ބޮލީވުޑް މުނިފޫހިފިލުވުން

ދޫމް 4 ގެ ވިލަންއަކަށް ޝާހު ނުވަތަ ރަންބީރް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝާހުރުކް ހާން އަދި ރަންބީރު ކަޕޫރު

ބޮލީވުޑްގެ މަޝްހޫރު ކްރައިމް އެކްޝަން ފްރެންޗައިޒް ދޫމް ގެ ހަތަރުވަނަ ސީކުއަލްގައި ވިލަންގެ ރޯލުން އެކްޓަރު ޝާހުރުކް ހާން ނުވަތަ އެކްޓަރު ރަންބީރު ކަޕޫރު ފެނިގެން ހިނގައިދާނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

Ads by STELCO

ދޫމް ފްރެންޗައިޒްގެ އެންމެ ފަހު ސީކުއަލް ރިލީޒް ކުރީ 2013 ވަނަ އަހަރެވެ. އެފިލްމުގައި ލީޑް ރޯލުން ފެނުނީ އެހެން އިންސްޓޯލްމެންޓުތަކުގައިވެސް ލީޑް ރޯލު ކުޅުނު އަބީޝެކް ބައްޗަން އެވެ. އެހެންނަމަވެސް ދޫމްގެ ހުރިހާ ފިލްމެއްގައިވެސް މެއިން ލީޑަކީ ފިލްމުގެ ވިލަން އެވެ. ދޫމް 3 ގެ ވިލަންގެ ރޯލުން ފެނުނީ އާމިރު ހާން އެވެ. ބަތަލާގެ ރޯލުން ފެނުނީ ކެޓްރީނާ ކެއިފް އެވެ.

ދޫމް 3 ރިލީޒް ކުރިތާ 11 އަހަރު ވެގެން ދިޔައިރު ފިލްމުގެ ހަތަރުވަަނަ ސީކުއަލްއެއް އަންނާނީ ކޮން އިރަކުން ކަމެއް ކަށަވަރެއް ނޫނެވެ. އެހެންނަމަވެސް ޔަޝް ރާޖް ފިލްމްސްއިން ދޫމް 4 އަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ދޫމް 4 ގެ ވިލަންގެ ރޯލުން ޝާހުރުކް ހާން ނުވަތަ ރަންބީރު ކަޕޫރު ފެނިގެން ހިނގައިދާނެ އެވެ. އެ ދެތަރިންނާ ޕްރޮޑަކްޝަން ހައުސްއިން ވާހަކަ ދައްކަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

މިދިޔަ އަހަރުން ފެށިގެން ފުލު ފުލުގައި ތިން ބްލޮކްބަސްޓާ ފިލްމު ދޫކޮށްލި ޝާހުގެ ޑިމާންޑު އަނެއްކާވެސް މިވަނީ މައްޗަށް ގޮސްފަ އެވެ. ޝާހުގެ އެންމެ ފަހުގެ ތިން ފިލްމަކީ ޕަޓާން، ޖަވާން އަދި ޑަންކީ އެވެ. މި ތިން ފިލްމަށްވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

އަނެއްކޮޅުން ރަންބީރު ކަޕޫރުގެ އެންމެ ފަހުގެ ފިލްމު އެނިމަލް ވެގެން ދިޔައީ އިންޑިއާގެ މުޅި ސިނަމާ ސިއްސުވައިލި މޮޅު ފިލްމަކަށެވެ. އެހެންކަމުން ރަންބީރުގެ ޑިމާންޑުވެސް ވަނީ މައްޗަށް ގޮސްފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ކުރިއަށް އޮތް 3 އަހަރުވެސް ރަންބީރުގެ ޝެޑިއުލް އޮތީ ފުލްކޮށެވެ.

ދޫމް ފްރެންޗައިޒްގެ ފުރަތަމަ ފިލްމުގައި ވިލަންގެ ރޯލު ކުޅުނީ ޖޯން އަބްރަހަމް އެވެ. އަދި ބަތަލާގެ ރޯލުން ފެނުނީ އީޝާ ޑިއޯލް އަދި ރިމީ ސެން އެވެ. ދެވަނަ ފިލްމުގައި ވިލަންގެ ގޮތުގައި ފެނުނީ ރިތިކު ރޯޝަން އެވެ. ބަތަލާގެ ރޯލުން ފެނުނީ އައިޝްވާރިޔާ ރާއީ އަދި ބިޕާޝާ ބާސޫ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!