ޚަބަރު

ބޭރުގައި ތިބި ދަރިވަރުންނަށް ފައިސާ ނުފޮނުވިދާނެކަމުގެ އިންޒާރު ގާސިމް ދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް/ ފޮޓޯ: މަޖިލީސް

ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތް ގޮތުން ބޭރު ގައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ކުރިއަށް އޮތް ތަނުގައި ފައިސާ ނުފޮނުވިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ދެއްވައިފި އެވެ.

Ads by Sosun Fihaara

ސަރުކާރުގެ ފަރާތުން، ވިލިނގިލި ދާއިރާގެ ޕީއެންސީ މެންބަރު އާޒިމް އަބްދުލްއަޒީޒް މަޖިލީހަށް ހުށަހަޅުއްވާފައިވާ، އާބަން ޑިވެލޮޕްމަންޓްގެ ބިލުގެ ބަހުސް ގައި ކުރީގެ ގަވަރުނަރުކަންވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ މިއަދު އަނދަވަޅަކަށް ވެއްްޓިފައިވަނީ ވޭތުވެދިޔަ ސަރުކާރުތަކުން ދައުލަތް ދަރަނިވެރިކޮށްލާފައި އޮތުމުން ކަމަށެވެ.

އެހެން ދިމާވުމުން މިއަދުގެ މިހާލަތުގައި ސަރުކާރުން ރައްޔިތުންނަށް ކޮށްދެވޭނެ މާ ބޮޑު ކަންތައްތަކެއް ނެތް ކަމަށެވެ. އެކަމަކު ސިޔާސީ ގޮތުން ކުރި ހޯދަން ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ ކަމަށް ބުނެ އިދިކޮޅަށް ފާޑުކިޔަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މިއަދުގެ ހަގީގަތް ގަބޫލުކޮށްގެން އިހުލާސްތެރި ނިޔަތާކާ އެކީގައި ކަންތައްތައް ކުރުން ކަމަށެވެ.

ގައުމު މި ހާލަތަށް ދިޔުމުގައި މަޖިލީހުގެ މެންބަރުންވެސް އަދާކުރަން ޖެހޭ ޒިންމާ އެންމެ ރަނގަޅަށް އަދާކުރެވިފައިނުވާކަން ފާހަގަކުރައްވަމުން މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް ވިދާޅުވީ އެންމެން އެއްބާރުލައިގެން ގައުމު ސަލާމަތް ކުރުމަށް ކުރާ މަސައްކަތުގައި ރައީސް ޑރ މުހައްމަދު މުއިއްޒާ އެކު ކުރިއަށް ވަޑައިގަތުން ނޫން ގޮތެއް ނެތް ކަމަށެވެ. މި ދަނޑިވަޅުގައި ސަރުކާރުންވެސް ހަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށާއި އެހެން ނޫނީ ދަރިވަރުންނަށްވެސް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެން ދެ އަހަރެއްހާ ދުވަހަށް، ދޮޅު އަހަރެއްހާ ދުވަހަށް ނަމަވެސް ކަމަރުތައް ބާރުކޮށްލައިގެން އަޅުގަނޑުމެން ބަނޑު ހިންދާލައިގެން ތިބެން ޖެހޭ ދުވަސް މިއޮތީ ކުއްތަންވެފައޭ، ކައިރިވެފައޭ އެހެން ނޫން ކަމަށްވާނަމަ، އެކަން އަޅުގަނޑުމެން އެ މަގަށް ނުގެންގޮސްފިނަމަ އަޅުގަނޑުމެން ކިޔަވަން ގޮސްހުރި ކުއްޖާއަށް ފޮނުވަން ޖެހޭ ލާރިކޮޅުވެސް ނުފޮނުވޭނެ

ގާސިމް ވިދާޅުވީ އިގްތިސާދީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ރައްޔިތުން "ބިކަ" ވެދާނެ ކަމަށެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ނުފޮނުވިދާނެ ކަމުގެ އިންޒާރު ގާސިމް ދެއްވާފައިވާއިރު އާއްމުކޮށް ބޭރުގައި ދަރިވަރުންނަށް ފައިސާ ފޮނުވަނީ އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ދިވެހި ރުފިޔާ ޑޮލަރަށް ބަދަލުކޮށްގެންނެވެ.

ޑޮލަރުގެ ތާށިކަމާ ހެދި ސަރުކާރުގެ ލޯނު ގައި އާއި ސަރުކާރުގެ ސްކޮލާޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ލަސްވާ ކަމުގެ ޝަކުވާ މި ދޭތެރެއިން ދަރިވަރުން ކުރި އެވެ. އެއްވެސް ދަރިވަރަކު ބިކަކޮށްނުލާނެ ކަމުގެ ޔަގީންކަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފަ އެވެ. ސްޓޭންޑު ލޯނުގައި ކިޔަވާ ދަރިވަރުންނަށް މީގެ ކުރިން 1000 ޑޮލަރު ޓީޓީ ކުރެވޭ ގޮތަށް އޮތަސް މިހާރު ސްޓައިޕްއެންޑަށް ވާ ވަރަށް ވުރެ އިތުރަށް ފައިސާ ނުފޮނުވެ ގޮތަށް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!