ޚަބަރު އިޖުތިމާޢީ

މީޑިއާތަކާ ގުޅޭ ގޮތުން ރައީސް އޮފީހުން 74 ޝަކުވާއެއް ހުށަހެޅި: އެމްއެމްސީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އެމްއެމްސީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލަށް އަހަރުގެ މިހާތަނަށް 79 މައްސަލައެއް ވަނީ ހުށަހަޅާފައި / ފޮޓޯ:އެމްއެމްސީ

މީޑިއާތަކާ ގުޅޭގޮތުން އެ ކައުންސިލަށް އަހަރުގެ މިހާތަނަށް ހުށަހެޅި ޝަކުވާތަކުގެ 94 އިންސައްތަ ހިއްސާ ކުރަނީ ރައީސް އޮފީހުން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހާމަކޮށްފި އެވެ.

Ads by MWSC

އެމްއެމްސީއަށް ހުށަހަޅާފައިވާ ތަފާސް ހިސާބުގެ ރިޕޯޓު އިއްޔެ ހިއްސާކޮށްފައިވާއިރު އެ ކައުންސިލަށް މި އަހަރުގެ މިހާތަނަށް 79 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އެއީ މިދިޔަ 14 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މައްސަލަ ހުށަހެޅުނު ފަހަރު ވެސް މެ އެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު 55 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ދިވެހި މީޑިއާތަކާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާގެ އަދަދު: (މީގެ ތެރެއިން ބައެއް ސައިޓް ތަކަކީ ރަޖިސްޓްރީނުކޮށް ހިންގާ ތަންތަނެވެ.)

  • ދިޔަވަރު - 59 ޝަކުވާ
  • ދުންމާރި - 5 ޝަކުވާ
  • ދޮންއަމާ - 4 ޝަކުވާ
  • ތޭރަ އޮންލައިން - 3 ޝަކުވާ
  • ކުރުސީ - 3 ޝަކުވާ

މީޑިއާތަކާ ގުޅޭގޮތުން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ ރައީސް އޮފީހުންނެވެ. އެ އޮފީހުން 74 ޝަކުވާ ހުށަހެޅި އެވެ. އެއީ ހުށަހަޅާފައިވާ ޖުމްލަ ޝަކުވާގެ 94 އިންސައްތަ އެވެ. އެހެނިހެން ފަރާތްތަކުން ހުށަހަޅާފައި ވަނީ އެންމެ ފަސް ޝަކުވާ އެވެ.

މި އަހަރުގެ ތެރޭގައި "ދެންމެ" ނަމުގައި ހިންގާ ވެބްސައިޓުން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފަށް ލިޔުންތައް ޝާއިއު ކުރަމުން ގެންދާތީ އެފަދަ ކަންކަން ނުކުރުމަށް އިންޒާރު ދިނެވެ. އެހެން ނަމަވެސް އިންޒާރަށް ބެލުމެއް ނެތި ތަކުރާރުކޮށް އެކަން ކުރަމުން ގެންދާތީ "ދެންމެ" ވެބްސައިޓް ބްލޮކް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައި ވެބްސައިޓް ވަނީ ބްލޮކް ކޮށްފަ އެވެ.

ކައުންސިލަށް ލިބުނު 79 ޝަކުވާގެ ތެރެއިން ޝަކުވާ ބަލާ ކޮމިޓީން 30 ޝަކުވާއަށް ވަނީ ގޮތެއް ކަނޑައަޅާފަ އެވެ. އޭގެ ތެރެއިން 20 ޝަކުވާ ނިމިފައި ވަނީ ޝަކުވާ ހުށަހެޅި ފަރާތާ އެއްކޮޅަށެވެ. ނޫހާއި އެއްކޮޅަށް ނުވަ މައްސަލައެއް ނިމުނުއިރު، ނުވަ މައްސަލައެއް ނުބަލަން ވަނީ ނިމިފަ އެވެ. އަހަރުގެ މިހާތަނަށް އެ ކޮމިޓީން 13 ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

އެމްއެމްސީގެ މަސްއޫލިއްޔަތަކީ މީޑީއާއިން ޝާއިއުކުރާ ތަކެއްޗާއި ފެންނަ މަންޒަރުތަކާއި އިވޭއަޑުތަކާއި މީޑިއާއިން ލިބޭ މައުލޫމާތާ ބެހޭ ގޮތުން އުފެދޭ ޝަކުވާތައް ކައުންސިލަށް ހުށަހެޅުމަށް ހިތްވަރު ދިނުމެވެ.

ކައުންސިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި:

  • މީޑިއާގެ މިނިވަންކަން ދެމެހެއްޓުމާއި އެ މިނިވަން ކަމަށް އުނިކަން އަންނަ ކަންކަން ބަލައި ފިޔަވަޅު އެޅުން
  • މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލު ކުރަންވީ ހަމަތަކާއި އެ ފަރާތްތަކުގެ އަހުލާގީ މިންގަނޑުތައް އެކަށައެޅުން
  • މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ހިދުމަތްދޭ ދާއިރާތަކުން މަސައްކަތް ކުރަނީ ޒިންމާދާރު ގޮތެއްގައި އަހުލާގީ މިންގަނޑުގެ ތެރޭގައިކަން ކަށަވަރު ކުރުން
  • މީޑިއާ ކައުންސިލުގެ ގާނޫނުގައި ހިމެނިގެންވާ އުސޫލުތަކާއި ގާނޫނުގެ ދަށުން އެކަށައަޅާ ހަމަތަކާއި އަހުލާގީ މިންގަނޑުތަކާ ހިލާފަށް ހިނގާ ކަންތައްތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުން

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!