ދުނިޔެ

ޕާކިސްތާނުގައި ދިން ބޮމުގެ ޙަމަލާތަކެއްގައި 50އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ބަލޫޗިސްތާނު ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާތަކެއްގައި 50އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އެ ޙަމަލާތަކުގެ ޒިންމާ ބަލޫޗް ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ވަނީ އުފުލައިފައެވެ. އެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އެ ޕްރޮވިންސްގެ ހައިވޭތަކާއި ރެއިލްވޭ ސްޓޭޝަންތަކާއި ފުލުހުންގެ މަރުކަޒުތަކަށެވެ. އަދި އެ ޙަމަލާތަކުގެ ރައްދުގައި އެ ޤައުމުގެ ސަލާމަތީބާރުތަކުން ވެސް ވަނީ ޙަމަލާތަކެއް ދީފައެވެ. ރައްދު ޙަމަލާތަކުގައި ވެސް ބަޔަކު މަރުވެފައިވެއެވެ.

Ads by Sosun Fihaara

ބަލޫޗިސްތާނުގެ ފުލުހުންގެ މަރުކަޒުތަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި 10 މީހުން ވަނީ މަރުވެފައެވެ. އަދި އެ ހަމަލާތަކުގެ ތެރެއިން އެންމެ ވަރުގަދަ ޙަމަލާ އަކީ އެ ޕްރޮވިންސްގެ ކާރުބާރު ބޮޑު ހައިވޭއަކަށް ދިން ޙަމަލާއެކެވެ. އެ ޙަމަލާގައި 35 އުޅަނދުގައި ރޯކޮށްލައި 23 މީހުން ވަނީ މަރާލާފައެވެ. .

އޭގެ އިތުރުން، އެ ޕްރޮވިންސްގެ ވެރިކަންކުރާ ސިޓީއާ ޕާކިސްތާނުގެ އެހެން ސިޓީތަކާ ގުޅައިދޭ ރެއިލްވޭއަށާއި ޕާކިސްތާނާއި އިރާން ގުޅައިދޭ ރެއިލްވޭއަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާތަކެއްގެ ސަބަބުން ރޭލުގެ ޚިދުމަތްތަކަށް ވަނީ ބުރޫއަރައިފައެވެ. އެ ޕްރޮވިންސްގެ ވެރިކަންކުރާ ސިޓީއާ ޕާކިސްތާނުގެ އެހެން ސިޓީތަކާ ގުޅައިދޭ ރެއިލްވޭއަށް ދިން ބޮމުގެ ޙަމަލާ އަމާޒުވި ސަރަޙައްދުން ކާކުކަން ނޭގޭ ހަ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ބީއެލްއޭއިން ބަލޫޗިސްތާނުގައި ދެމުންދާ ޙަމަލާތަކަކީ ގިނަ އަހަރުތަކަށް ދެމިގެންގޮސްފައިވާ ޙަމަލާތަކެކެވެ. އެ ޙަމަލާތައް ދެމުން ދަނީ އެ ޕްރޮވިންސްގައި ބޭރުގެ އިންވެސްޓަރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް އަތްގަދަ ކުރުމުގެ ބޭނުމުގައެވެ. ބަލޫޗިސްތާނަކީ ޗައިނާއިން އިސްވެ ބަނދަރަކާއި ރަން އަދި ލޮއިފަދަ ތަކެތި މައިންކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ގުދުރަތީ ވަޞީލަތްތައް މުއްސަނދި ޕްރޮވިންސެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!