ޚަބަރު އިޖުތިމާޢީ

ސްމާޓް މީޓަރުން ބިލަށް އަރާވަރު ވަގުތުން ބެލޭނެ: ސްޓެލްކޯ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ސްމާޓް މީޓަރާ އެކު ވަގުތުން ވަގުތަށް ބިލަށް އަރާވަރު ކަސްޓަމަރުންނަށް ފެންނާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

Ads by STELCO

ސްމާޓް ގްރިޑްގެ ބެކްބޯން ސްޓްރަކްޗާގެ މަސައްކަތް ނިމިފައި ވުމާ އެކު، މިހާރު މަސައްކަތް ކުރަމުން ދަނީ ސްމާޓް މީޓަރުގެ ހިދުމަތް ފެށުމަށް ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މި އަންނަ ހަފުތާގެ ތެރޭގައި ސްމާޓް މީޓަރު މަސައްކަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ސްމާޓް މީޓަ ސިސްޓަމް އައީމާ، ރިއަލްޓައިމް ބިލިން އެވަގުތުން ވަގުތަށް އަދި މީޓަރަށް އަރާ އަދަދު ވެސް ފެނިގެންދާނެ،" ފަހުމީ ވިދާޅުވި އެވެ.

އޭގެ އިތުރަށް ސްމާޓް މީޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ އޭސީގެ ކޮންސަމްޝަން މައްސަލައެއް ހުރިތޯ ބެލޭނެ ކަމަށެވެ.

ސްމާޓް މީޓަރު ތައާރަފުކުރާއިރު މީޓަރު އިންސްޓޯލް ކޮށްދޭނީ ހިލޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ. މިހާރު ހުރި ބާ މީޓަރުތައް ނަގާފައި ސްމާޓް މީޓަރު އަޅުވައިދޭނީ ހިލޭ ކަމަށް އެމްޑީ ވިދާޅުވި އެވެ. މީޓަރަކީ އަގު ބޮޑު އެއްޗެއް ނަމަވެސް ސްޓެލްކޯއިން އެކަން ކޮށްދޭނީ އެ ކުންފުނީގެ ހަރަދުގަ އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރު ހިދުމަތްދީ ނިންމުން،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ ސްމާޓް މީޓަރު ސިސްޓަމަށްދާއިރު، ކަރަންޓު ބިލު ނެގުމުގައި މިހާރު ހުރި ގެޕާ އަރާހަމަކުރަން ޖެހޭ ކަމަށެވެ. އެ ގެޕަށް ދޭނެ ލުއިތަކާ މެދު އަދި ގޮތެއް ނުނިންމި ނަމަވެސް އެކަން ކުރާނީ ރައްޔިތުންނަށް ރަނގަޅުވާނެ ގޮތަށް ކަމަށެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ގާތްގަނޑަކަށް 7،000 ސްމާޓް މީޓަރުގެ އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ސްމާޓް ގްރިޑްގެ ބެކްބޯން މެދުވެރިކޮށް އެ މީޓަރުތަކުން ޑޭޓާ ނެގެން ފެށޭނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެ އެވެ.

Ads by Allied Insurance
  1. ޝަހޫނާ

    ކޮންމެ މީޓަރެއް ބެހެއްޓިއަސް ސްޓެލްކޯއިން ބިލް ބޮޑުނުކުރާނެ އެއްވެސް ގޮތެއް ނޯންނާނެ، ތި އުޅެނީ އަނެއްކާވެސް ދިވެހިން ފެލައިގެން މީޓަރ އަޅުވަންކަން އެނގޭ، ފަހުމީ އާއި އީސީ ޝަރީފް ހީކުރީ މިއީ އިންޑިއާގެ ގަމާރު އަވަށެއްކަމަށް ދޯ! މީ ދިވެހި ރާއްޖެ. މީޓަރު ގަންނަނަން މަޖުބޫރު ކުރުވާނީ، އޭރުން އެމީހުން ބޭނުންވާ ކަޓްލައިގެން ފަހުމީ އަށް މިލާރިގަނޑު ކެވޭނީ، ހަމަ ވާނީ މަގުމަތީ ޖެހި ޢީދު ލައިޓްތަކަށް ވީވަރު