ޚަބަރު އިޖުތިމާޢީ

ކަރަންޓުގައި ޖެހިގެން އުނގޫފާރުން ނިޔާވި މީހާގެ ބައްޕައާ ވަޒީރު ބައްދަލުކުރައްވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން ނިޔާވި އަތީކުގެ ބައްޕައާ ވަޒީރު އާދަމް ޝަރީފު ބައްދަލުކުރައްވަނީ

ކަރަންޓުގައި ޖެހިގެން ހިނގި ހާދިސާގައި އުނގޫފާރުގައި ނިޔާވި އެރަށު ދޫނިހުރާގޭ ހުސައިން އަތީކުގެ ބައްޕަ އަހުމަދު ޝިހާމްއާ، ކައުންސިލްތަކާއި ބެހޭ ވަޒީރު އާދަމް ހުސައިން ޝަރީފު ބައްދަލުކުރައްވައިފި އެވެ.

Ads by Sosun Fihaara

މި ބައްދަލުކުރެއްވުން އޮތީ މިއަދު ލޯކަލް ކައުންސިލް ވުޒާރާގަ އެވެ. ވަޒީރު ވިދާޅުވީ މަރުހޫމް އަތީކުގެ ބައްޕަގެ އެދުމަކަށް ބޭއްވި މި ބައްދަލުކުރެއްވުމުގައި އޭނާގެ ކަންބޮޑުވުންތައް އަޑު އެއްސެވި ކަމަށެވެ.

"ހިއްސާ ކުރެއްވި ކަންކަމާ ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދާނަން"

އުމުރުން އެންމެ 18 އަހަރުގައި އަތީކު ނިޔާވީ ވިއްސާރަވެ ހެދިފައި އޮތް ކޯރުގަނޑެއްގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހިގެން އެކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއެއްގަ އެވެ.

އެރަށަށް ކަރަންޓުގެ ހިދުމަތްދޭ ފެނަކަ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވަނީ އެ ހާދިސާ ހިނގަން މެދުވެރިވީ ހޮޅި ދަނޑީގައި ހަރުކުރަން ޖެހޭ އީއެލްސީބީ (އާތު ލީކޭޖް ސާކިޓް ބްރޭކާ)އެއް ހަރުނުކުރެވި ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އަދި، އޭރު ކަރަންޓު ހޮޅި ދަނޑިއަށް ކަރަންޓު އަންނަ ގޮތަށް ހޮޅި ދަނޑީގައި ޖެހިފައި ކޭބަލެއް އޮތްކަމަށް މުއާޒު ވިދާޅުވި އެވެ.

މިހާދިސާއާއި ގުޅިގެން އިހުމާލުވިކަމަށް ބެލެވިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ ފެނަކަ 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. މިމައްސަލައިގެ ފުރިހަމަ ތަހުގީގެއް ފުލުހުންވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. ތަހުގީގަށްފަހު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހޮޅި ދަނޑިތައް ދިއްލުމާއި ބަނދަރުތައް ދިއްލުމުގެ ޚިދުމަތަކީ ކައުންސިލުތަކުންދޭ ޚިދުމަތެކެވެ. އެހެންނަމަވެސް ރަންޓުގެ ކަންކަން ގަވާއިދާ އެއްގޮތަށް ހުރިތޯ ޔަގީންކޮށް ގަވާއިދަށް އެ ތަންތަން ފެއްތުމަކީ ފެނަކައިގެ ޒިންމާއެކެވެ.

މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ފެނަކައިން ވަނީ ހާއްސަ އިންސްޕެކްޝަނެއް ހަދަން ފަށައިފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!