ކަންގަނާ ދޮގު ހެދިކަމަށް ބުނެ ލަދު ގަންނަވާލައިފި
ބޮލީވުޑް ބަތަލާ އަދި އިންޑިއާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނައުތު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ދޮގު ހެދިކަމަށް ބުނެ ސަޕޯޓަރުން އޭނާ ލަދު ގަންނަވާލައިފި އެވެ.
"އެމަޖެންސީ" ފިލްމުގެ ޕްރޮމޯޝަންގައި މިހާރު ހަރަކާތްތެރިވަމުންދާ ކަންގަނާ ދަނީ ޓީވީތަކާއި ނޫސްތަކަށް ފިލްމުގެ ޕްރޮމޯޝަން އިންޓަވިއުތައް ދެމުންނެވެ. މި އިންޓަވިއުތަކުގައި ފިލްމީ ދާއިރާއާއި ގުޅުންހުރި އެހެން ވާހަކަތައްވެސް އޭނާ ދަނީ ހިއްސާ ކުރަމުންނެވެ.
އެގޮތުން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ އިންޑިއަން ސިނަމާގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ބަޖްރަންގީ ބައިޖާން، ސުލްތާން އަދި ސަންޖޫވެސް އެންމެ ފުރަތަމަ ހުށަހެޅީ އޭނާއަށް ކަމަށެވެ. އެހެންނަމަވެސް އެފިލްމުތަކުގައި ބަތަލާގެ ރޯލު ކުޑަކަމުން ކުޅެން ބޭނުން ނުވީކަމަށް ކަންގަނާ ބުންޏެވެ. މި ތިން ފިލްމަކީވެސް އެންމެ ގިނަ އާމްދަނީ ހޯދި ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ފާހަގަކޮށްލެވޭ ފިލްމުތަކެވެ.
އިތުރު ވާހަކަތައްވެސް ކަންގަނާ ދެއްކި އެވެ. އެގޮތުން ސަންޖޭ ލީލާ ބަންސާލީގެ ކާމިޔާބު ފިލްމު "ރާމް ލީލާ" ގައި ހަމަ އެނަމުގައި ހިމެނުނު އައިޓަމް ލަވަ ޕްރިޔަންކާ ޗޯޕްރާގެ ބަދަލުގައި ފުރަތަމަ ހުށަހެޅީ ކަންގަނާއަށްކަމަށް އޭނާ ބުންޏެވެ. މިއީ މީގެ ކުރިން އެއްވެސް ނޫހަކުން އަދި ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވެސް ހާމަކުރި މައުލޫމާތެއް ނޫނެވެ.
2012 ވަނަ އަހަރުގެ ފިލްމު "ރާމް ލީލާ" އަށްފަހު އެފިލްމުގެ ވާހަކަ ދައްކަމުން ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ބަންސާލީ ވަނީ އެ ލަވައާއި ގުޅޭގޮތުން މީގެ ކުރިން ވާހަކަ ދައްކައިފަ އެވެ. އެގޮތުން އެލަވަ އެންމެ ފުރަތަމަ ހުށަހެޅީ ބަތަލާ އައިޝްވާރިޔާ ރާއީއަށް ކަމަށް އޭނާ ބުންޏެވެ.
މި ލަވައިގެ ވާހަކަ ކޮރިއޯގްރަފާ ސަރޯޖް ހާންވެސް މީގެ ކުރިން ދެއްކި އެވެ. އެންމެ ފުރަތަމަ އެލަވައިގެ ކޮރިއޯގްރަފީ ހަދަން ހަމަޖެހުނީ ސަރޯޖް އެވެ. އޭރު ލަވައިގެ ނަމަކީ "ތައްޕަޅުސޭ ޑަރް ނެހީ ލަގްތާ، ލަގްތާހޭ ޕިޔާރުސޭ" އެވެ. ފަހުން ލަވައިގެ ލިރިކްސް ބަދަލު ކުރީ އެއީ ސަލްމާން ހާންގެ މަޝްހޫރު ޑައިލޮގަކަށް ވާތީ އެވެ. އެލަވައިގެ ހޫކް ސްޓެޕަކީ ސަރޯޖްގެ ސްޓެޕެއް ކަމަށް ބުނެ އޭނާ ކަންބޮޑުވުންވެސް އޭރު ފާޅު ކުރި އެވެ. ކަންގަނާގެ ވާހަކަ ސަރޯޖްވެސް ހާމައެއް ނުކުރެ އެވެ.
ރާމް ލީލާއާއި ގުޅިގެން ކަންގަނާ ދެއްކި ވާހަކަތައް ވައިރަލް ވުމުން ބޮލީވުޑް ސަޕޯޓަރުން އޭނާއަށް ރައްދު ދިނެވެ. އެގޮތުން ކަންގަނާ މިހާރު ދަނީ އެކި ރޯލުތަކާ ގުޅިގެން ކާމިޔާބުކަން ދައްކަން ދޮގު ހަދަމުން ކަމަށް ސަޕޯޓަރުން ބުންޏެވެ. ކަންގަނާއަށް އެތައް ހާސް ބަޔަކު އެކި ޕްލެޓްފޯމުތަކުގައި އަންނަނީ ރައްދު ދެމުންނެވެ.
ކަންގަނާއަކީ އަބަދުވެސް އޭނާ ދައްކާ ވާހަކަތަކާ ގުޅިގެން ހޫނު ފެނަށް ވެއްޓޭ ބަތަލާ އެކެވެ. މީގެ ސަބަބުން ބައެއް ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުން އޭނާއާއެކު މަސައްކަތް ކުރަންވެސް ދެކޮޅު ހަދަ އެވެ. ބޮލީވުޑްގެ ގިނަ އެކްޓަރުންނާ ކަންގަނާއާއި ގުޅުންވެސް ވަރަށް ގޯހެވެ.