ޚަބަރު

ސްކޭމްގެ މައްސަލަތައް ހައްލު ވާނީ ބޭންކިން ގާނޫނު އިސްލާހުކޮށްގެން: މެންބަރުން

ޢާއިޝަތު ނުހާ ، ދެން އޮންލައިން

ސްކޭމްގެ މައްސަލަތަކަށް ހައްލު ލިބޭނީ ބޭންކިންގެ ގާނޫނު އިސްލާހުކޮށްގެން ކަމަށް މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުން ފާހަގަކުރައްވައިފި އެވެ.

Ads by Sosun Fihaara

މެންބަރުން އެގޮތަށް ފާހަގަކުރައްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެ ބިލުގެ ބަހުސްގަ އެވެ. ކުޑޫ ހުށަހެޅުއްވި އެ އިސްލާހުގައި ބުނާ ގޮތުން ސްކޭމްގެ މައްސަލަތަކުގައި ކޯޓު އަމުރެއް ނެތި ފައިސާ ހިފެހެއްޓޭނެ ބާރު ފުލުހުންނަށް ދެވެ އެވެ.

އެ އިސްލާހުގެ ބިލުގެ ބަހުސްގައި ރައްޔިތުންގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވީ އެ އިސްލާހަކީ ވަރަށް ރަނގަޅު މަގުސަދެއްގައި ހުށަހެޅި އިސްލާހެ ކަމަށެވެ. އެހެންނަމަވެސް އެ އިސްލާހުން ސްކޭމް ކުރުމުގެ މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް އަޒާން ވިދާޅުވި އެވެ.

މަކަރާ ހީލަތުން މީހެއްގެ އެކައުންޓުގައި ހުންނަ ފައިސާ ހޯދައިގެން އެއް އެކައުންޓަށް ޓްރާންސްފާކޮށްފައި މަދު ހިނދުކޮޅެއްގެ ތެރޭގައި އެތައް އެކައުންޓްތަކަކަށް ފައިސާ ޓްރާންސްފާ ކުރާ ކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ އެ ފަދަ ހާލަތެއްގައި ފުލުހުން ބޭންކަކާ މުއާމަލާތުކޮށް ބޭންކެއް ފްރީޒްކުރަން އެދޭއިރުވެސް އެ ފައިސާގެ އަސްލު އޮންނަނީ ގެއްލިފައި ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި އެކަން ހައްލުކުރަން ކުރާ ކަންކަން ފާހަގަކުރައްވާ އަޒާން ވިދާޅުވީ އެކަންތައް ކުރަނީ ބޭންކިން ނިޒާމުގެ ތެރެއިން ކަމަށާއި އެކައުންޓުތަކުގެ ފައިސާ ދައުރުވާ ގޮތުގެ ޕެޓާން ރިކޮގްނައިޒްކޮށް އޮޓޮމެޓިކޮށް އެ ފައިސާ ދައުރުވުން ހުއްޓުވުމަކީ އެކަން ހައްލު ކުރަން ކުރާ ކަމެއް ކަމަށެވެ.

އެކަމުގެ ސަބަބުން އެ މައްސަލަ ރިޕޯޓްކުރުމުން އެ ޓްރާންސެކްޝަންތައް ހުއްޓިފައި ހުންނަތަން ފެނިގެން ދާނެ ކަމަށް އަޒާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އިސްލާހުން ފުލުހުން ފިޔަވަޅެއް އަޅަން މަސައްކަތް ކުރާ ވަގުތުކޮޅުގެ ތެރޭގައި އެ ފައިސާ ގެއްލޭ ކަމަށެވެ.

އޭގެ އިތުރުން އެކަން ހައްލު ކުރަން ކޮށް އުޅޭ ކަމެއްގެ ގޮތުގައި އަޒާން ވިދާޅުވީ ބޮޑެތި އަދަދުތަކުން ޓްރާންސްފާ ކުރިޔަސް "ސެޓްލް" ނުކޮށް ބޭންކުން ބެހެއްޓުމުން ރިޕޯޓްކޮށް ތަހުގީގު އެ ފައިސާ ހިފެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަޒާން ވިދާޅުވީ ސްކޭމް ހުއްޓުވަން ދުނިޔޭގެ އެހެން ތަންތަނުގައި ކަން ކުރާ ގޮތް ބަލައިގެން ބޭންކިން ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ސްކޭމް ތަކާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ މުހިއްމުކަންވެސް އަޒާން ފާހަގަކުރެއްވި އެވެ.

"ސްކޭމްތައް ހުއްޓުވޭނީ ބޭންކިން ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން. މިއަދު މި ހުށަހަޅާފައި އޮތް އިސްލާހަކުން ހަގީގަތުގައި މި މައްސަލައަކަށް އެއްވެސް ކަހަލަ ހައްލެއް ލިބިގެން ނުދާނެ" - އަޒާން

އެ ބަހުސްގައި މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހުސްނީ މުބާރިކު ވަނީ ހުށަހަޅާފައިވާ އިސްލާހުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްކުރެވިދާނެތޯ ސުވާލުކުރައްވާފަ އެވެ.

އަޒާންގެ ވާހަކައަށް އިޝާރާތް ކުރައްވާ ހުސްނީ ވިދާޅުވީ ބޭންކިންގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ. އަދި ޖިނާއީ އިޖުރާތުގެ ގާނޫނަށް މި އިސްލާހު ގެނެސްގެން ނަތީޖާ ހާސިލް ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ހުސްނީ ވިދާޅުވި އެވެ.

ސައިބާ ކްރައިމާ ގުޅިގެން ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާއިރު އެ އިސްލާހުގައި މިހާރު ހުށަހަޅާފައިވާ އިސްލާހެއް ނުހިމެނެ އެވެ.

"އިރުއިރުކޮޅާ ވަކި ވަކިން ވަކި މާއްދާތަކާ ކުޅުމުގެ ބަދަލުގައި ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރެވިގެން ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު އެކި އެކީގައި ގެނައުން އެއީ މީގައި އެންމެ ރަނގަޅު ގޮތް ކަމުގައި އަޅުގަނޑު ގަބޫލުކުރަން" - ހުސްނީ

މެންބަރު ވިދާޅުވީ ބޭންކިން ގާނޫނަށާއި ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ދެނެގަނެ އެކު އެކުގައި ގެނައުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭ ކަމަށެވެ.

އެ ބިލު ބަލައިގަތުމަށް މިއަދުގެ މަޖިލީހުގައި ވޯޓަ އަހާފައިވާއިރު 72 މެންބަރުގެ ވޯޓުން ފެންނަ ކަމަށް ވޯޓު ދެއްވި އެވެ. އަދި އެ ބިލު ބަލައިގަނެ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!