ޚަބަރު

ބޮޑު ފީއެއް އެއްފަހަރާ ދައްކައިގެން ރިސޯޓު ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރެވޭ ގޮތަށް ހަދައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކެބިނެޓް ބައްދަލުވުމެއްގައި ރައީސް މުއިއްޒު

ބޮޑު ފީއެއް ދައްކައިގެން ރިސޯޓު ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރެވޭ ގޮތަށް ޓުއަރިޒަމް ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

Ads by Hajj Corporation

ރައީސް މުއިއްޒު ދެންމެ ތަސްދީގު ކުރެއްވި ބިލުގައި ބުނާ ގޮތުން ރިސޯޓު ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރެވޭނީ ވަން އައިލެންޑް ރިސޯޓު ހިންގަން 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި ޓުއަރިޒަމް އިންޓެގްރޭޓެޑް ރިސޯޓަކުން 50 އަހަރަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމަށެވެ.

އެ ގޮތުން ރިސޯޓެއް ނުވަތަ ބިމެއް ޖުމުލަ 99 އަހަރަށް ކުލީގެ މުއްދަތު އިތުރުކުރެވޭނީ ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ފީއެއް "އެއްފަހަރާ" ދެއްކުމުން ކަމަށް ބިލުގައިވެ އެވެ. ހަ މަސް ދުވަހަށް ވުރެ ފަހުން ދައްކާނަމަ "އެއްފަހަރާ" 10 މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ.

ރިސޯޓު ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރެވޭނީ މިހާރު ދައްކަން ކަނޑައަޅާފައިވާ ބޮޑު ފީގެ އިތުރުން ކުއްޔަށް ހިފާފައިވާ ފަރާތުން ސަރުކާރަށް ދައްކަން ޖެހޭ އެއްވެސް ކުއްޔެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ ޓެކުހެއްވާނަމަ އެ ދައްކައި ހަލާސްކޮށްފައިވާން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

މިހާރު ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ހަލާސް ކުރުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވާނަމަ މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު ދައްކަން ޖެހެ އެވެ.

އަދި ހަ މަސް ދުވަހުގެ ފަހުން ފައިސާ ދައްކައި ޚަލާސް ކުރުމަށް ކުއްޔަށް ހިފާ ފަރާތުން އެއްބަސްވާނަ، މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދެ ލައްކަ އެމެރިކާ ޑޮލަރު ދައްކަން ޖެހޭ ގޮތަށް ވެސް ކަނޑައަޅާފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާ އަބްދުالله ރަޝީދު ހުށަހެޅުއްވި މަޖިލީހުން ފާސްކުރީ މި މަހުގެ 19 ވަނަ ދުވަހުގަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!