ޕީސީއާރު ޓެސްޓުތަކުން ނާޖާއިޒު މަންފާ ހޯދުމުން ކުޑަ ބަންދޭ އާއި ޑރ. ލަތީފަށް ދައުވާ ކުރަން އެދިއްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޕީސީއާރު ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް"، އަމިއްލަ މަސްލަހަތު ހިމެނޭ ފަރާތަކަށް (އާރުއެމްއެލްއެސް ލެބް ސާވިސަސްއަށް) ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލައިގައި އެ ހޮސްޕިޓަލުގެ ކުރީގެ 3 ވެރިއެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ހުށަހަޅައިފި އެވެ.
އެ މައްސަލައިގައި އޭސީސީން ދައުވާކުރަން ފޮނުވާފައި ވަނީ:
- އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާކަމާއި މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު ކަމާއި ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެމްބަރު އަދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ. އަލީ އަބްދުﷲ ލަތީފު (މ. ގައްދަޑުގެ، ކ. މާލެ)
- އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ އިބްރާހީމް ސަލީމް (މއ. ބަންދުގެ / ކ. މާލެ)
- އައިޖީއެމްއެޗްގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހްސިން (ގަހާކޯޅި /ގދ. ތިނަދޫ)
އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ހުށަހެޅީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގަ އެވެ.