މާލޭން ސްލަމް ގޮތްގަނޑު ދުއްވާލަން ޖެހޭ: މޭޔަރު
ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތްކޮށް މާލެއިން ސްލަމް ގޮތް ދުއްވާލައި އާބަން ސެންޓަރެއްގެ ސިފަ ގެންނަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖް ކުރުމުގެ މަސައްކަތް ލާޒިމްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ކަންކަން ކުރުމަށް ސަރުކާރުން ވަނީ ވަކި ކުންފުނިތަކަކާ ހަވާލުކޮށްފައި ކަމަށެވެ. އެހެންކަމުން ކުންފުނިތަކުން އެ ކަންކަމުގައި ގެންގުޅެމުންދާ ޕްލޭންތައް ދެނެގަންނަން ބޭނުންވާކަން ފާހަގަކުރެއްވި އެވެ.
"މާލޭގައި މިހާރު އާބާދީ އިތުރު ވަމުންދާ ގޮތާއި އިމާރާތްތައް ހެދެމުންދާ ގޮތާ. މި ހުރިހާ ކަމަކަށް ބަލާ ކަމަށްވަންޏާ މާލޭގެ އަޑީގައި މިހިރަ އެއްޗިއްސަކީ އެ އެއްޗިއްސަށް ކެތްވާވަރުގެ އެއްޗިއްސެއް ނޫން. މާލޭގެ ރައްޔިތުންނަށް އެނގެން ޖެހޭ މާލޭގެ އަޑި އޮތް ގޮތް،" އާޒިމް ވިދާޅުވި އެވެ.
ވިދާޅުވި ގޮތުގައި މާލޭގައި އިމާރާތްތައް އަޅައި، ދިރިއުޅުން ބަދަލުކުރާއިރު މި ސިޓީގެ "ފެނުގެ ނިޒާމް ވަރަށް ލިމިޓެޑް ކެޕޭސިޓީއެއްގައި އެ ހުރީ، ކަރަންޓު ވެސް އެހުރީ ހަމަ އެގޮތަށް. ފާހާނަ ހޮޅިތައް ވެސް އެހެރީ ހަމަ އެކަހަލަ ގޮތަކަށް،" ކަމުގަ އެވެ. އޭގެ އިތުރުން ވޭސްޓް މެނޭޖްމަންޓްގެ މަސައްކަތް ކުރުމުގައި ބިމުގެ ދަތިކަމާ ކުރިމަތިވެފައިވާ ކަމުގަ އެވެ.
މޭޔަރު ދެކިވަޑައިގަންނަވާ ގޮތުގައި ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން އެއްތާކު ތިބެގެން ކަންކަމާ މަޝްވަރާކޮށް ރަނގަޅު ޕްލޭނެއް އެކުލަވާލުމަކީ ބޭނުންތެެރިކަމެއް ކަމުގަ އެވެ. މާލެ ސިޓީ ކައުންސިލުގެ އަމާޒަކީ 2050 ވަނަ އަހަރަށް ތަސައްވަރެއް އޮވެގެން ރަނގަޅު ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުން ކަމުގަ އެވެ. އެކަމަށް ކައުންސިލުން އާބަން ޕްލޭނާއެއް އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"މާލެ ތެރެއަށް އާބަން ސެންޓަރެއް ގޮތަށް ސިފަ ގެނައުމަށް ޓަކައި، ސްލަމް ގޮތްގަނޑު ދުއްވާލުމަށް ޓަކައި އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތްތައް އަޅުގަނޑުމެން ކުރަން ފަށާނަން،" އާޒިމް ވިދާޅުވި އެވެ.
މިއީ ބަދަލުވާން ޖެހޭ ކަމެއް ކަމަށާއި އެންމެން އެއްކޮށް މަސައްކަތް ކޮށްފި ނަމަ ބަދަލު ގެނެވޭނެކަން މޭޔަރު ފާހަގަ ކުރެއްވި އެވެ.