ޚަބަރު ވިޔަފާރި

ޑޮލަރުން ޓެކްސް ނެގުމަށް ތާއީދު ކުރަން: މަޓާޓޯ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރުން ޓެކްސް ދެއްކުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ތާއީދުކުރާ ކަމަށް ބުނެފި އެވެ.

Ads by Sosun Fihaara

މަޓާޓޯ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އިސްލާހު ގެނުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ކަންކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަމެއްތޯ ބެލުން ކަމުގައިވީއިރު، ޑޮލަރުން ލިބޭ އާމްދާނީން ޑޮލަރުން ޓެކްސް ނެގުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އަދި ސަރުކާރުން މުދަލާއި ހިދުމަތުގެ އަގަށް ގެންނަން އުޅޭ ބަދަލަކީ އިގްތިސާދަށް ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށްވެސް މަޓާޓޯ އިން ބުންޏެވެ.

ސަރުކާރުގެ މާލީ މަގުސަދުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގެ މަސްލަހަތު ހިމާޔަތްކޮށް، އިގުތިސާދަށް ފައިދާ ކުރާނެ ގޮތަކަށް ޖީއެސްޓީ ނެގުމުގެ ސިޔާސަތުތަކަށް ގެނެވޭ ކޮންމެ ބަދަލެއް ތަންފީޒު ކުރުމަށް ވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް މަޓާޓޯ އިން ބުންޏެވެ. އަދި އެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމާފައިވާ ކަންކަމަށް ފުރިހަމައަށް މަޓާޓޯއިން ތާއިދުކުރެ އެވެ.

"އަދި މި މުހިންމު ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކޮށް އެއްބާރުލުން ދެމިއޮންނާނެ ކަމަށް އުއްމީދު ކުރަމެ" މަޓާޓޯ އިން ބުންޏެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހަރަދު ކުޑަކޮށް، މާލީ ސިޔާސަތުތައް އިސްލާހު ކުރުމުގެ އެޖެންޑާއެއް ތަންފީޒު ކުުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް މަޓާޓޯއިން ތާއިދުކުރާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، އެމެރިކާ ޑޮލަރުން ނަގަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!