބަޖެޓުގެ ދަތިކަން ކަމަށެވެ. އަދި އީޕީއޭގެ ކުރީގެ ބަޖެޓުގައިވެސް އެކަން ފާހަގަވެގެންދާނެ ކަމަށް އަޖްވަދު ވިދާޅުވި އެވެ.
"ކޮންމެ އަހަރަކުވެސް މި ލިބޭ ބަޖެޓުން މުސާރަ ދީފައި އިދާރީ އެކި އެކި ކަންކަން ކޮށްފަ، އީޕީއޭ ތަރައްގީކޮށް ޑިވެލޮޕް ކުރާކަށް ބަޖެޓެއް ނޯވޭ" އަޖުވަދު ވިދާޅުވި އެވެ. އަދި އިޕީއޭއިން ކުރަން ޖެހޭ މަސައްކަތްތައްކައްވެސް އެކަށީގެންވާ ބަޖެޓު ނުލިބޭކަންވެސް އޭނާ ފާހަގަކުރި އެވެ.
"މުވައްޒަފުން އިތުރުކޮށް، ތަންތަނަށް ޒިޔާރަތްކޮށް އިންސްޕެކްޓް ކޮށް، އެއާ ބެހޭ ރިޕޯޓު ހަދާ އެއާ ގުޅިގެން ކުރާ ކަންކަން ކުރާކަށް ފައިސާއެއް ނުލިބޭ"
އޭނާ ވިދާޅުވީ އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް އަކީ ޑައިވަރަކަށްވާއިރު ބައެއް ސާވޭ ކުރަނީވެސް ނައީމް ކަމަށެވެ.
އަޖްވަދު ފާހަގަކުރީ ވަސީލަތްތައް ނެތުމުގެ ސަބަބުން ރާއްޖޭގެ ފަރަށް އަރާ ބޭރުގެ ބޯޓުތައް ޖޫރިމަނާގެ މައްސަލަތަކުގައި އީޕީއޭގެ ފަރާތުން ވަކާލަތު ކުރާނެ ވަކީލަކުވެސް ނުހުންނަ ކަމަށެވެ. އެހެންވެ ބައެއް މައްސަލަތައް ކޯޓުގައި އީޕީއޭއަށް ކާމިޔާބު ނުވާ ކަމަށް އަޖްވަދު ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން ލީގަލް ޔުނިޓެއްވެސް މި ގާއިމްކުރެވުނީ. މީގެ ދެ އަހަރެއް ކުރިން އަމިއްލަ ލޯޔަރެއް ނެތި ފައިން ކޮށްފައި މިވަނީ. މުޅިންވެސް ހަމަ ޓެކްނިކަލް އެންވާރަމަންޓް ބޭފުޅުންގެ ދަށުން ހުރިހާ ކަމެއް ކޮށްފައި މިހުރީ މިއަދާ ހަމައަށްވެސް" އަޖްވަދު ވިދާޅުވި އެވެ.
ފަރަށް އަރާ ބޯޓުތަކުން ޖޫރިމަނާގެ ފައިސާ ހޯދުމުގެ ގޮންޖެހުންތަކާ ގުޅިގެން ނައީމް ވިދާޅުވީ އެ މަސައްކަތަކީ ވަރަށް "ކޮމްޕްލެކްސް" މަސައްކަތެއް ކަމަށެވެ. އެކަމުގެ ބޮޑުމިން ހާމަކުރަމުން ވިދާޅުވީ އެކަން ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ފަރާތްތަކާއި ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ އީޕީއޭއަށް އަދިވެސް ބާރުތަކެއް ދޭން ޖެހޭ ކަަމަށެވެ.
"މި މަސައްކަތަކީ އީޕީއޭއަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން. އަދި އީޕީއޭއަށް ކޮންމެވެސް ކަހަލަ ބާރުތަކެއް ދީފައިވީ ނަމަވެސް އޭގައި ބައެއް ބޭފުޅުން "އެކްސްޕެކްޓް" ކުރާ ވަރަކަށް ނޫން އީޕީއޭއަށް މިނިވަންކަން ދީފައިވަނީ" ނައީމް ވިދާޅުވިއެވެ.
އީ.ޕީ.އޭ. އިން ކުރެވެން ހުރި ހުރިހާ ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ވަނީ ކޮށްފައިތޯ؟ ނުކޮށް ތިބެފައި ވަސީލަތް ނެތޭ ފަޅޮލޭ ނުކިޔޭނެދޯ؟