ހަށި ވިއްކި ބިދޭސީ 3 އަންހެނުންނާ އެމީހުންގެ އޭޖެންޓު ޑީޕޯޓުކޮށްފި
ރާއްޖޭގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީ 3 އަންހެނުންނާއި އެމީހުންގެ އޭޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ފިރިހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓުކޮށްލައިފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މިމަހުގެ 11 ވަނަ ދުވަހު ހާއްސަ އިންސްޕެކްޝަނެއްގެ ތެރެއިން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީ ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އިންސްޕެކްޝަން ކުރިއަށް ގެންދިޔައީ ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެންނެވެ.
މިމައްސަލައިގައި ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލީ ތައިލޭންޑަށް ނިސްބަތްވާ ތިން އަންހެނަކާ ފިރިހެނެކެވެ. އެއީ 36 އަހަރުގެ އަންހެނަކާއި, 38 އަހަރުގެ އަންހެނަކާއި 41 އަހަރުގެ އަންހެނެއްގެ އިތުރުން 35 އަހަރުގެ ފިރިހެނެކެވެ. މި މީހުން މިމަހުގެ 25 ވަނަ ދުވަހާއި ހަަމައަށް ރާއްޖެއިން ޑީޕޯޓުކޮށްފައި ވެއެވެ.
ރާއްޖޭގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާ މީހުން އުޅޭކަމުގެ މައްސަލަތައް ފެންމަތިވެ އެވެ. އެގޮތުން މާލެ ސަރަހައްދުގައި ހިންގާ ސްޕާ ތަކާއި ސެލޫންތަކުގައި މި ހިދުމަތް ދޭކަމަށް ވާހަކަ ދެކެވެ އެވެ. ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައިވެސް ފުޅާ ދާއިރާއެއްގައި އިޝްތިހާރުކޮށް މި ހިދުމަތް ދެމުންނެވެ.
ހަށި ވިއްކުމުގެ ވިޔަފާރީގައި ގިނަ އަދަދަކަށް ބިދޭސީން މަސްއޫލުވާއިރު ބައެއް ދިވެހިންވެސް މިފަދަ މައްސަލަތަކުގައި މީގެ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ.