ޔާމީންގެ ޝަރީއަތް ލައިވްކުރަން ނިންމައިފި
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް, ކްރިމިނަލް ކޯޓުން އަލުން ބަލަން ފެށި މައްސަލަ ކުރިއަށް ގެންދާނީ ލައިވްކޮށްގެން ކަމަށް ނިންމައިފިއެވެ.
އެ މައްސަލަ ބަލަން މިއަދު ފަށައިފައި ވަނީ, އެ މައްސަލަ އަލުން ބަލަން ހައިކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
މިއަދުގެ އަޑުއެހުމުގައި ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ. އަދި އެކަމުގައި ދައުލަތުގެ އެއްވެސް އިއުތިރާޒެއް ނެތުމާއެކު ޝަރީއަތް ލައިވްކޮށްގެން ކުރިއަށް ގެންދަން އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވި އެވެ.
އޭގެ އިތުރުން އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ އާ ހެކިތައް ބަލައި ނުގަތުމަށް ކަނޑައަޅައިފަ އެވެ. އެ ބައި ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ.
ސްޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އެ ބަޔަށް ބަދަލު އައިސްފާނެ ކަން ފާހަގަކުރައްވާ ގާޒީ ނަދީމް ވިދާޅުވީ އެ މައްސަލައިގައި ދެން ހުރި ބައިތައް މިހާރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ޔާމީނާއި ދައުލަތަށް ވެސް ގާޒީ ދެއްވީ ދެ ދުވަހުގެ މުއްދަތެކެވެ. އެހެން ނަމަވެސް ޔާމީންގެ ވަކީލުންގެ ޓީމު ބަދަލުވެފައިވާތީއާއި އިސް ވަކީލު, ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މި ވަގުތު ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން އެ ފަރާތުން ހަފްތާއެއްގެ މުއްދަތަށް އެދިވަޑައިގެންނެވި އެވެ. އަދި ގާޒީ ވަނީ މި އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ފުރުސަތު ދެއްވައިފަ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވަން ނިންމައިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހެވެ.
އާ ރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމްކުރީ ޑިސެންބަރު 25, 2022 ގަ އެވެ. އެ މައްސަލައިގައި ހިމެނޭ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 4 އަހަރު އަދި މަނީ ލޯންޑަރިންނާ ގުޅިގެން 7 އަހަރާއެކު 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވި އެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން މިދިޔަ އޭޕްރީލް މަހުގެ 18ވަނަ ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުންކުރި ހުކުމް ބާތިލުކޮށް, އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށް, ދަށު ކޯޓުން އަލުން ބަލަން އަމުރުކުރި އެވެ.