ރިޕޯޓް ލައިފްސްޓައިލް

މަލްސާ:ކަޅު އަނދިރީގެ ތެރެއިން ވިދާލި އެންމެ އަލިގަދަ ތަރި!

ޢާއިޝަތު ނުހާ ، ދެން އޮންލައިން

މާނަވީ ބަހެއްގައި ބުނެފައި ވެއެވެ. އެންމެ އަލިގަދަ ތަރިތައް ފެންނާނީ އެންމެ ކަޅު، އަނދިރީގެ ތެރެއިންނެވެ. ށ.ފޯކައިދޫ އުމުރުން 16 އަހަރުގެ މަލްސާ އަސްލަމް އަބަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ މިއީއެވެ. ކޮންމެ ދަތި އުނދަގުލެއްގެ ފަހަތުގައި ފަސޭހަކަމެއް އޮންނާނޭ ކަމާއި ކޮންމެ ކަޅުފޮއި ރެއެއް ވެސް އަލިވިލޭނީ ފަތިހަކަށްކަން އޯލެވެލްއަށް ތައްޔާރުވަމުން ދިޔަ އޭނާ ދިޔައީ އޭނާގެ ނަފްސަށް އަބަދުމެ ހަނދާންކޮށްދެމުންނެވެ.

Ads by STELCO

މި ފަލްސަފާގައި އެތައް ދުވަހަކާއި އެތައް ރެއެއްގެ އެތައްއެތައް ވަގުތެއް ހޭދަކުރި މަލްސާއަށް ވަނީ އޭގެ އަގު ލިބިފައެވެ. މިދިޔަ އޭޕްރީލް، މެއިގައި ބޭއްވި އޯލެވެލް އިމްތިހާންގެ ގަދަ 10 ގެ 4 ވަނަ ރޭންކުން ޖާގަ ހޯދި އިރު އޭނާގެ ނަން ބޮޑުކޮށް ފަވައިލާން މި ޖެހުނީ އެ ތަރީގެ އަލިކަން ވިދައިލި ގޮތާއި ކަޅު އަނދިރިކަން ފެތުރިފައި އޮތް މިންވަރުގެ ބޮޑުކަމުންނެވެ. ކެންސަރު ބަލީގައި އޮތް ބައްޕަގެ ޚިދުމަތުގައި މަންމަ ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުނު ނަމަވެސް ،ސާބިތުކޮށްދީ މަލްސާ މި ކިޔައިދެނީ ކާމިޔާބަކީ މަސައްކަތްކުރާ މީހުންގެ ހައްގެއްކަމެވެ.

ފޯކައިދޫ ސްކޫލުން ތައުލީމީ ހަޔާތް ފެށިގެން ނިންމައިލިއިރު އޭނާއަކީ އިތުރު ހަރަކާތްތަކުގައި އުޅުނު ދަރިވަރެކެވެ. ކުޅިވަރުގެ އެކި ހަރަކާތްތަކާއި އިނގިރޭސި އަދި ދިވެހި ބަހަށް ހާއްސަކޮށް ބާއްވާ އެކިއެކި މުބާރަތްތަކުގައި މަލްސާ ބައިވެރިވިއެވެ. ސްކޫލުގައި އުޅުނުއިރު ހެލްތް ކްލަބްގެ ނައިބު ރައީސް ގޮތުގައި ވެސް ހަރަކާތްތެރިވި މަލްސާގެ ސާނަވީ ތައުލީމްގެ ފަހު އަހަރު މުޅި "ފޯކަސް" ބެހެއްޓީ އިމްތިހާނަށެވެ. އޭނާ ދުށްގޮތުގައި ތައުލީމީ އާއިލާއަކަށް އޭނާ ނިސްބަތްވުމީ ތައުލީމް ހޯދުމަށް އެންމެ ފަސޭހަވި ސަބަބެވެ.

މަލްސާ އޭނާގެ ދެ ބޭބެއާއެކު/ ފޮޓޯ: މަލްސާގެ ބޭބެ, ރާފިޢު

އެ އާއިލާގެ ތައުލީމީ ކާމިޔާބުގެ ފަހަތުގައިވާ އެއް ބައިވެރިއަކީ މަލްސާގެ ކާފަ, ރަށުގެ ކުރީގެ ގާޒީ އަލީ މޫސާއެވެ. ކޮންމެ ދަރިއެއް, ކާފަ ދަރިއެއްގެ ކާމިޔާބުގެ ބައިވެރިއަކަށް އެ ކާފަ ވީ ކަމީ މިއަދު ވެސް އެ އާއިލާ އުފާކުރާ ކަމެކެވެ. މަލްސާގެ ބޭބެ, މުހައްމަދު ރާފިޢުއަކީ ފޯކައިދޫ ސްކޫލްގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ގަދަ 10 ގައި ހިމެނުނު ދަރިވަރަށްވާ އިރު އޭނާގެ އެ ކާމިޔާބީގައި ކާފަ ހިއްސާވި މިންވަރު އޭނާ މިއަދު ވެސް ފާހަގަކުރެއެވެ. އަދި ހާޓް އެޓޭކެއް ޖެހި, މިދިޔަ އަހަރު ކާފަ މިދުނިޔެއާ އަލްވަދާއު ކީ ނަމަވެސް މަލްޝާގެ ކާމިޔާބީގައި ކާފަގެ ހިއްސާ ބޮޑުކަން އޭނާ ފާހަގަކުރެއެވެ.

ކެންސަރު ބަލީގައި މަލްސާގެ ބައްޕަ, 3 އަހަރު!

ކޮވިޑްގެ ރާޅު ބޯމަތިވެފައި ވަނިކޮށް 2021ވަނަ އަހަރުގެ ކުރީކޮޅު މަލްސާގެ ބައްޕަ, އަހުމަދު އަސްލަމް (49އ)ގެ ދުލުގައި ތަފާތު އެއްޗެއް އިނދެގެން, އޭގެ ފޮޓޯއަކާ އެކު އާއިލާއިން އެޗްޕީއޭއަށް އެންގީ މާލެ އައުމުގެ ހުއްދައަކަށް އެދިއެވެ. ފަހަރުގައި ވެސް އެއީ ކެންސަރުގެ އަލާމަތެއް ނުވަތަ ކެންސަރަށް ވެދާނެ ކަމަށް ވެސް ހީކޮށެއް ނޫނެވެ.

އެޗްޕީއޭގެ ހުއްދައާ އެކު މާލެ އައިސް ބަޔޮޕްސީ ޓެސްޓެއް ހެދިއިރު އަސްލަމަށް ކެންސަރު ޖެހިފައިވާ ކަން އޭނާގެ ފިރިހެން ދަރިފުޅު, ރާފިޢު ކިޔައިދިނެވެ. އަދި އެކަމުގެ ސަބަބުން އަސްލަމްގެ ދުލުގެ 40 އިންސައްތަ ނަގައިފައިވާ ކަމަށް ވެސް ރާފިއު ބުންޏެވެ.

މަލްސާ އޭނާގެ ބައްޕަ, އަސްލަމްއާއެކު/ ފޮޓޯ: މަލްސާގެ ބޭބެ, ރާފިޢު

"ކެންސަރުގެ ބޮޑު އޮޕަރޭޝަނެއް ބައްޕަކޮށް. ދުލުގެ 40 ޕަސެންޓް ނަގައި އެތަނަށް މަސްކޮޅެއް ލައްވައިފައި (ހުރީ)"

އެއަށް ފަހު މިދިޔަ އަހަރާ ޖެހެންދެން ވެސް އަސްލަމްގެ ފަރުވާއަށް މާލެއާއި ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް މުޅި އާއިލާއިން ހޭދަކުރަން ޖެހުނެވެ.

އޯލަވެލް އިމްތިހާނަށް ތައްޔާރުވުމަށް ސާނަވީ ގްރޭޑްތަކުގައި މަލްސާކުރަން ޖެހުނު މަސައްކަތް އުނދަގުލެވެ. އަބަދުވެސް މަލްސާގެ ހުރިހައި ކަމެއް އެންމެ ފުރިހަމައަށް ކޮށްދިނުމަށް އިސްކަންދީގެން, ފަރުވާތެރިކަމާ އެކު ގާތުގައި ހުންނަ މަންމަ އެ ދުވަސްތަކުގައި ދުރުގައި ހުރުމެވެ.

މަލްސާގެ ކިޔެވުމަށް އަސަރުކޮށްފާނެތީ ބައްޕަގެ ފަރުވާގެ ގިނަ ތަފްސީލުތައް އާއިލާއިން ސިއްރުކުރި ނަމަވެސް ބައްޕައަށް ޖެހިފައިވަނީ ކެންސަރު ކަމަށާއި ބައްޕަގެ ހާލަތު ވަރަށް ނާޒުކު ކަމަށް އޭނާއަށް ކިޔައިދީފައިވެ އެވެ. މަންމައާއި އާއިލާއާ ދުރުގައި މަލްސާގެ ކިޔެވުމުގެ އެންމެ މުހިއްމު ދުވަސްވަރު ހޭދަކުރަން ޖެހުމުން ކިޔެވުން އެހައި ބޮޑަށް ފޯކަސް ނުދެވުނުކަން ބޭބެ ވެސް ފާހަގަކުރެއެވެ.

މަލްސާއަކީ އޭނާގެ ވާހަކަތައް ހިއްސާކޮށް އުޅޭ ކުއްޖަކަށް ނުވާކަން ފާހަގަކުރަމުން ރާފިޢު ބުނީ އެ ދުވަސްވަރު މަލްސާ ރުއީ ކަމެއް ނޫނީ ކަމެއް ނުވާ ކަމަށް ހަދައިގެން ހިތްވަރުކޮށްފައި އުޅުނީކަމެއް ނޭނގޭ ކަމަށެވެ.

މަލްސާ އަސްލަމް އޭނާގެ މަންމަ އަދި ބައްޕައާއެކު/ ފޮޓޯ: މަލްސާގެ ބޭބެ,ރާފިޢު

"ވަރަށް ސްޓްރޯންގްކޮށް އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކޮށްފައި ހުރި ކަމަށް ފާހަގަކުރެވޭ"

އަސްލަމްގެ ކީމޯ ތެރަޕީއަށް ދެ އަހަރު ވެގެން ދިޔައިރު މި މަހުގެ 13 ވަނަ ދުވަހު ކީމޯ ތެރަޕީ އެންމެ ފަހު ސެޝަން ވަނީ ނިންމައިލައިފައެވެ. މިހާރު އެ މީހުން ތައްޔާރުވަމުންދަނީ އިންޑިއާއަށް ގޮސް ސްކޭން ހެދުމަށެވެ. އެ ސްކޭނުން އަސްލަމްގެ ކެންސަރުގެ ފަހުގެ މައުލޫމާތު ސާފުވާނެއެވެ.

މަލްސާ ދެކެން ބޭނުމީ ބައްޕައެއްކޮށް ރަނގަޅުވުން

އުންމީދު ކުރި ނަތީޖާއާ ހިސާބަށް ވާސިލުނުވި ނަމަވެސް ހާސިލުކުރެވުނު ނަތީޖާއާ މެދު މަލްސާ ހިތްހަމަޖެހެއެވެ. އޭނާ ބޭނުންވީ ބައްޕައާއި މުޅި އާއިލާ ވެސް އުފާވާ ވަރުގެ ނަތީޖާއެއް ގެނައުމަށެވެ.

"އެންމެ ދެކެން ބޭނުންވާ ދުވަހަކީ ބައްޕައެއްކޮށް ރަނގަޅުވުމާއި, އޭލެވްލްގައި ވެސް މި ފަދަ ރަނގަޅު ނަތީޖާއެއް ލިބުން"

ސައިންސް ސްޓްރީމްއިން ކުރިއަށްދާ މަލްސާ މަތީ ތައުލީމް ހާސިލުކުރަން ނިންމައިފައިވާ ދާއިރާއެއް އަދި ނުނިންމައެވެ.

‎"ބައްޕަގެ އިތުރުން މަންމަ ވެސް ވަރަށް އެހީތެރިވި. ދެން ދެ ބޭބެ ވެސް ވަރަށް ރަނގަޅު. ލިބުނު ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އާއިލާއާއި ދޮންބެ ދައްތަގެ އެހީތެރިކަން. ޝުކުރު އަދާކުރަން ބޭނުންވަނީ އާއިލާގެ އިތުރުން ޓީޗަރުންނަށް"

އާއިލާއިން މަލްސާ ސިފަކުރަނީ ހިތްވަރު ގަދަ ކުއްޖެއްގެ ގޮތުގައި

މަލްސާއާ ގުޅޭ ގޮތުން އޭނާ ބައްޕަ ބުނީ އެއީ ފޫހި ކަމެއް ނެތި ކިޔަވަން މަސައްކަތް ކުރި ކުއްޖެއް ކަމަށެވެ. އިމްތިހާނަކަށް ތައްޔާރުވަމުންދާ އިރު އަބަދުވެސް ނޯޓްތައް ލިޔެ، ތަންތަނުގައި ތަތްކޮށް ، ކިޔެވުމުގެ ޝައުގުވެރިކަން އޭނާގެ ކިބައިން ފެންނަކަމަށް ބައްޕަ ފާހަގަކުރިއެވެ. އެހެންކަމުން މަލްޝާގެ ކިޔެވުމަށް ދަތި ނުވާނޭހެން ކަންކަން ތަރުތީބުކުރުމަށް އާއިލާއިން އަބަދުވެސް އިސްކަންދެއެވެ.

މަލްސާ / ފޮޓޯ: މަލްސާގެ ބޭބެ, ރާފިޢު

"މަލްސާއަކީ ވަރަށް ހިތްވަރު ގަދަ އަހުލާގު ރަނގަޅު ކުއްޖެއް ފޫހިކަމެއް ކިޔަވަން މަސައްކަތް ކުރި ކުއްޖެއް."

މަލްސާގެ ބޭބެ ބުނީ ކޮންމެ ކިޔެވުމުގައި އުނދަގޫ ކަމެއް ދިމާވެއްޖެ ނަމަ, ވަކި މާއްދާއެއްގެ ވަކި މައުލޫއެއް އުދަނގޫވިޔަސް އެހީތެރިކަމަށް އެދޭނެ ކަމަށެވެ. އަދި އެކަމަށް އޭނައަށް އެހީތެރިވި ކަމަށް ރާފިޢު ބުންޏެވެ.

"އެންމެން ސަފްރައިޒް ކޮށްލާ ކަހަލަ ރިޒަލްޓެއް ގެނައި ކުއްޖެއް"

އޯލެވެލް އިމްތިހާން ނިންމުމަށް ފަހު އޭލެވެލްއަށް ކިޔެވުމުގެ ތައްޔާރީތައް ވަމުންގެންދާ މަލްސާގެ މިހާރުގެ އަަމާޒަކީ ހަމަ އެންމެ އަމާޒެކެވެ. އެއީ އޯލެވެލް އިމްތިހާނުން ވެސް ރަނގަޅު ނަތީޖާއެއް ހޯދުމެވެ. ބައްޕަގެ ބަލި ޙާލަތު އެއްކޮށް ރަނގަޅުވެ، އަލުން ދިރިއުޅުމުގެ ޖައްވަށް ބަލައިލާއިރު އެންމެ އަލި ގަދަ ތަރިއަކަށް މަލްޝާ ފެނިގެން ދިޔުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!